އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދު، ޝިޕް ހުރަވީގެ ބަދަލުގައި އިންޑިއާއިން އެހެން އުޅަނދެއް ދީފިއެވެ.
އޭޕްރިލް 16، 2006 ގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޝިޕް ހުރަވީއަކީ ކޯސްޓްގާޑުގައި އޮތް އެންމެ ބޮޑު އުޅަނދެވެ. އެ އުޅަނދަށް ގިނަ ދުވެސް ވެފައިވާތީ އެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ހޯދުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދިނެވެ.
އެމްއެންޑީއެފުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އިންޑިއާއިން އަލަށް ހަދިޔާކުރި އުޅަނދާއެކު އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުވެ ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަން ކުރެވޭނެ ކަމަށެވެ. އަދި އިންޑިއާއިން ހަދިޔާކުރި އާ އުޅަނދު މިދިޔަ ހޮނިހިރު ދުވަހު މާލެ ގެނެސްފައިވާއިރު، ރަސްމީކޮށް އެ އުޅަނދު އެމްއެންޑީއެފްއާ ހަވާލުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެގޮތުން އަންނަ މެއި މަހުގެ ތެރޭގައި އުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި އުޅަނދަށް އައްޔަންކުރާ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިންމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގަމުންދާނެ ކަމަށް ބުންޏެވެ.
ދެ ހަފުތާގެ މުއްދަތަށް ރާވާފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު