ހުޅުމާލޭ ވޯޓާ ތީމް ޕާކެއް ހެދުމަށް ހަވާލުކުރި އެއްބަސްވުން ބާތިލުކޮށް، އެތަން އަތުލުމަށް އޭރުގެ އެޗްޑީސީ އަދި މިހާރުގެ އާބަންކޯއިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

މި މައްސަލައަކީ ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއްގެ އިތުރުން ހަ ބުރީގެ ލެޝާ ހޮޓަލެއް ހެދުމަށް ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާއެކު 2017 ވަނަ އަހަރު އެޗްޑީސީން ހެދި އެއްބަސްވުން، މިދިޔަ މަހު އެޗްޑީސީން ބާތިލުކުރުމަށްފަހު މާދަމާގެ ނިޔަލަށް ތަން ހުސްކޮށް، އެތަން ހަވާލުކުރުމަށް އެންގި މައްސަލައެކެވެ.

މި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އެއްބަސްވުން އުވާލައި އެތަން ނެގުމަށް އެޗްޑީސީގެ ފަރާތުން އެ ކުންފުންޏަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ސިވިލް ކޯޓުގައި އެދުނެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ނިންމުން ލެޝާ ކުންފުނިން ދެން ހުށަހެޅީ ހައިކޯޓަށެވެ. އެ ކުންފުނިން ހައިކޯޓުގައިވެސް އެދުނީ އެ ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ކަނޑައަޅަންދެން، އެޗްޑީސީގެ އެ ނިންމުމަށް އަމަލު ނުކުރުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލައިގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ މައްސަލައަށް އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން، އެ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރުމަށް އެޗްޑީސީން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް އެ ކުންފުނީގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ނަމަވެސް އެކަމާމެދު ހިތްހަމަނުޖެހިގެން އެޗްޑީސީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި އުމުރުގައި ވަނީ، ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމުން، އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމްއެވެ.