ސަރުކާރުގެ ނުފޫޒު ނެތް ނަމަ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް ދޭހަވާ މޭރުމަކުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް އެދި އިދިކޮޅު ލީޑަޝިޕުން ވަނީ މިއަދު ޕީޖީ ހުސެއިން ޝަމީމްއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށްފަހު އިދިކޮޅު ކޯލިޝަނާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ހަވާލާދީ 'ދިޔަރެސް'ގައި ވަނީ "ނުފޫޒު ނެތް ނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް ބުނެ ހަބަރެއް ޖަހައިފައެވެ.
އަބްދުއްރަހީމްގެ ވާހަކަތައް ދޮގުކޮށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މިއަދުގެ ބައްދަލުވުމަކީ، ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން ހިނގަމުންދާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރަން އިދިކޮޅުން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތް ކަމަށް ޕީޖީ ވިދާޅުވި ކަމަށާއި އެ މައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވުމުން ކަމަށް ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، އަވަހަށް ހުކުމެއް ކުރުމަށް، އެ އޮފީހުން އެއްބާރުލުން ދޭންޖެހޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެ ކަމަށް ދެންނެވި ކަމަށެވެ.
''ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުއޫރެކެވެ. އެކަމަކީ މި އޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން މި އޮފީހުން ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ދެންނެވިއެވެ،'' ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.