އިންޑިއާގެ ކްރިކެޓް ތާރީހު ދުށް އެންމެ ލެޖެންޑަރީ ކުޅުންތެރިޔާ، ސަޗިން ޓެންޑުލްކާގެ ދަރިފުޅު، އަރްޖުން ޓެންޑުލްކާ، ފުރަތަމަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މެޗަކަށް ނުކުމެއްޖެއެވެ.
އިންޑިއާގެ ވަރުގަދަ ކްރިކެޓް ލީގު، އައިޕީއެލްގައި އަރްޖުން ފެނިގެންދަނީ މުމްބާއީ އިންޑިއަންސްއިންނެވެ. އުމުރުން 23 އަހަރުގެ އަރްޖުން އިއްޔެ ކުޅުނު މެޗުގައި މުމްބާއީ އިންޑިއަންސްއިން ވަނީ ފަސް ވިކެޓުން ކޮލްކަތާ ނަައިޓް ރައިޑާސް ބަލިކޮށްފައެވެ.
ރޭގެ މެޗުގައި އަރުޖުން، މުމްބާއީ އިންޑިއަންސްގެ ދެ އޯވަރު އުކާފައިވާ އިރު، އޭނާއަށް ވިކެޓެއް ނުނެގުނެވެ. އަރުޖުންގެ ދެ އޯވަރުން ކޮލްކަތާ ނައިޓް ރައިޑާސް 17 ޕޮއިންޓް ނެގި ނަމަވެސް، މެޗުގައި އަރްޖުން ދެއްކި ހިތްވަރަށް ބައްޕަ ސަޗިން ވަނީ ތައުރީފުކޮށްފައެވެ.
"އަރްޖުން މިއަދު އެޅި ފިޔަވަޅަކީ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި އެޅި މުހިއްމު ފިޔަވަޅެއް. ބައްޕައެއްގެ ހައިސިއްޔަތުން އަދި ތި ކުޅޭ ކުޅިވަރު ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ބުނަން ބޭނުންވަނީ، ކްރިކެޓަށް ބަހައްޓާ ލޯތްބާއި އިހުތިރަމާއެކު ދަރިފުޅު ދެކެ ކްރިކެޓް ލޯބިވާނެއޭ،" އުމުރުން 49 އަހަރުގެ ސަޗިން ބުންޏެވެ.
ސަޖިން ބުނީ އަރުޖުންގެ ދަތުރަކީ ދިގު އަދި ބުރަ މަސައްކަތުގެ ދަތުރެއް ކަމަށާއި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.
އަރްޖުން އަކީ އުކުންތެރިއެއް ނަމަވެސް، އޭނާ ވަނީ މީގެ ކުރިން އިންޑިއާގެ ފަސްޓް ކްލާސް ކްރިކެޓުގައި ބެޓްކުރުމުގެ ހުނަރުވެސް ދައްކާލައިފައެވެ. މިދިޔަ ޑިސެމްބަރު މަހު ގޯއާގައި އޮތް ރަންޖިނީ ޓްރޮފީއަކީ އަރްޖުންގެ ފުރަތަމަ ފަސްޓް ކްލާސް މުބާރާތަށްވީ އިރު، އެ މުބާރާތުގެ ފުރަތަމަ މެޗުގައި އޭނާ ސެންޗަރީއެއް ހަދާފައިވެއެވެ.
އަރްޖުންގެ ބައްޕަ، ސަޗިންއަކީ އިންޑިއާގެ ތާރީހުގައިވެސް ދުށް އެންމެ ކުޅަދާނަ ބެޓްސްމަނެވެ. 2013 ވަނަ އަހަރު ރިޓަޔާކުރި ދުނިޔޭގެ ކްރިކެޓް ލެޖެންޑް ސަޗިން ވަނީ ގައުމީ ޓީމަށް 100 ސެންޗަރީ ފުރިހަމަ ކޮށްދީފައެވެ.