އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި 6-1 ލީޑްސް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ރޭ ލިވަޕޫލުން ރަށުން ބޭރުގައި ހޯދި މޮޅަކީ އެޓީމުން އެންމެފަހުން ކުޅުނު ފަސް މެޗުގައި ހޯދި ފުރަތަމަ މޮޅެވެ. އެ މޮޅާއެކު ލިވަޕޫލްގެ ފޯމު ހަމައަކަށް އެޅިފައިވާ އިރު، އެޓީމަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން ލިވަޕޫލަށް 47 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އެއީ ހަތަރު ވަނައިގައި އޮތް ނިއުކާސަލްއަށްވުރެ ނުވަ ޕޮއިންޓް ފަހަތުގައެވެ.

ރޭގެ ބައްޔާއެކު ލީޑްސްއިން އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުންވެސް އެޓީމަށް ބޮޑު ބައްޔަކާ ކުރިމަތިވެފައިވާ އިރު، އެޓީމަށް ވަނީ ރެލިގޭޝަނުގެ ބިރާވެސް ކުރިމަތިލާން ޖެހިފައެވެ. މިވަގުތު ލީގު ތާވަލުގެ 16 ވަނައިގައި ލީޑްސް އޮތީ ރެލިގޭޝަން ޒޯނުގައި، 18 ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި އެޓޭކްތައް އުފައްދަން ލިވަޕޫލަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، އެޓީމުން ވަނީ 35 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ލީޑްސް ފަހަތުން ހެދި ގޯހެއްގައި ހޯދި ބޯޅަ، ކައުންޓާ އެޓޭކްގައި އަރިމަތިން ޓްރެންޓް-އެލެކްސެންޑްރާ އާނޯލްޑް ހުރަސްކޮށްލުމުން ގޯލު ހުޅުވާލަ ދިނީ ކޯޑީ ގަކްޕޯއެވެ.

އޭގެ ހަތަރު މިނެޓު ފަހުން މުހައްމަދު ސަލާހް ޖެހި ގޯލުން ލިވަޕޫލުން ލީޑު ފުޅާކޮށް ހާފު ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން ދެ މިނެޓު ތެރޭގައި ލީޑްސްއިން ގޯލެއް ޖަހައި ހިތްވަރު ހޯދިއެވެ. އެ ގޯލަކީ ލިވަޕޫލްގެ ފަހަތުން އިބްރާހިމާ ކޮނާޓޭ އަތުން ގެއްލުނު ބޯޅައެއްގައި ލުއިސް ސިނިސްޓޭރާ ޖެހި ގޯލެކެވެ.

އެ ގޯލާއެކު މެޗު ފޯރިގަދަވާނެ ކަމަށް ބެލުވުނު ނަމަވެސް، ލިވަޕޫލްގެ އެޓޭކް ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. ޑިއޭގޯ ޖޮޓާ މެޗުގައި ދެ ގޯލު ޖެހި އިރު، ސަލާހްވެސް ވަނީ ދެވަނަ ހާފުގައި އިތުރު ގޯލެއް ޖަހައިފައެވެ. އަދި ލިވަޕޫލުން މެޗުގައި ޖެހި ހަވަނަ ގޯލަކީ ބަދަލަކަށް އެރި ޑާވިން ނުނިއޭޒް ޖެހި ގޯލެކެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް އެންމެ މުހިއްމު ރޯލެއް ކުޅެދިން އާނޯލްޑް ވަނީ ދެ އެސިސްޓް ހަދައިފައެވެ. އޭގެ އިތުރުން ގޯލުތަކަށް ފުރުސަތު ފަހިކޮށްދިނީ ގަކްޕޯ އާއި ޖޯޑަން ހެންޑަސަން އާއި ކާޓަސް ޖޯންސް އަދި ޖޮޓާއެވެ.