މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ކައިރިވެފައިވާ އިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އޮތީ ވަރަށް ހަނި ފުރުސަތަކެވެ. އެއާއެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ދެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފެންނާނީ މާލޭ ސިޓީގެ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ގައްސާން ކަމަށް ބުނަމުންނެވެ.
އެކަމާ ގުޅޭގޮތުން ގައްސާން "ވަން" އަށް މިރޭ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެ ނިންމުން ބަދަލުނުވާނެ ކަމަށެވެ.
"ޕީޕީއެމުން އެވަނީ ރިޔާސީ ކެންޑިޑޭޓެއް ދައްކާފައި، ރައީސް ޔާމީނަށް ވާދަކުރެއްވޭނެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގެއް އަޅުގަނޑުގެ ނެތް،" ގައްސާން ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް އިދިކޮޅު ކޯލިޝަނުން ކުރިއަށްދާނީ ޔާމީން އަންގަވާ އެންގެވުމެއްގެ މަތިން ކަމަށެވެ.
ޑރ. މުއިއްޒު "ވަން" މިރޭ އަށް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ޔާމީނަށް ވާދަނުކުރެއްވޭ ހާލަތަކަށް ވިސްނަން ބޭނުންނުވާ ކަމަށެވެ.
"ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްދެއްވާފައި. އަޅުގަނޑު ގަބޫލުކުރަނީ ޔާމީން މިނިވަންވެވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް. ރިޔާސީ އިންތިހާބުގައި ވާދަކުރަން އަޅުގަނޑު ވިސްނާފައެއްވެސް ނުވާނެ. ހައި ކޯޓުން މިނިވަންވެވަޑައިގެން ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު