ރާއްޖެއާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލާގައި އަންނަ ހަފުތާގައި ހުކުމްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އިޓްލޮސް ނިންމާފައިވަނީ އެ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތް އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:00ގައި ބޭއްވުމަށެވެ.
މޮރިޝަސްއިން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން ރާއްޖެއިން އަބަދުވެސް ޔުނައިޓެޑް ނޭޝަންސްގައި ވޯޓު ދެމުންއައީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސި ވިލާތާ އެއްކޮޅަށެވެ. ނަމަވެސް މޮރިޝަސްއިން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން ރާއްޖެއިން ވަނީ ސްޓޭންޑް ބަދަލުކޮށް، ޗާގޮސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީފައެވެ.
ސަރުކާރުގެ އެ ނިންމުމަކީ ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާ ގޮތަށް ނިންމި ނިންމުމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މޮރިޝަސްއާ އެއްކޮޅަށް ޗާގޮސް މައްސަލާގައި ނިންމާފައިވަނީ ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވުމުން ކަމަށެވެ.
އިޓްލޮސްގައި ރާއްޖެ ތަމްސީލުކުރައްވާ އިސް ވަކީލު ޕްރޮފެސަރު ޕަޔަމް މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އިޓްލޮސްގައި ރާއްޖެއިން ވަކާލާތު ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި ރާއްޖޭގެ ކޭސް ވަރުގަދަ ކަމަށެވެ. އަދި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ޖިއޯޕޮލިޓްކްސް ފެންވަރުގެ ޑިސްޕިއުޓެއް ނެތް ކަމަށާއި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބައުންޑަރީގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައި ކަމަށް ޕަޔަމް ވިދާޅުވެފައިވެއެވެ.
އިޓްލޮސްގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖެއިން ބައެއް ގެއްލިގެން ނުދާނެ ކަމަށާއި ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައިވާ ނުވަތަ ފުށޫއަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެންވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަސް އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށް ޕަޔަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު