އިންޓަނޭޝަނަލް ބްރޭކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބު ވާދަކުރި މެޗު، ބިސް ބުރު ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބިސް ބުރުން ބުރު ސްޕޯޓްސް ކްލަބު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ބުރުން އޮތީ މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. އަލަށް ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ބިސް ބުރުން އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން އޮތީ މޮޅުވެފައެވެ. އެއީ ހއ. ދިއްދޫ ކައިރިންނެވެ. ދެން ކުޅުނު މެޗުގައި ކްލަބު އީގަލްސް އަތުންވީ ބައްޔެވެ. ބުރުން ދިއްދޫ ކައިރިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ކައިރިންވެސް އޮތީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާގިނަ ހަމަލާތަކެއް ފެނިގެން ނުދެއެވެ. ބުރު ސްޕޯޓްސް ކްލަބުން ފުރަތަމަ ހާފު ޑޮމިނޭޓް ކޮށްފައިވާ އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އެޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން ބުރުން ވަނީ ނުރައްކާވެސް ކޮށްފައެވެ. އެގޮތުން 16 ވަނަ މިނެޓުގައި އަބްދުﷲ ޔާމީން (ޔާނު) އަރިމަތިން ނަގައިދިން މަސައްކަތްކުރި ބޯޅަ ވަނީ ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެފަހުން 29 ވަނަ މިނެޓުގައިވެސް ޔާމީނަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ޔާމީން މެޗުގެ ފުރަތަމަ ގޯލް ޖަހައިދިނީ 30 ވަނަ މިނެޓުގައެވެ. ހަލީލް ގަމާލް މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް ޖައްސާލި ބޯޅައިގައި ޔާމީން ގޯލް ހުޅުވާލީ ކީޕަރު ކައިރިން ޗިޕް ކޮށްލައިގެން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް މާގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައި ނުވާ އިރު، 58 ވަނަ މިނެޓުގައި ޔާމީން ތަނަވަސްކުރި ފުރުސަތެއްގައި ޔޫސުފް ޝާހިދު ވަނީ ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާއަށް ރަނގަޅަށް ބޯޅައިގައި ޖައްސާލެވޭ ގޮތެއް ނުވިއެވެ. މެޗުގައި ބިސް ބުރަށް އިތުރު އުނދަގޫތަކެއް ދިމާވީ ދެވަނަ ރީނދޫ ކާޑަކާއެކު ބިސް ބުރުގެ އުލޫފް އަހުމަދަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެއީ ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑެކެވެ.
އޭގެފަހުން ބުރުން މެޗުގެ ކޮންޓްރޯލް ނަގައިގެން މޮޅެއް ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް، 78 ވަނަ މިނެޓުގައި ބިސް ބުރުން މެޗު އެއްވަރުކުރިއެވެ. އެއީ ކޯނަރެއްގައި އޭރިއާ ތެރެއިން އަލިއު އޮވޮލާބީ ފަތާއި ޖައްސާލި ބޯޅަ މަޑުމަޑުން ގޮސް ގޯލް ތެރެއަށް ވަދެގެން ބިސް ބުރުން ކާމުޔާބުކުރި ގޯލެކެވެ. އޭގެފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބިސް ބުރުން މެޗު ކާމިޔާބުކުރީ މަޖްދާން ސޯލިހް ކާމިޔާބުކޮށްދިން ގޯލުންނެވެ.
މިރޭ ލީގުގައި އޮންނަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ނުކުންނާނީ ގދ. ގައްދުއާ ދެކޮޅަށެވެ. އެމެޗު ފަށާނީ 9:00 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް