މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި އާބަންކޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބައިބަލާ އެސޯސިއޭޝަނާއި އާބަންކޯއާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ އާބަންކޯގައި ބޭއްވި ހާއްސަ އިވެންޓްގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާތިރު އަބްދުއްރަހުމާނެވެ. ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.

އާބަންކޯއާއެކު ވެވުނު އެއްބަސްވުމާއެކު މިއަހަރުގެ މުބާރާތް ބާއްވަން އެސޯސިއޭޝަނުން ނިންމާފައި ވަނީވެސް ހުޅުމާލޭގައެވެ. ބައިބަލާ އެސޯސިއޭޝަނުން މުބާރާތުގެ ފަހުގެ ތައްޔާރީތައް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަމުންދާ އިރު، މިއަހަރުގެ މުބާރާތަށް ޓީމުތަކުންވެސް ދަނީ ފޯރިއާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

ބައިބަލާއަކީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ފޯރިއާއެކު ކުޅެވެމުންދާ ކުޅިވަރަކަށްވެފައި އޮތް އިރު، މިދިޔަ 25 އަކަށް އަހަރު ދުވަހު މުބާރާތް ބާއްވަމުން ދިޔައީ މާލޭގައެވެ. ބައިބަލާ އާންމުކޮށް ބާއްވަމުން ގޮސްފައި ވަނީ މިހާރު ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވާ ސަރަހައްދުގައެވެ. މިފަހަރުގެ މުބާރާތް ވެގެންދާނީ ރާއްޖޭގެ ބައިބަލާ ތާރީހުގައިވެސް ހުޅުމާލޭގައި މުބާރާތް ހޯސްޓް ކުރާ ފުރަތަމަ މުބާރާތަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމު ވާދަކުރި އިރު، 1،000 ވަރަކަށް ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. މިއަހަރުގެ މުބާރާތަށްވެސް އެފަދަ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް މިހާތަނަށް އޮތީ ބެލެވިފައެވެ. މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭގެ ސަރަހައްދުތަކުގައިވެސް މިހާރު ދަނީ ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ޓީނޭޖާއި ކުޑަ ހެންވޭރުގެ އިތުރުން އީގަލްސް ފަދަ ޓީމުތަކުންވެސް މިހާރު ފަރިތަކުރުންތައް ފަށާފައިވާ އިރު، ކުޅުންތެރިން އިއުލާނު ކުރުމާއި ޓްރާންސްފާގެ ކަންކަންވެސް މިހާރު ފޯރިއާއެކު ދަނީ ކުރިއަށެވެ.

މިފަހަރުގެ ބައިބަލާ މުބާރާތްވެސް ދެވަނަ އީދު ދުވަހުގައި ފެށުމަށް ތާވަލު ކޮށްފައިވާ އިރު، މި އަހަރު މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ.

ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ މުބާރާތުގެ އިތުރު ސްޕޮންސާތަކަށް އަދިވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ސްޕޮންސާޝިޕަށް ބޭނުންވާ ފަރާތްތަކުން ފޯން 7911717 ނުވަތަ 7322222 އާ ގުޅައިގެން ސްޕޮންސާޝިޕް ކަންތައް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

މިފަހަރު އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.