އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލުން މިރޭ ކުޅުނު މެޗުގައި ވެސްޓް ހަމް ކައިރިން 2-2 އިން އެއްވަރުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
އާސެނަލުން ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑެއް ގެއްލުވާލައި އެއްވަރުވި އިރު، ޔުނައިޓެޑުން ރަށުން ބޭރުގައި ފޮރެސްޓް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މިރޭގެ ނަތީޖާއާއެކު ތާވަލުގެ އެއްވަނަ ދަމަހައްޓަން އާސެނަލަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. 31 މެޗުން 74 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ސިޓީން އޮތީ 30 މެޗުން 70 ޕޮއިންޓާއެކުގައެވެ. ލީގުގައި އާސެނަލަށް ބާކީ ހަތް މެޗު އޮތް އިރު، އޭގެ ތެރޭގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ. ސިޓީން އެފްއޭ ކަޕްގައި ކުޅެން ޖެހޭތީ މި ހަފުތާ މެޗެއް ނުކުޅޭ އިރު، އަތުގައި އޮތް ގޭމުން މޮޅުވެއްޖެ ނަމަ، ދެޓީމުގެ ކުރިމަތިލުމަށް ދާ އިރު، އާސެނަލާއި ސިޓީގެ ދެމެދުގައި އޮންނާނީ ޕޮއިންޓެއްގެ ފަރަގެކެވެ.
ނިއުކާސަލުން މިރޭ ކުޅުނު މެޗުގައި އެސްޓޮން ވިލާ އަތުން ބަލިވެފައި އޮތުމުގެ ފައިދާ ނަގައި، ޔުނައިޓެޑުން ތިންވަނައަށް ޖެހިލީ 30 މެޗުން 59 ޕޮއިންޓާ އެކުގައެވެ. ނިއުކާސަލް މިވަގުތު ހަތަރުވަނައިގައި އޮތީ 30 މެޗުން 56 ޕޮއިންޓާއެކުގައެވެ.
އާސެނަލުން މިރޭ ކުޅުނު މެޗު އެޓީމުން ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ޖެހި ގޯލުން އާސެނަލް ލީޑު ނަގައި، އޭގެ ތިން މިނެޓް ފަހުން އާސެނަލް ލީޑު ފުޅާކުރިއެވެ. ބެން ވައިޓްގެ ބޯޅައިން ކެޕްޓަން މާޓެން އޮޑެގާޑު ޖެހި ހިތްގައިމު ގޯލުން އާސެނަލް ލީޑު ފުޅާކޮށް ހަމަޖެހިލި ނަމަވެސް، އެޓީމަށް ލީޑުގައި ހާފު ނިންމައެއް ނުލެވުނެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ވެސްޓް ހަމްއަށް ލިބުނު ޕެނަލްޓީގައި ސައީދު ބެންރަހުމާ ވެސްޓް ހަމްއިން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.
މެޗުގެ ލީޑު އަލުން ފުޅާކުރަން ދެވަނަ ހާފުގެ ކުރީކޮޅުގައި އާސެނަލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބުކަޔޯ ސަކާ ޖެހި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގައި ވެސްޓް ހަމްއިން ނަތީޖާ ހަމަހަމަކުރީ 54 ވަނަ މިނެޓުގައި ޖެރޮޑް ބޮވެން ޖެހި ގޯލުންނެވެ. އޭގެ ފަހުންވެސް ވެސްޓް ހަމްއިން ބޮޑަށް ނުރައްކާ ކުރި އިރު، މިޝޭލް އެންޓޯނިއޯ ބޮލުން ޖެހި ހަމަލާ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.
އަނިޔާގެ މައްސަލަތައް ބޮޑުވެފައި އޮވެގެން މިރޭގެ މެޗަށް ނުކުތް ޔުނައިޓެޑުން މެޗަށް ނުކުތީ ޑިފެންޑަރު ރަފޭލް ވަރާންއާއި ލިސާންޑްރޯ މާޓިނޭޒް، ލޫކް ޝޯވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ. ޑިފެންސް ލައިނުން ކެޕްޓަން ހެރީ މެގުއާއާއި ވިކްޓޯ ލިންޑޮލަފްގެ އިތުރުން ދެން ފެނުނީ އެރޮން ވެން ބިސާކާ އަދި ޑިއޭގޯ ޑަލޯއެވެ.
މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު، ފުރަތަމަ ހާފުގައި އެންޓޮނީ ޖެހި އިރު، ދެވަނަ ހާފުގައި ލީޑު ފުޅާކޮށްދިނީ ޑަލޯއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު