ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިދާރާ ހިންގަމުގެ ކަންކަން ގޯސްވެފައިވާ ކަމަށް ބުނެ، ކްލަބުތަކާއި އެކްސްކޯގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފިއެވެ.

މިދައުރުގެ ކުރިންވެސް މައްސަލަގަނޑެއްގެ ތެރޭގައި އޮތް ވީއޭއެމްގެ އިންތިހާބު 2021 ވަނަ އަހަރު ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ) އެ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ 2021 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ. އެސޯސިއޭޝަންގެ ހާލަތު އޭރު ގޯސްވެފައި އޮތުމުން އިންތިހާބު ބޭއްވީ އެފްއައިވީބީ އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފެއްދި "އެޑްހޮކް ކޮމިޝަން"ގެ ބެލުމުގެ ދަށުންނެވެ.

އިންތިހާބުވެވަޑައިގެން ވީއޭއެމް އެހެން ހަރުފަތަކަށް ގެންދިއުމަށް ރައީސް ރަނޭގެ އިސްނެންގެވުމާއެކު ބަދަލުތަކެއް ގެންނަވައި ކާމިޔާބު މުބާރާތްތަކެއްވެސް ބާއްވާފައިވާ އިރު، އެ އެސޯސިއޭޝަން ފުރަތަމަކޮޅުގައި ފެނުނީ ކާމިޔާބު ކޮށެވެ. ހާއްސަކޮށް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ކުރިއަށް ގެންދަވަން އިސްނަންގަވައި، ސަރުކާރާ ގުޅިވަޑައިގެން އެސޯސިއޭޝަނުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

އެހެން ނަމަވެސް، ބައެއް ކްލަބުތަކުން މިހާރު ވަނީ އެސޯސިއޭޝަނުގެ ހިންގުމުގެ ޝަކުވާތައް އުފުލައިފައެވެ. ހާއްސަކޮށް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ނުބާއްވައި، ބަޖެޓް ފާސްކުރުމުގެ ކަންކަމުގައިވެސް އެސޯސިއޭޝަނުގެ ފަރާތުން ގޯސްތަކެއް ފެންނަމުންދާ ކަމަށް ކްލަބުތަކުން ބުނެފައިވެއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން މެންބަރު ކްލަބެއްގެ އިސް އޮފިޝަލަކު ވިދާޅުވީ އާ އެކްސްކޯ ހަވާލުވިފަހުން އާންމު ޖަލްސާއެއް ބާއްވައި، މިހާތަނަށް އެއްވެސް އަހަރެއްގެ ބަޖެޓް ފާސްކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރުން އަހަރީ ރިޕޯޓް ފާސްކޮށް، ސްޕޯޓްސް ކޮމިޝަނަރަށް ރިޕޯޓުތައް ގަވާއިދުން ހުށަހަޅާފައި ނުވާ ކަމަށްވެސް "ވަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

"އަދި މިހާތަނަށް އާ އެކްސްކޯ ހަވާލުވިފަހުން އާންމު ޖަލްސާއެއް ބާއްވައި، ކްލަބަތަކަށް އަހަރީ ބަޖެޓް ހިއްސާ ކޮށްފައެއް ނުވޭ. އަހަރީ އާންމު ރިޕޯޓުވެސް ފާސްކޮށް، ހުށަހަޅާފައެއް ނުވޭ. އެ ކަންކަން ފުރިހަމަ ނުވާނަމަ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 24 ވަނަ މާއްދާގެ ށ، ނ، ރ އާ އެސޯސިއޭޝަންގެ ހިންގުން ހިލާފުވޭ. މިއީ ވަރަށް ގޯސް ހާލަތެއް. މިއީ އެފްއައިވީބީންވެސް އެކަމާ ކަންބޮޑުވާނެ ހާލަތެއް. ހަރަދު ކުރެވޭނީ ހަމައެކަނި ފާސްކުރި ބަޖެޓަކުން. އެހެންކަމުން މި ކަންކަން ރަނގަޅު ކުރުމަށް އަހަރެމެން ވާނީ ވީއޭއެމްގައިވެސް އެދިފައި،" ކްލަބެއްގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވިއެވެ.

