ކްލަބު ވެލެންސިއާ

ބޮޑު ބައްޔަކުން ބަލިވި ނަމަވެސް، މާ ބޮޑަށް މާޔޫސެއް ނުވޭ: ފެސްކޯ

ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، ޓީމު އޮތް ހާލަތާއި ޓީމުގައި ތިބި ކުޅުންތެރިންގެ ތަޖުރިބާ މަދު ތަންކޮޅަށް ބަލައި، މާ ބޮޑަށް މާޔޫސް ނުވާ ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ޕްރެސިޑެންޓްސް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ވެލެންސިއާއިން ރޭ ކުޅުނު، އެޓީމުގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކައިރިން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ވެލެންސިއާއިން ނެރުނު ސްކޮޑުގައި އެޓީމުގެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވާ އިރު، ޒުވާން ޓީމުގައި އެންމެ ވިދުން ގަދަ ދެ ތަރިން، އުމުރުން 14 އަހަރު އީތަން އިމްރާހީމް ޒަކީ އާއި މުހައްމަދު އިލާން އިމްރާނުވެސް މެޗުން ފެނިގެން ގޮސްފައިވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފެސްކޯ ބުނީ މެޗުން ލިބުނީ އުންމީދު ކުރި ނަތީޖާއެއް ނޫން ނަމަވެސް، މާޔޫސްކަން ބޮޑު ނޫން ކަމަށެވެ.

"ހަގީގަތަކީ އުންމީދު ކުރި ނަތީޖާއެއް ނޫންކަން މިއީ. އެކަމަކުވެސް މިފަދަ ނަތީޖާއަކަށް ކޮންމެވެސް ވަރަކަށް ހިސާބުވެސް ޖެހުނު. އެހެންވީމަ އެހާ ބޮޑަށް މާޔޫސެއް ނުވޭ މި ނަތީޖާއަކުން. ތަންކޮޅެއް ފަރަގު ބޮޑީ ނަތީޖާގެ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ޓީމުގެ ހާލަތު މިނެކިރާލާނަމަ، މިދިޔަ އަހަރުގެ ޓީމާ މިއަހަރުގެ ޓީމާ ވަރަށް ބޮޑުތަން ތަފާތު ކަމަށާއި ޓީމުގެ އުމުރު ދަށްވުމުން ތަޖުރިބާ ނެތްތަންކޮޅު ފެނުނު ކަމަށެވެ.

"މެޗަށް އެއްޗެއް ބުނާނަމަ، ބުނާނީ މިއަހަރު ސީޒަނާ މިދިޔަ އަހަރު ސީޒަނާ ވެލެންސިއާ އޮތީ ވަރަށް ތަފާތު ކޮށޭ. މިދިޔަ އަހަރު ވާދަކުރެވޭނެ ޓީމެއް އޮތް. މިއަހަރު މިއޮތީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް އޮތް ޓީމެއް. އޭގެ ނަތީޖާ ފެންނަންވެސް ފެނުނު. އާ ޓީމެއްވީމަ، ޓެކްޓިކަލީ މެޗަށް އެ ކުޅުންތެރިންނަށް ނުވަދެވިގެން އުޅެނިކޮށް ފަސް މިނެޓް ތެރޭގައި ކޮޅަށް ދެ ގޯލު ވަން. އެހިސާބުން އިތުރަށް ގޭމް ބިލްޑް ކުރެވޭނެ ގޮތެއް ނުވި،" ފެސްކޯ ބުންޏެވެ.

ރޭގެ މެޗަށްފަހު ސަސްގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ ނަތީޖާ ރަނގަޅު ކަމަށާއި ކުޅުންތެރިންގެ އެޓިޓިއުޑްވެސް ފެނުނީ ރަނގަޅަށް ކަމަށެވެ.

"މެޗުން ލިބުނީ ރަނގަޅު ނަތީޖާއެއް. ކުޅުންތެރިންގެ ތައްޔާރީތައް ހުރިވަރުން ވަރަށް ކޮންފިޑެންސް ރަނގަޅަށް ކުޅުނު. އެހެންވީމަ ޖުމުލަކޮށް، ރަނގަޅު މެޗެއް. ރަނގަޅަށް ތައްޔާރުވާން ވަގުތު ނުލިބި އޮތުމުން ފިޓްނަސް މައްސަލަ ޓީމުގައި އެބައުޅޭ. ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެއީ. ޓީމުގައި އެ ހާލަތެއް އޮތް ނަމަވެސް، ކުޅުންތެރިންގެ އެޓިޓިއުޑާ މެދުވެސް ހިތްހަމަ ޖެހޭ،" އިންމަ ބުންޏެވެ.

ރޭގެ މޮޅާއެކު ސަސްއިން ވަނީ ގްރޫޕް އޭ އިން ސެމީގެ އުންމީދު ބޮޑުކޮށްފައެވެ. އެ ގްރޫޕުގައި ދެން ކްލަބު އީގަލްސް އޮތް އިރު، ވެލެންސިއާ ކައިރިން އީގަލްސް މޮޅުވެއްޖެ ނަމަވެސް، ސަސްއަށް ސެމީ ޔަގީންވީއެވެ. މިފަހަރު ޕްރެސިޑެންޓްސް ކަޕްގައި ހަ ޓީމަކުން ވާދަކުރާ އިރު، މެޗުތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ.