އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުކުރަން ޖެހުނީ، ސަރުކާރުން ސަބްސިޑީ ނުދިނުމާއި ގައުމީ އެއާލައިން ކަމަށް ވާތީ ގެއްލުމުގައި ނަމަވެސް އާ އެއާޕޯޓުތަކަށް ދަތުރުކުރަން ޖެހި ކުންފުނީގެ މާލީ ހާލަތު ގޯސްވެގެން ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވެއްޖެއެވެ.

އެއާޕޯޓުތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުން ކަމަށްބުނެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކުގެ ޓިކެޓުގެ އަގުތައް ބޮޑުކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރަމުން އަންނަ މޯލްޑިވިއަން އިން އަގުތައް ބޮޑު ކޮށްފައިވަނީ، ކާޑެއްދޫގެ ޓިކެޓުގެ އަގަށް 180 ރުފިޔާއެވެ. އެހެން މަންޒިލްތަކުން 70 ރުފިޔާއެވެ.

އެކަމާ ގުޅިގެން ކުންފުނީގެ، އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ.

ޓިކެޓުގެ އަގު ބޮޑުކުރަން ޖެހުނު ސަބަބު ކޮމިޓީއަށް އޮޅުންފިލުއްވަައި ދެއްވަމުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ ގުޅިގެން 2019 ވަނަ އަހަރު އެވްރެޖުކޮށް 300 ރުފިޔާ ޓިކެޓުން އަގުހެޔޮ ކުރި ކަމަށެވެ. އެކަމަކީ ސަބްސިޑީ ހަމަޖެހުމާ ގުޅިގެން އޭރު ގެނެވުނު ބަދަލެއް ނަމަވެސް އެ އަހަރަށްފަހު މިހާތަނަށް އައިއިރު ސަރުކާރުން ސަބްސީޑީ ދީފައި ނުވާ ކަމަށެވެ.

"އެފަަހަރު 35 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ލިބުނު، އޭގެ ފަހަކުން ނުލިބޭ. ކުންފުނި ހިންގަމުންމިދަނީ ކުންފުނީގެ އަމިއްލަ އާމްދަނީން ލިބޭ ފައިސާއިން، އެތެރޭގެ އުދުހުންތަކަށްވެސް އެއްވެސް ސަބްސިޑީއެއް ލިބިފައެއް ނެތް. ކޮވިޑްގެ ހާލަތު އައުމާ ގުޅިގެން ކޮވިޑްގެ ކުރިން ޖެޓް ފިއުލް ރޭޓް އުޅުނީ 12 ރުފިޔާއަށް ނަމަވެސް ދެ އަހަރު ދުވަހުގެ ތެރޭގައި އައި ބަދަލާއެކު މިދިޔަ އަހަރުގެ އަށްމަސް ވަންދެން 22 ރުފިޔާއަށް ލީޓާރެއް ހުރީ. ރޫޓަކަށް އަރާ ފްލައިޓެއްގެ 42 ޕަސެންޓަކީ ފިއުލް، މިއީ އެއް ކޮންޕޯނަށްޓް،"

މިހާދު ވިދާޅުވީ، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް އެއާޕޯޓް އަލަށް ގާއިމުކޮށްފައިވާ އިރު، އެ އެއާޕޯޓުތަކަށް މޯލްޑިވިއަނުން ދަތުރު ކުރަން މަޖުބޫރު ކަމަށެވެ.

"އިތުރު ދެ އެއާލައިނަށް އެތަންތަނަށް ދަތުރުކުރަން ހުއްދަ ދީފައިވީނަމަވެސް އެ އެއާލައިންތަކުން މިތަންތަނަށް ދަތުރު ނުކުރާތީ، ހަފުތާއަކު ތިން ފްލައިޓު އެތަންތަނަށް އެބަ އަޅަންޖެހޭ. ލޯޑު ލިބުނަސް ނުލިބުނަސް އެންމެފަހުން އަޅުގަނޑުމެން ފެށި ފަރެސްމާތޮޑާ އެއާޕޯޓަށް ހަފުތާއަކު ދެ ފްލައިޓު މި ފަށަނީ ދެން ރޯދަމަސްވީމަ ދަތުރުވެރިން ތަންކޮޅެއް މަދު އެެހެންނަމަވެސް ލޯޑް ލިބުނަސް އަލަށް ހަދާ އެއާޕޯޓުތަކަށް ދަތުރުކުރަން ޖެހޭ ގައުމީ އެއާލައިންގެ ހައިސިއްޔަތުން. އެއީ ރައްޔިތުންގެ ކަނެކްޓިވިޓީ ރަނގަޅު ކުރުމުގެ މަގުސަދުގައި ސަރުކާރުން އެއާޕޯޓުތައް އަޅައިގެން ކުރިއަށް ގެންދަނީ،" މިހާދު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތަށްފަހު، މެއިންޓަނަންސް އޮގަނައިޒޭޝަންތަކުގައި އެއާކްރާފްޓްތަކުގެ އިންޖީނުތައް މެއިންޓެއިންކުރުމާއި ރިޕެއާކުރުމުގެ މަސައްކަތުގެ ވަރަށްބޮޑު ބެކްލޮގެއް އޮތުމުން، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ އެއާކްރާފްޓްތަކުގެ އިންޖީނުތައް މަރާމާތުކުރަންޖެހޭ މުއްދަތުތަކަށް މަރާމާތުނުކުރެވި ބައެއް ފަހަރު އިންޖީނު ކުއްޔަށް ހިފަންޖެހުންވެސް އެއީ ހަރަދު ބޮޑުވާން ދިމާވާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ ބާޒާރަށް އިންފްލޭޝަންގެ އަސަރު ކުރުމާ ގުޅިގެން އެއާކްރާފްޓްތަކުގެ ސްޕެއާ އާއި މެއިންޓެނަންސްގެ އަގުތައް ޑަބަލް ޑިޖިޓުގައި ބޮޑުވެގެން ދިއުމުގެ ސަބަބުންވެސް ހިންގުމުގެ ހަރަދު ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެއާއެކު އެއާޕޯޓުތައް އިތުރުކުރުމާ ގުޅިގެން އިތުރު އިންޖިނިއަރުންނާއި ޕައިލެޓުން ބޮޑު މުސާރައިގައި ރެކްރޫޓުކޮށްގެން ގެންގުޅުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިމާވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ "އުދުހުންތަކުގައި ބޭނުންކުރާ ޑޭޝްއެއާކްރާފްޓް ފްލީޓުގެ އެވްރެޖު އުމުރަކީ 25 އަހަރު ނަމަވެސް އެތަކެއްޗަށް ދުވަސްވުމާ ގުޅިގެން މެެއިންޓެނަންސްކޮށް އޮޕަރޭޓްކުރުމަށް ބޮޑު ހަރަދަކަށް ވެފައިވަނީ،" ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުުގެ ތެރޭގައި، މުޅި ފްލީޓް އޭޓީއާރުއަށް ބަދަލު ކުރަން ނިންމައި، އޭގެ ތިން ބޯޓު މިހާރު ގެނެސް އެތެރޭގެ ހިދުމަތަށް ނެރެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓިކެޓު އަގުބޮޑުކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އެއާޕޯޓުތަކުގެ ހޭންޑްލިން ޗާޖު ބޮޑުވުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ޓިކެޓަށް ގެނައި ބަދަލަކީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަޖުބޫރުވެގެން ގެނައި ބަދަލެއް ކަމަށްވެސް މިހާދު ވިދާޅުވިއެވެ.