ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައިވެސް ޗެލްސީ ކައިރިން މޮޅުވެ، އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެމީ ފައިނަލް ޔަގީންކުރި އިރު، 2007 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އޭސީ މިލާނުންވެސް ސެމީ ޔަގީން ކޮށްފިއެވެ.
ރެއާލްއިން ރޭގެ ދެވަނަ ލެގުގައިވެސް 2-0 އިން ޗެލްސީ ކައިރިން މޮޅުވެފައިވާ އިރު، އެޓީމުން ކުއާޓާ ފައިނަލް ކާމިޔާބުކުރީ އެގްރިގޭޓް 4-0 ގެ ނަތީޖާއަކުންނެވެ. މިލާނުން އެގްރިގޭޓް 2-1 އިން ނަޕޯލީ ބަލިކޮށްފައިވާ އިރު، ރޭ ނަޕޯލީ ދަނޑުގައި ކުޅުނު މެޗުވީ 1-1 އިން އެއްވަރެވެ.
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ރޭގެ މެޗަށް ފޯވަޑް ލައިނަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، އޭނާ ފުރަތަމަ އެޓޭކިންގައި ބޭނުންކުރީ ކައި ހަވާޓްސް އެކަންޏެވެ. ބެން ޗިލްވެލްއަށް ފުރަތަމަ ލެގުގައި ރަތް ކާޑު ދައްކާފައިވުމުން ލަމްޕާޑު އެ މަގާމަށް ކުޅެން ނެރުނީ މާކް ކުކުރޭއާއެވެ. އަދި ސެންޓަ ބެކުން ޓްރެވާ ޗަލޮބާ ފެނިގެން ގޮސްފައިވެއެވެ.
ފުރަތަމަ 11 އަށް މާ ބޮޑު ބަދަލެއް ނުގެނެސް މެޗަށް ނުކުތް ރެއާލްއަށް މެޗުގެ ކުރީކޮޅުގައި އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ޗެލްސީން ވަނީ ކުރީކޮޅުގައި ގޯލަކާ ގާތަށް ޖެހިލައިފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެންގޯލޯ ކަންޓޭއަށް ލިބުނު ހުސް ދެ ފުރުސަތެއް އޭނާ އަތުން ބޭކާރު ވެގެން ދިޔައެވެ.
އޭގެ އިތުރުން އަރިމަތިން ރީސް ޖޭމްސް ނަގައިދިން ހުރަހަކުން، ކުކުރޭއާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޓުއާއެވެ.
ރެއާލްގެ ރޮޑްރީގޯ ފުރަތަމަ ހާފުގައި ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް އިރު، ރެއާލްއިން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން 58 ވަނަ މިނެޓުގައި ރޮޑްރީގޯ ރެއާލްއަށް ލީޑުވެސް ނަގައިދިނެވެ.
ޗެލްސީގެ އަރިމަތިން ކުރިއަށް ދެމިގަނެ، އޭރިއާ ތެރެއިން ރަނގަޅު ޕާސްތަކެއް ޖަހައި ރެއާލް ޖެހި ގޯލުގައި ޗެލްސީގެ ޑިފެންސުން ޗަލޮބާ ހެދި ގޯސް ފާހަގަކުރެވުނެވެ. އަދި އެ ގޯލާއެކު ރެއާލްއިން ހަމަލާތައްވެސް އިތުރު ކޮށްފައިވާ އިރު، ދެވަނަ ގޯލެއް މެޗުގައި ޖަހައި ސެމީ ޔަގީންކުރީ 80 ވަނަ މިނެޓުގައެވެ. ފެޑަރީކޯ ވަލްވާޑޭގެ އެސިސްޓްގައި އެ ގޯލުވެސް ޖެހީ ރޮޑްރީގޯއެވެ.
ލަމްޕާޑު، ޗެލްސީއާ ހަވާލުވެ މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެޓީމު ބަލިވެފައިވާ އިރު، ވެރިންނާއި ލަމްޕާޑަށް ވަނީ ސަޕޯޓަރުންގެ ޕްރެޝަރާ ކުރިމަތިވެފައެވެ.
މިލާނުން ރޭ ކުޅުނު މެޗުގައި އެޓީމަށް 22 ވަނަ މިނެޓުގައި ލީޑު ނަގަން ލިބުނު ފުރުސަތުގައި އޮލިވިއާ ޖިރޫ ޖެހި ޕެނަލްޓީ ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް ވަނީ މަތަކޮށްފައެވެ. އެ މަޔޫސްކަމުގައި މިލާން އޮއްވައި، ހާފު ނިމުމުގެ ކުރިން ޖިރޫ އެޓީމަށް ލީޑު ނަގައިދިނެވެ.
ރަފޭލް ލެއާއޯ، އަމިއްލަ ހާފު ތެރެއިން ބޯޅަ ހިފައިގެން ކުރިއަށް އަރައި، ނަޕޯލީގެ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލައި، ޖިރޫއަށް ދިން ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
ދެވަނަ ހާފުގައި މެޗު އިތުރަށް ފޯރިގަދަވެގެން ގޮސްފައިވާ އިރު، ކަވިޗާ ކަވަރަޝޭލިއާ ޖެހި ޕެނަލްޓީ މިލާންގެ ގޯލްކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފައެވެ. ޑިއޭގޯ އަރްމާންޑޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފަހު މިނެޓު ކޮޅުގައި ނަޕޯލީގެ ވިކްޓޯ އިސިމެން ގޯލެއް ޖަހައި އުންމީދު ހޯދައިދިން ނަމަވެސް، މިލާނުން ސެމީ ފައިނަލުގެ އިންތިޒާރަށް ނިމުން ގެނައެވެ.
އެންމެފަހުން މިލާނުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފަހަނަ އަޅައި ދިޔައީ 2007 ވަނަ އަހަރުއެވެ. އެފަހަރު މިލާނުން ވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު