ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވޮލީބޯލް ޗެލެންޖް ކަޕްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 22 ވަނަ ދުވަހު ކަޒަކިސްތާނާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.

ޖުމުލަ އަށް ގައުމު ވާދަކުރާ ކާވާ ޗެލެންޖް ކަޕްގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ސްރީ ލަންކާ އަދި ކަޒަކްސްތާނާއެކު ޕޫލް ބީގައެވެ. ޕޫލް އޭގައި އޮތީ ނޭޕާލާއި ކިރްގިސްތާން، ބަންގުލަދޭޝް އަދި އިންޑިއާއެވެ.

މުބާރާތް ތާވަލު ކުރެވިފައިވާ ގޮތުން ލީގު ބުރެއް ކުޅެ، އެއްވަނައާއި ދެވަނަ ޓީމު ސީދާ ދާނީ ސެމީ ފައިނަލަށެވެ. އަދި ކޮންމެ ޕޫލަކުންވެސް ދެވަނަ އަދި ތިންވަނަ ޓީމު ބްރޯންޒް މެޑަލް މެޗަށް ކުޅޭނެއެވެ. ކާވާ މުބާރާތުގެ ގުރު އިއްޔެ ނަގައިފައިވާ އިރު، މުބާރާތް އަންނަ މަހު 22 އިން 28 އަށް ހޯސްޓް ކުރާނީ ނޭޕާލުގައެވެ.

މުބާރާތް ނޭޕާލްގައި ހޯސްޓް ކުރަން ނިންމި ނިންމުމާއެކު ކާވާގެ ރައީސް، އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވަނީ ނޭޕާލަށް ޝުކުރު އަދާކުރައްވައިފައެވެ. ލަތީފް ވިދާޅުވީ މުބާރާތަކީ ގައުމުތަކުގެ ފެންވަރު ވަޒަންކޮށްލެވޭނެ މުބާރާތެއް ކަމަށާއި، ގައުމުތަކުގެ ބައިވެރިވުން ބޮޑުވުމާއެކު މިފަހަރުގެ މުބާރާތް ފުރިހަމަވާނެ ކަމަށެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ވަނީ އެންމެ ފަހުން މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖޭގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕް، ވޮލީބޯޅަ މުބާރާތުގައި ސިންގަޕޫރާއި މެލޭޝިއާއާ ވާދަކޮށް، ރިހި މެޑަލް ހޯދައިފައިވާ އިރު، އޭރު ކޯޗަކަށް ހުރި އިބްރާހިމް ނިޒާރު (ބޮޑޭ) ވަނީ މިހާރު ކޯޗުކަމުން ވަކިކޮށްފައެވެ.

ބޮޑޭ ވަނީ އޭނާ ކޯޗުކަމުން ވަކިކުރިކަން ރަސްމީކޮށް ނާނގާ ކަމަށްބުނެ، އެކަން ހިނގާ ދިޔަ ގޮތަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައެވެ. ހާއްސަކޮށް ވީއޭއެމްއިން އެކަމުގައި ބޮޑޭއާ ރަނގަޅަށް މަޝްވަރާ ނުކުރާ ކަމަށް ކުރިން ގައުމީ ޓީމަށް ކުޅުނު ވޮލީ ލެޖެންޑް ބޮޑޭ ބުންޏެވެ.

ބޮޑޭ ވަކިކުރުމަށްފަހު ގައުމީ ޓީމަށް ގެނައި އާ ކޯޗު ތައިލެންޑްގެ، ވިޗީޕޮން ފޯންޗާޓްޔިންޗީޕްއާއެކު މިހާތަނަށް ގައުމީ ޓީމުން ވަނީ ހަފުތާއެއްހާ ދުވަހު ފަރިތަކުރުންތައް ކޮށްފައެވެ. ފޯންޗާޓްޔިންޗީޕްއަކީ ކުރިން ތައިލެންޑްގެ ޒުވާން ގައުމީ ޓީމުގެ އިތުރުން ވިއެޓްނާމް ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެވެ. ފޯންޗާޓްޔިންޗީޕް ކޯޗިންނަށް ނުކުމެފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ.