އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށްޓަކައި، ގައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމުން ކްރޮއޭޝިއާއަށް ފުރައިފިއެވެ.
މިއަހަރުގެ އޮގަސްޓް މަހަށް ތާވަލުކޮށްފައިވާ އައިއޯއައިޖީއަށް ތައްޔާރުވާން ކްރޮއޭޝިއާއަށް ގޮސްފައިވަނީ ހަތް ކުޅުންތެރިއެކެވެ. ރޭ ފުރި ޓީމުގައި ހިމެނެނީ ދެ އަންހެން ކުޅުންތެރިންނާއި ފަސް ފިރިހެން ކުޅުންތެރިންނެވެ. އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީއާއި ލައިސާ ފަތުހުﷲ އިސްމާއިލެވެ. ފިރިހެން ކުޅުންތެރިންނަކީ ގައުމީ ޗެމްޕިއަން ޝައްފާން އިސްމާއިލް، މޫސާ މުންސިފް، އަޚްޔާރު އަހުމަދު ހާލިދު، ޒީކް ހަސަން ލަތީފް އަދި ތާބިން ސުޖާއެވެ.
މި ކުޅުންތެރިންގެ އިތުރުން އައިޝަތު ރަފާ ނާޒިމް ވެސް ޓީމާ ވަރަށް އަވަހަށް ގުޅޭނެއެވެ.
ގައުމީ ޓީމުން ކްރޮއޭޝިއާގެ ޒަގްރަބުގައި ހުންނަ ހައި ޕާފޮމަންސް އެކަޑޭމީއެއް ކަމަށްވާ، އެޗްއޭއެސްޓީކޭ ލަޑޮސްޓްގައި ތަމްރީނުތައް ފުރިހަމަކުރާނީ އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.
ދިގު މުއްދަތުގެ ތަމްރީނުތަކަށް ކްރޮއޭޝިއާއަށް ދިޔަ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމުގެ ދަށުން ތަމްރީނުވަމުން އަންނަ އެތުލީޓުންނެވެ. މުންސިފަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕްގައި ތަމްރީންވަމުން އަންނަ ކުޅުންތެރިއެކެވެ.
ގައުމީ އަންހެން ޓީޓީ ޓީމުގައި ހިމެނޭ ޖުމާނާ ނިމާލާއި މިޝްކާ މުހައްމަދު އިބްރާހިމް އަންނަނީ އިންޑީއާގެ ނިއު ދިއްލީގައި ހުންނަ ސްޓެގް އެކަޑެމީގައި ތަމްރީން ހަދަމުންނެވެ.
ޓޭބަލް ޓެނިހަކީ މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅިވަރެވެ. އައިއޯއައިޖީގެ ޓީމު އިވެންޓެއްގެ ފުރަތަމަ ރަން މެޑަލް ޓޭބަލް ޓެނިހުން 2019 ގައި ގެނައި އިރު، ސައުތު އޭޝިއަން ގޭމްސްގައި ޓޭބަލް ޓެނިހުން ފުރަތަމަ މެޑަލް ހޯދީ 2019 ގައެވެ. އޭގެ ފަހުން ސަރަހައްދީ ޖޫނިއާ މުބާރާތްތަކުން މެޑަލްތައް މިދިޔަ ދެ އަހަރު ޓީޓީން ހޯދާފައިވާ އިރު، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އިންވެސް ފުރަތަމަ ގެނައި ޓީމު އިވެންޓެއްގެ މެޑަލްއަކީ ޓޭބަލް ޓެނިހުން ގެނައި މެޑަލްއެކެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް