ސްކޭމް ކޯލްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ހައްލު ކުރުމަށް، މަލްޓި އެޖެންސީ ޓާސްކްފޯސްއެއް އެމްއެމްއޭގެ އިސްނެގުމުގެމަތިން އެކުލަވާލަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ފާސްކޮށްފިއެވެ.
ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި އެ އެކައުންޓްތަކުން ފައިސާ ކެނޑެމުންދާ މައްސަލައާއި، އެކައުންޓް ބްރީޗްވިކަން ނޭނގި އެހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްވާ މައްސަލަ އާއި ބޭންކު އެކައުންޓްތައް ފްރީޒް ކުރަމުންދާ މައްސަލައާއި، ސްކޭމްތަކުގެ ސަބަބުން އެކައުންޓްތަކުގެ ވެރިފަރާތްތަކަށް މާލީ ގޮން ބޮޑެތި ގެއްލުންތައް ލިބެމުންދާ މައްސަލަ ބެލުމަށް ފަހު އެ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ގިނަ ކަންތައްތަކެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް ވަނީ ހިމަނައިފައެވެ.
އެގޮތުން މަލްޓި އެޖެންސީ ޓާސްކްފޯސްއެއް އެކުލަވައިލުމުގެ އިތުރުން މަޖިލީހުން މި ރިޕޯޓް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި، އެއިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ކަނޑައަޅައި މައްސަލަތަކަށް އަވަހަށް ފިޔަވަޅުއަޅައި ހައްލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް އެމްއެމްއޭއަށް އެންގުމަށްވެސް ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހިމަނާފައިވެއެވެ.
އެގާރަ ކަމެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަން ހިމަނައިގެން ފާސްކުރި މި ރިޕޯޓްގައި ބުނެފައި ވަނީ، ފްރޯޑް އަދި ސްކޭމަށް ހުށަހެޅޭ އާއްމު ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދިނުމަށް ފްރޯޑް ޔުނިޓަކާއި ގައުމީ ފްރޯޑް އަދި ސްކޭމް ހޮޓްލައިނެއް ގާއިމް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަކީ ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރުތަކެއް ކަން ކަށަވަރުކޮށް، ނަމްބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކޮމިއުނޮކޭޝަން އޮތޯރިޓީއަށް އެންގުމަށާއި މަޖިލީހުން މި ރިޕޯޓު ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި، މޯބައިލް ސިމްކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓްކޮށް، ސިމްކާޑުތައް ރެގިއުލޭޓް ކުރުމަށް ކޮމިއުކޭޝަން އޮތޯރިޓީން އެލުލަވާލަމުން ގެންދާ ގަވާއިދު ނިންމައި ގެޒެޓު ކުރަން އެންގުމަށްވެސް ވަނީ ހިމަނައިފައެވެ.
ސްކޭމްގެ ކުށްތައް މައިގަނޑު ގޮތެއްގައި ފެންނަނީ ކ. މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ފަރާތުން ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިކުށް ކުރުމަށް ބޭނުންކުރާ ތަފާތު އުކުޅުތައް އުފައްދައި، އެ އުކުޅު ބޭނުންކުރަމުންދަނީ ޖަލުގައި ތިބޭ ގައިދީން ކަމަށްވެސް ބުނެފައިވެއެވެ. ޖަލުގައި ޓަވާ ހަރުކުރުމަށް ތައްޔާރުކުރި ޖޮއިންޓް ޕްރޮޓަކޯލް އެއްބަސްވުމުގައި ސްވިޗް ޑޭޓާ ފޯމެޓުގައި 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައި ވީނަމަވެސް ޓެލެކޮމިއުކޭޝަން ސާވިސް ޕްރޮވައިޑަރުން، ފުލުހުންގެ ހިދުމަތާ ހިއްސާ ކުރަމުންދަނީ ނުބައި މައުލޫމާތެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހިއްސާ ކުރަމުންދާ ޓަވާޑޭޓާ އެއްފޯމެޓަކަށް ނެތުމުން އެނަލައިޒްކޮށް ގައިދީން ބޭނުން ކުރަމުންދާ ނަމްބަރުތައް ދެނެގަތުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް، ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި ދުވަހުން ދުވަހަށް ހިއްްސާކުރާ ޓަވަޑޭޓާ އެއް ފޯމެޓަކަށް ހިއްސާކުރުމަށް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުންނަށް އެންގުމަށްވެސް ރިޕޯޓިގައިވެއެވެ.
"ބޭންކު އޮފް މޯލްޑިވްސް ފަދަ ކުންފުނިތަކުގެ ނަމުގައި އެހެން ފަރާތްތަކުން އެސްއެމްއެސް (ސްޕޫފް އެސްއެމްއެސް) ފޮނުވައިގެން އެ މެސެޖުތައް މެދުވެރިކޮށް މީސްމީހުންގެ ބޭންކު އެކައުންޓްތަކުގެ އެކްސެސް ވަގަށް ނެގުމުގެ މައްސަލަތައް ގިނަވަމުންދާތީ، އެފަދަ ފޭކު އެސްއެމްއެސްތައް ދެނެގަނެ، އެފަދަ އެސްއެމްއެސްތައް ފިލްޓާކޮށް ބްލޮކްކުރުމަށް ބޭނުންވާ ސިސްޓަމްތައް ސާވިސް ޕްރިވައިޑަރުންގެ ނެޓްވާކު ތަކުގައި ގާއިމްކޮށް އަދި އެފަދަ އެސްއެމްއެސްތައް ހުއްޓުވުމަށް އެސްއެމްއެސް ރަޖިސްޓްރީއެއް ބެލެހެއްްޓުމަށް ކޮމިއުކޭޝަން އޮތޯރިޓީަށް ދަންނަވައި އެކަމާގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތަފްސީލް 30 މެއި 2023 ގައި،" ކޮމިޓީއާ ހިއްސާ ކުރުމަށްވެސް ހިމަނާފައިވެއެވެ.
މި ރިޕޯޓު މަޖިލީހުން ފާސްކުރުމަށްޓަކައި މިހާރު ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު