ފަރިތަކުރުންތައް ފެށިތާ ގާތްގަނޑަކަށް ހަފުތާއެއް ފަހުން ޕްރެސިޑެންޓްސް ކަޕްގެ މެޗުތައް ކުޅެން ޖެހުމާއެކު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް މިފަހަރުގެ ޕްރެސިޑެންޓްސް ކަޕަކީ ޕްރި ސީޒަނުގެ ބަޔަކަށް ވެފައިވާ ކަމަށް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނެފިއެވެ.
މިރޭ ޕްރެސިޑެންޓްސް ކަޕްގައި ސަސްއިން، މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ވެލެންސިއާއާ ދެކޮޅަށް ނުުކުންނަ އިރު، ކޯޗު އިންމައަށް އޮތް ޗެލެންޖަކީ ޕްރި ސީޒަނެއް ނުހެދި އޮތުމެވެ.
"ހައެއްކަ ދުވަހު ފަރިތަކޮށްފައި ޕްރެސިޑެންޓްސް ކަޕަށް މި ނުކުންނަނީ. އެހެންވީމަ މުބާރާތް ޕްރި ސީޒަނެއްގެ ގޮތުގައި ބަލައިގެން މި ނުކުންނަން ޖެހެނީ. އެހެންވިޔަސް މުބާރާތެއްވީމަ ހިފަހައްޓަން ޖެހޭ ކޮންމެވެސް ވަރެއްގެ އުސޫލުތަކެއްވެސް ހުންނާނެ. ފުރަތަމަ ކަމަކަށް ކޮންސާންއަކީ ކުޅުންތެރިންގެ އަނިޔާއަށް ބެލުން. އެކަމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭނަން. ޕްރި ސީޒަނެއް ނަހަދާ މުބާރާތަށް ނުކުންނަންޏާ، މުބާރާތެއްގެ ލެވެލްއަށް ކުޅުންތެރިން ނުދަނީސް މިވަނީ މެޗު ކުޅެން ޖެހިފައި. އެހެންކަމަށްވާނަމަ ގޭމްގެ ވަކި ހިސާބަކުން އަނިޔާއެއް ކުޅުންތެރިންނަށް ނުލިބޭނެ ގޮތަކަށް ކަންކަން ބެހެއްޓުން އެއީ ކޯޗުންނަށް ވަރަށް ބޮޑު ޗެލެންޖެއް. އެކަމަކު މީގެ ކުރިންވެސް މިކަހަލަ ޗެލެންޖްތަކާ ކުރިމަތިލާފައިވާނީ. އެހެންވީމަ އަނެއްކާވެސް އެކަން ކުރަން ނުކުންނާނީ،" އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި އިންމަ ބުންޏެވެ.
އިންމަ އިތުރަށް ބުނީ ޗެލެންޖުތަކާއި ރިސްކުތަކާ އެކުވެސް، ސީޒަނަށް ތައްޔާރުވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެފައިވާ ކަމަށާއި، މުބާރާތަށް ނުކުންނާނީ ހިތްހަމަޖެހޭ ސްކޮޑަކާއެކުގައި ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އޮތް ގޮތުން، މިފަހަރު ސީޒަނަށް ގިނަ ޓީމުތައް ތައްޔާރުވާން ފެށީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް ފިޔަވައި ދެން އޮތް ކްލަބުތަކަށް މަދު ޕްރެކްޓިސްތަކެއް ކުރެވިފައިވާ އިރު، މިފަހަރުގެ ޕްރެސިޑެންޓްސް ކަޕަށް ވާދަކުރުމަށް ކްލަބުތަކަށް ޗެލެންޖި ބޮޑެވެ.
އެހެންނަމަވެސް އިންމަ، އިއްޔެގެ ޕްރެސްގައި ބުނީ ޕްރެސިޑެންޓްސް ކަޕަކީ މުހިއްމު މުބާރާތެއް ކަމަށާއި، އެއީ ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވުމުން ވާދަކުރުމުގެ ވިސްނުން ގެންގުޅޭނެ ކަމަށެވެ. ޓީމުގެ ހާލަތު މިވަގުތު އޮތް ގޮތުން އެހެން ޓީމުތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މިހާރު މިބަލަނީ އަމިއްލަ ޓީމުގެ ކަންކަން ރަނގަޅު ކުރުމަށް ކަމަށްވެސް އިންމަ ބުންޏެވެ.
"އަޅުގަނޑުމެންގެ ގްރޫޕަށް އައީ ކޮން ޓީމެއްތޯ ބަލަން އަދި ބޭނުމެއް ނޫން. އެއަށް ބަލަން އަޅުގަނޑުމެންނަށް ވާނެ ފައިދާއެއްވެސް ނެތް. އަޅުގަނޑު މިއުޅެނީ އަޅުގަނޑުމެންގެ ޓީމުގެ ހާލަތުން. މި މުބާރާތަކީ އަޅުގަނޑުމެން ޕްލޭޔަރުން މިހާރު ތިބި ފެންވަރު ދެނެގަތުމަށްޓަކައި ވަރަށް މުހިންމު މުބާރާތެއް. އަދި އަޅުގަނޑުމެންގެ ސްޓްރެންތާއި ވީކްނަސްއަށް މަސައްކަތް ކުރަން ލިބޭ ފުރުސަތެއް. ޓީމާ އަލަށް ގުޅިފައިވާ ޕްލޭޔަރުން ވެސް ދެނެގަންނަން އެ ޕްލޭޔަރުންނަށް ވެސް ފުރުސަތު ދޭނަން،" އިންމަ ބުންޏެވެ.
މިފަހަރު ޕްރެސިޑެންޓްސް ކަޕްގައި ވާދަކުރަނީ ހަ ޓީމު ކަމަށްވާތީ، މުބާރާތް ކުރިއަށް ގެންދަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. އެއް ގްރޫޕްގައި މާޒިޔާ އާއި ޓީސީ އަދި ބުރު އޮތްއިރު، އަނެއް ގްރޫޕްގައި ވާދަކުރަނީ އީގަލްސް، ސަސް އަދި ވެލެންސިއާއެވެ.
އިއްޔެގެ ޕްރެސްގައި އިންމަ އިތުރަށް ބުނީ ޓީމަށް އަދި ކުރަން އޮތް އުންމީދުތައް ކަނޑައަޅަން އުނދަގޫ ކަމަށާއި، ޓީމު މިހާރު އޮތް ހިސާބު ކޯޗެއްގެ ހައިސިއްޔަތުން އަދި ދެނެނުގަނެވޭ ކަމަށެވެ. އެހެން ނަމަވެސް "ނުކުންނާނީ އަބަދުވެސް އުންމީދުތަކެއް ކޮށްގެން،" ކަމަށްވެސް އިންމަ ބުންޏެވެ.
ސަސް އާއި ވެލެންސިއާ ކުޅޭ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.