އުމުރުން 19 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިހަމް ހޯދަން ކުރަމުންދާ މަސައްކަތް ލިވަޕޫލުން ހުއްޓާލައިފިއެވެ.
ބްރޫޝިއާ ޑޯޓުމަންޑަށް ކުޅެމުންދާ ބެލިންހަމް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ކްލަބު ލިވަޕޫލުން އޭނާ ކުރިއަށް އޮތް ހޫނު މޫސުމުގައި ގެންދަން ބިޑު ކުރަންވެސް ތައްޔާވި ކަމަށް ނޫސްތައް ބުނެއެވެ. ބީބީސީން ބުނެފައިވާ ގޮތުގައި އެ ބިޑު ކުރަން ލިވަޕޫލުން ދެކޮޅު ހެދީ މަޝްވަރާތަކުގައި ޑޯޓުމަންޑުން ހުށަހެޅި އަގު ބޮޑުވުމުންނެވެ.
ނޫސްތައް ބުނެފައިވާ ގޮތުގައި ޑޯޓުމަންޑުން ބެލިންހަމް އެންމެ ކުޑަކޮށް ވިއްކާނެ އަގަކީވެސް 100 މިލިއަން ޕައުންޑެވެ. އަދި އެ އަގުގެ އިތުރުންވެސް ބެލިހަމް ގެންދަން އިތުރު ބައެއް ހަރަދުތައްވެސް ކުރަން ޖެހޭނެ ކަމަށް ނޫސްތައް ބުނެއެވެ.
ލިވަޕޫލުން މިވަގުތު ލީގު ތާވަލުގެ އަށް ވަނައިގައި އޮތީ ގަދަ ހަތަރަކަށް އުންމީދު ފަނޑުވެފައެވެ. އެޓީމަށް މިހާތަނަށް ކުޅުނު 29 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 29 މެޗުން 56 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް އޮތީ ހަތަރު ވަނައިގައި އޮތް ޔުނައިޓެޑާ 12 ޕޮއިންޓް ފަރަގެއްގައެވެ.
ލިވަޕޫލަށް މި ސީޒަނުގައި އުނދަގޫތަކާ ދިމާވެފައިވާ އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޯޗު ޔާގަން ކްލޮޕް ބުނީ ހޫނު މޫސުމުގައި ޓީމަށް ކުޅުންތެރިން ގެންނަން ޖެހޭ ކަމަށެވެ. އަދި އެވާހަކައިގެ ތެރެއިން ކްލޮޕް ވަނީ ވަރަށް ބޮޑަށް ބެލިންހަމްއަށް ތައުރީފު ކޮށްފައެވެ.
ބެލިންހަމް، އުމުރުން 17 އަހަރުގައި ބާމިންހަމްއިން ޑޯޓުމަންޑަށް ގޮސްފައި ވަނީ 2020 ވަނަ އަހަރުއެވެ. މިހާތަނަށް ޑޯޓުމަންޑް ޖާޒީގައި އޭނާ ވަނީ 37 މެޗު ކުޅެފައެވެ. މި ސީޒަނުގެ މިހާތަނަށް ބެލިންހަމް ވަނީ 10 ގޯލު ޖަހައި، ހަ އެސިސްޓް ހަދައިފައެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް