ސަރުކާރު ހިއްސާވާ ކުނުފުނިތައް އުފެއްދުމާއި އުވާލުމާއި ރެގިއުލޭޓްކޮށް މޮނީޓާ ކުރެވޭނެ ގާނޫނެއް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލިއިފިއެވެ.

މިގަރާރުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައިގަނޑު މަގުސަދަކީ އެފަދަ ކުންފުނިތަކަށް ކަނޑައަޅާފައިވާ މެންޑޭޓާ އެއްގޮތަށް ވިޔަފާރިކޮށް، ނަފާ ހޯދައި، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ދައުލަތަށް އިގުތިސާދި ފައިދާ ހޯދައިދިނުން ކަމަށެވެ.

ނަމަވެސް، ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ދޯދިޔާވުމުގެ ސަބަބުން މިފަދަ ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގުސަދަށް ދައުލަތަށް ވާސިލު ނުވެވި، އިގުިތިސޯދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. ކުންފުނިތަކުގައި އުފެދޭ ފަސާދައިގެ އަމަލުތަކަކީ ދައުލަތް ހިންގުމުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް ދިމާވާ ގޮންޖެހުމެއް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

"ވޯލްޑް ބޭންކް ގްރޫޕުގެ މޯލްޑިވްސް ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް ރިޕޯޓުތަކުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިވާ މައްސަލަތައް ތަކުރާރުކޮށް ފާހަގަކޮށްފައިވޭ، އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު އިތުރުވެފައި ވީނަމަވެސް، ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް ހޯދައިދޭ ފިޒްކަލް ރެވެނިއު ދަށްވަމުން އަންނަކަން ފާހަގަ ކުރެވޭ،"

ކުންފުނީގެ މާލީ ގާބިލުކަމަށް ނުބަލައި އެކިއެކި ޕްރޮޖެކްޓްތައް ހިންގުމާއި، އެނޫންވެސް ގޮތްގޮތުން ހަރަދު ކުރުމުގެ ސަބަބުން ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ނުލިބުމާއި ކުންފުނިތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށާއި ވޯކިން ކެޕިޓަލްގެ ގޮތުގައި ކުންފުނިން ކުރަން ޖެހޭ ހަރަދުތައްވެސް ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހިފައިވާކަމަށްވެސް މި ގަރާރުގައި ބުނެފައިވެއެވެ.

މި ގަރާރުގައި މެންބަރު އިލިޔާސް ވިދާޅުވެފައިވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި، ވިޔަފާރި ފުޅާކޮށް ކުރިއަރުވާނެ ގޮތުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭނެއް ނެތް ކަމަށެވެ. ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމުގައި ވަކި މިސްރާބެއް ނެތުމުން، ސަރުކާރުން ދޫކުރާ ކެޕިޓަލް އެންމެ އެދެވޭ ގޮތެއްގައި ކުންފުނިތަކަށް ބޭނުން ނުކުރެވޭ ކަމަށެވެ.

"ދައުލަތުގެ މާލިއްޔަތުގެ ގާނޫނު އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ސަރުކާރު ހިއްސާވާ ކުނފުނިތަކުން އަމަލުކުރުން ލާޒިމުކޮށްފައެއް ނެތް، އެކަން އެހެން އޮތުމުން ކުންފުނިތަކުގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ ގާނޫނީ އޮނިގަނޑެއް ނެތް، މިކަމުގެ ސަބަބުން ކުންފުނިތަކުގެ ޕްރޮކިއުމަންޓް، ފައިނޭންޝަލް ޕޮލިސީ، ބަޖެޓަރީ ޕޮލިސީ އަދި އެނޫންވެސް މާލީ ކަންތައްތަކާ ގުޅޭ އުސޫލުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައި،"

އިލިޔާސް ވިދާޅުވެފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ރައްދުވާ އިދާރާތަކަށް ބަލާއިރު، ދެވަނައަށް އެންމެ ގިނަ މައްސަލަ ރަޖިސްޓަރީކޮށްފައި ވަނީ ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގޮތުންކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ސަރުކާރުގެ އޮފީސްތަކުން ކުރިޔަށްގެންދާ ބޮޑެތި ބައެއް މަޝްރޫއުތައް ހިންގުމަށް ބީލަންކުރުމަކާ ނުލައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުން ފުރުސަތުދޭ ހިނދު، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރެވޭ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމުގައި ކުންފުނިތަކުން ހަރުދަނާ އުސޫލެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން ޕްރޮޖެކްޓް ހިންގުމުގައި އެކި މައްސަލަ ދިމާވާކަން ފާހަގަވާކަމާއި އެގޮތުން ޕްރޮޖެކްޓު ހަވާލު ކުރާ ސަރުކާރުގެ އިދާރާ އާއި ސަރުކާރުގެ ހިއްސާވާ ކުންފުންޏާއި ސަބްކޮންޓްރެކްޓު ކުރާ ކުންފުނީގެ ޒިންމާތަކާ މަސްއޫލިއްޔަތު ކަނޑައަޅާފައެއް ނުހުރޭ، ނަތީޖާއެއްގެ ގޮތުން އެ ޕްރޮޖެކްޓުތަކަށް ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވޭ އަދި ޕްރޮޖެކްޓަށް ހޭދަވާ މުއްދަތު ވެސް އިތުރުވޭ،"

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަސާސީ ގަވާއިދުގައި އެ ކުންފުނީގެ މަގުސަދުތައް ސާފުކޮށް ކަނޑައަޅާފައި އޮތް ނަމަވެސް ބައެއް ކުންފުނިތަކުގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތައް ސަރުކާރުން އެ ކުންފުނިތަކާ ހަވާލުކުރާ ކަމަށާއި އަދި ކުންފުނީގެ މަގުސަދުތަކަކީ ކުންފުނީގެ ހިއްސާދާރުން ކަނޑައަޅާ ކަމަކަށްވީ އިރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައި ހުންނަ ކަމަށްވެސް ބުނެފައިވެއެވެ.

ކުންފުނިތަކުން އިދާރީ އޮނިގަނޑު އެކުލަވާފައިވީ ނަމަވެސް، ބައެއް ކުންފުނިތަކުގެ ސެކްޝަން ޔުނިޓްތަކުގައި މުވައްޒަފުން ތިބެން ޖެހޭ އަދަދު ކަނޑައަޅާފައި ނުހުރުމުގެ ސަބަބުން ވަޒީފާތަކަށް މީހުން ނެގުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

މި ގަރާރު މަޖިލީހަށް ބަލައި ގަތުމަށް ނެގި ވޯޓުގައި، މިއަދުގެ ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން މަޖިލީހަށް ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 21 މެމްބަރުންނެވެ. ގރާރު ބަލައި ނުގަނެ ބޭރު ކޮށްލުމަށް 33 މެންބަރުން ވޯޓު ދެއްވިއެވެ. މި ގަރާރު ބަލައި ގަތުމަށް ބޭނުންވަނީ 28 މެންބަރުންގެ ވޯޓެވެ.