ޚަބަރު

ކޮވިޑާއި އަރިދަފުސް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފި

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިދިޔަ ހޯމަދުވަހު އާންމުކުރި ކޮވިޑުގެ ތަފާސްހިސާބުގައިވާ ގޮތުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް 84 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 73 ކޭސްއަކީ މާލެއިން ފެނުނު ކޭސްއެވެ. އަދި ބަލި ޖެހިގެން 17 މީހަކު އެ ހަފުތާގައި އެޑްމިޓް ކުރި ކަމަށް ބުނެފައިވެއެވެ.

ކޮވިޑުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ބަލި އިތުރުވާން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެންނެވެ.

އަރިދަފުސް ރޯގާގެ ތަފާސްހިސާބުތައް އެޗްޕީއޭއިން އާންމުކޮށްފައެއް ނުވެއެވެ. އެ މައުލޫމާތު ހޯދަން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.

އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކުގެ އިރުޝާދު ދީފައެވެ.

އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް:

ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން އަރިދަފުނސް ރޯގާގެ އަލާމާތްތައް ހުރިނަމަ މާސްކް އެޅުން އާއްމު ތަންތަނުގައި އުޅޭ އިރު ގައިދުރުކަން ބެހެއްޓުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން ސައިބޯނި/ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފުކުރުން ބަލި ޖެހުމުން ނުރައްކާ ބޮޑު މީހުން ބޭރުގައި އުޅޭއިރު އަދި މީހުން އެއްވާ ތަންތަނަށް ނުކުންނައިރު މާސްކުއެޅުން ކޮވިޑް ވެކްސިން ފުރިހަމަކުރުން/ބޫސްޓާ ޑޯޒް ޖެހުން