ރ. އަލިފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އަލިފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 90،956،112.97 (90.9 މިލިއަން) ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އަލިފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު އާރުޑީސީން ހަދާނެއެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
އާރުޑީސީން ގެންދަނީ މާލޭ އަމީނީ މަގުގުތައި ތާރު އެޅުމުގެ މަސައްކަތާއި ނ. މަނަދޫ އަދި ހއ. އިހަވަންދޫ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އާރުޑީސީއަށް ވަރަށް ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުތަކުގެ މަސައްކަތް އަވަސް މިނެއްގައި ކުރިއަށްނުދާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު