ޗެލްސީ މިހާރު އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި ޗެލްސީގެ ކޯޗުކަމުގައި ހޭދަކުރި ދުވަސްތައް ހަނދާނުގައި އެބަހުރި ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ޗެލްސީން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ރެއާލް ދަނޑުގައެވެ. ޗެލްސީ އާއި ރެއާލް ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައިވެސް ވާދަކޮށްފައެވެ. ޗެލްސީ އެ ފަހަރު އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 3-1 އިން ބަލިވި ނަމަވެސް ރެއާލް ދަނޑުގައި އެ ޓީމު ބަލިކުރިއެވެ. އެ ފަހަރު ދެވަނަ ލެގުގެ މެޗު އިތުރު ވަގުތަށް ގޮސް، ރެއާލް ކުރި ހޯދީ އެގްރިގޭޓް 5-4 ގެ ނަތީޖާއަކުންނެވެ. ޗެލްސީން ރެއާލް ދަނޑުގައި މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ޗެލްސީ އާއި ރެއާލް އޭގެ ކުރީ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައިވެސް ވާދަކުރިއެވެ. 2020-21 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ އާއި ރެއާލް ވާދަކުރި ފުރަތަމަ މެޗު ރެއާލް ދަނޑުގައި 1-1 އިން އެއްވަރުވި އިރު، ދެވަނަ ލެގު ޗެލްސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ޗެލްސީ އޮތީ އުނދަގޫ ހާލަތެއްގައެވެ. ލީގު ތާވަލުގެ 11 ވަނައިގައި މިވަގުތު ޗެލްސީން އޮތް އިރު، އެޓީމުން މިރޭ ނުކުންނާނީ ވަގުތީ ގޮތުން ކްލަބާ ހަވާލުވި ފްރޭންކް ލަމްޕާޑުގެ ކޯޗުކަމުގައެވެ.
"އަހަރެން ދެރަވޭ ޗެލްސީގެ ހާލަތާމެދު. އަހަރެން ހަނދާނުގައި ޗެލްސީއަކީ ހާއްސަ ކްލަބެއް. އެ ކްލަބުގައި މިހާރު މަސައްކަތް ކުރާ އެންމެންނަކީވެސް ހާއްސަ ބައެއް. އަހަންނަކީ ޗެލްސީގެ ސަޕޯޓަރެއް. އަހަރެން އެ ކްލަބުގައި ހޭދަކުރީ އުފާވެރި ދެ ސީޒަނެއް،" ކުރިން ޗެލްސީއަށް ކޯޗުކަން ކޮށްދީ، އެ ކްލަބާއެކު 2009-10 ވަނަ އަހަރު ސީޒަނުގެ ލީގު ނެގި އެންޗެލޮޓީ ބުންޏެވެ.
ރެއާލްއިން މިދިޔަ ނުވަ އަހަރު ތެރޭގައި ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، އެންމެ ފަހުގެ ޗެމްޕިއަނުންނަކީވެސް އެޓީމެވެ. އެންޗެލޮޓީ ޕްރީ މެޗު ޕްރެސްގައި ބުނީ ރެއާލްގެ ކާމިޔާބީއަކީ ހަމައެކަނި ކުޅުންތެރިން ގެންގުޅޭ އުސޫލުތައް ނޫން ކަމަށާއި ޓެކްޓިކަލީވެސް ރެއާލްއަކީ ފުރިހަމަ ޓީމެއް ކަމަށެވެ.
އެންޗެލޮޓީ ޕްރެސްގައި ޗެލްސީއާ ގުޅޭ ގޮތުން އިތުރަށް ބުނީ ލަމްޕާޑާއެކު ކާމިޔާބު ސީޒަނެއް ކްލަބުން ނިންމާލާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ލަމްޕާޑަކީ ތަޖުރިބާ މަދު ކޯޗެއް ނަމަވެސް، އުންމީދު ކުރަނީ އުނދަގޫ މެޗަކަށް ކަމަށެވެ.
ޗެލްސީން ލަމްޕާޑަށް ފަހު އަދިވެސް ދާއިމީ ކޯޗުކަށް ބަލަމުންދާ އިރު، އެންޗެލޮޓީ ކައިރިން އަލުން ޗެލްސީއަށް ދާނަންތޯ ނޫސްވެރިޔަކު އެހުމުން ބުނީ، އަލުން އެ ކްލަބަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު