ރެފްރީންނަށް ރިޝްވަތު ދީ، ކޮރަޕްޝަން ހިންގަން ބާސެލޯނާއިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ބަލަމުންދާ މައްސަލައަކީ ކްލަބުގެ ތާރީހުގައިވެސް ކުރިމަތިލާން ޖެހުނު "އެންމެ ނުރައްކާތެރި ހަމަލާ" ކަމަށް އެ ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ރެފްރީން ކޮމިޓީގެ ކުރީގެ ނައިބު ރައީސް، ޖޯސޭ މާރިއާ އެންރިކޭޒް ނެގްރޭރާއަށް ބާސާއިން ފައިސާގެ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ޔޫއެފާ އާއި ބާސާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ދަނީ ބަލަމުންނެވެ. ބާސެލޯނާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބާސާގެ މައްޗަށާއި ކްލަބުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯސެފް ބާޓޮމޭއޫ އަދި ސަންޑްރޯ ރޮސެލްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ފައިސާގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަންގެ އަމަލު ހިންގުމުގެ އިތުރުން ވިޔަފާރީގެ މައުލޫމާތުތައް އޮޅުވާލުމަށެވެ.

ބާސާގެ މައްޗަށް އެކަމުގައި ތުހުމަތުތަކެއް ކޮށްފައި ވަނީ ނެގްރޭރާގެ ކުންފުންޏެއް ކަމަށްވާ ޑަންސިލް 95 އަށް ޖަމާކޮށްފައިވާ ފައިސާތަކެއްގެ ލިޔެ ކިޔުންތަކެއް ފަޅާއަރައިގެންނެވެ. އެ ފައިސާތައް ބާސާއިން ޑަންސިލް 95 އަށް ޖަމާކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވަނީ ލީކުވި ޓެކްސް ރެކޯޑުތަކެއްގެ ސަބަބުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2001 އިން 2018 ވަނަ އަހަރާ ހަމައަށް ނެގްރޭރާގެ ކުންފުންޏަށް 7.4 މިލިއަން ޑޮލަރު ބާސާއިން ދިން ކަމަށް ބެލެވެއެވެ.

އެ ވާހަކަތަކުގެ ދިފާއުގައި ބާސާއިން ބުނީ ޑެންސިލް 95 އަށް ފައިސާ ޖަމާކޮށްފައި ވަނީ ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން އެ ކުންފުންޏަކީ އެކްސްޓާނަލީ ބާސާގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ އޭރު ބާސާގެ ކޯޗުންނަށް ބޭނުންވާ ވީޑިއޯ އެނަލިސިސްތަކެއް ތައްޔާރު ކުރާ ކުންފުންޏެއް ކަމަށްވެސް ބާސާއިން ބުނެފައިވެއެވެ.

އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ބާސާގެ ރައީސް ވަނީ ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވައި، އެކަމުން އަރައިގަންނަން ސަޕޯޓަރުން އެކުގައި ތިބުމަށް ވިދާޅުވެފައެވެ.

"މިއީ ކްލަބުގެ ތާރީހުގައިވެސް ދީފައިވާ އެންމެ ނުރައްކާތެރި އެއް ހަމަލާ. އަހަންނަށް ޔަގީން ބާސާއިން ފައިސާގެ ނުފޫޒު ފޯރުވާ، ކޮރަޕްޝަންގެ މައްސަލައެއްގައި ބައިވެރިވެފައި ނުވާނެކަން. އަހަރެން އުންމީދު ކުރަނީ އެ މައްސަލައިގައި ވީހާވެސް އަވަހަކަށް ވާނުވާ ސާފުވުން. އަހަރެން އެދެން ބާސާގެ ސަޕޯޓަރުން މިކަމުގައި އެކުގައި ތިބުމަށް. މި ކްލަބަކީ ތި މެމްބަރުންގެ ވިސްނުމުގައި، މެމްބަރުންގެ ލޯތްބާއެކު ހިނގަމުންދާ ކްލަބެއް،" ރައީސް ލަޕޯޓާ ވިދާޅުވިއެވެ.

ލަޕޯޓާ ވިދާޅުވީ ނެގްރޭރާގެ ކުންފުންޏަށް ބާސާއިން ފައިސާ ދީފައި ވަނީ ސިއްރަކުން ނޫން ކަމަށާއި އެކަމުގެ ތަފްސީލުތައް ލިޔެ ކިޔުމުން އެބަހުރި ކަމަށާއި ކްލަބުން ނެގްރޭރާގެ ކުންފިނުން ހިދުމަތްތަކެއް ހޯދުމަށްފަހު ފައިސާ ދިނުން އެއީ ކޮރަޕްޝަން ނޫން ކަމަށެވެ.

ބާސާގެ ނުފޫޒުގެ މައްސަލައިގައި ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ބާސާއިން ވަނީ އޭނާގެ އިސްތިއުފާއަށްވެސް ގޮވާލައިފައެވެ. އެ ކްލަބުން އެފަހަރު ބުނީ ބަޔަކު ރާވައިގެން ބާސާގެ އަގު ވައްޓާލަން ބޮޑު ކެމްޕޭނެއް ހިންގަމުންދާ ކަމަށާއި އެކަމަށް ކްލަބުން ސަމާލުވާނެ ކަމަށެވެ.