ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބު އަލް ނަސްރުގެ ކޯޗު، ރުޑީ ގާސިއާ މަގާމުން ދުރުކޮށްފިއެވެ.
އަލް ނަސްރުން ބުނީ ކޯޗު ގާސިއާއާއި ކްލަބާ ދެމެދުވެފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެ އުވާލާފައިވާ ކަމަށާއި ގާސިއާ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ގާސިއާ މަގާމުން ވަކިކުރީ ކްލަބުން ކުރި ޓްރާންސްފާތަކާ އެކުވެސް ނަތީޖާ ނުނެރެވުމުންނެވެ. އޭގެ އިތުރުން ރޮނާލްޑޯއާއި އެހެން ގިނަ ކުޅުންތެރިންތަކަކާވެސް ކޯޗު ގާސިއާ މައްސަލަ ޖެހި، ޓީމުގެ ޑްރެސިން ރޫމުގެ ތެރޭގައި ނުތަވަސްކަން އުފެދިފައިވާ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.
ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު މި ވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. ލީގުގައި ބާކީ ހަތް މެޗު އޮތް އިރު، މި ވަގުތު އެއްވަނައިގައި އޮތީ އަލް އިއްތިހާދެވެ. އެއީ އަލް ނަސްރަށްވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ދާދިފަހުން ލީގުގައި އަލް ނަސްރާއި އިއްތިހާދުގެ ކުރިމަތިލުން ކާމިޔާބުކުރީ އަލް އިއްތިހާދެވެ.
އޭގެ އިތުރުން އަލް ނަސްރު ވަނީ އަރަބިއަން ސުޕަ ކަޕްގެ ސެމީ ފައިނަލުންވެސް ކަޓައިފައެވެ.
ގާސިއާ އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުއެވެ. އެއީ އޭގެ ކުރިން ހުރި ކޯޗު މިގޭލް އޭންޖަލް ރޫސޯ މަގާމު ދޫކޮށްލުމުންނެވެ. ގާސިއާއަކީ ފްރާންސް ލީގުގެ ލިލް، މާސޭ އަދި ލިޔޯނަށްވެސް ކޯޗުކަން ކޮށްދިން ކޯޗެކެވެ. އޭގެ އިތުރުން އޭނާ ވަނީ އިޓަލީ ލީގުގެ ރޯމާގައިވެސް ކޯޗެއްގެ މަސައްކަތްކޮށްފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