ވީއޭއެމްގެ ހިންގާ ގަވާއިދުގެ 24 ވަނަ މާއްދާގައި ބުނާ ގޮތުން، އެސޯސިއޭޝަންގެ އެކްސްކޯގެ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް އާންމު ޖަލްސާއެއް ބާއްވައި، އަހަރީ ރިޕޯޓާއި ބަޖެޓް ފާސްކުރަން ޖެހެއެވެ. ހަރަދު ކުރެވޭ ހިސާބުކިތާބު އާންމު މެންބަރުންނާ ހިއްސާކޮށް، އާންމު ޖަލްސާ ބާއްވާތާ 30 ދުވަހުގެ ތެރޭގައި ރަސްމީކޮށް ރިޕޯޓު ހުށަހަޅަން ޖެހެއެވެ.

ވީއޭއެމްގެ އަހަރީ ރިޕޯޓު ސްޕޯޓްސް ކޮމިޝަނަރަށް އަހަރުން އަހަރަށް ހުށަހަޅަމުން ނުދާތީ، އެކަމުގައި ކޮމިޝަނަރު ވަނީ ވީއޭއެމްއަށް ހާއްސަ އެންގުމެއްވެސް އަންގަވައިފައެވެ. ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް "ވަން"އަށް ވިދާޅުވީ ގިނަ ކްލަބުތަކަކާއި ބައެއް އެސޯސިއޭޝަންތަކުންވެސް ބަރާބަރަށް އަހަރީ ރިޕޯޓު ހުށަނާޅައި ވާ ކަމަށާއި، ވީއޭއެމްގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އެދި މިހާރުވެސް އެސޯސިއޭޝަނަށް ވަނީ ހާއްސަ ސިޓީއެއް ފޮނުއްވާފައި ކަމަށެވެ.

ވީއޭއެމްގެ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް ކުރީގެ ގައުމީ ޓީމުގެ ކޯޗު، މުހައްމަދު ޝަރަފުވެސް ވަނީ މައުލޫމާތު ހޯދުމަށް އެދޭ ހާއްސަ ފޯމެއް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅައިފައެވެ. ކޯޗުންގެ އިތުރުން މިހާރުގެ އެކްސްކޯގެ ބައެއް މެންބަރުންވެސް ވަނީ ވީއޭއެމްގެ އިދާރީ ކަންކަން ގޯސްކޮށް ދާ ކަމަށްބުނެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

"ވީއޭއެމްގެ އިދާރީ ކަންކަން އާންމު މެންބަރުންގެ އިތުރުން އެކްސްކޯ މެމްބަރުންނާވެސް ހިއްސާއެއް ނުކުރެވޭ. އެކްސްކޯ ބައްދަލުވުންތައްވެސް ނުބޭއްވި ދަނީ. މިހާތަނަށް އާ އެކްސްކޯގެ ބޭއްވުނީ ހަތަރު ބައްދަލުވުން. އެއީ ފިޒިކަލް ތިން ބައްދަލުވުމާއި އޮންލައިން އެއް ބައްދަލުވުން. އާންމުކޮށް އެކްސްކޯއަށް އެނގެން ޖެހޭ މައުލޫމާތުވެސް ބަރާބަރަށް އެނގިގެނެއް ނުދޭ،" މިހާރު އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މެންބަރަކު "ވަން"އަށް ވިދާޅުވިއެވެ.

ވީއޭއެމްގެ އިދާރީ ކަންކަން ރަނގަޅު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި، ބައެއް ކްލަބުތައް އަދި މިހާރުގެ އެކްސްކޯ މެންބަރުންގެ ކަންބޮޑުވުންތަކަށް އެސޯސިއޭޝަންގެ ފަރާތުން ޖަވާބެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ވީއޭއެމްގެ ރައީސަށް ފޯނުން ގުޅައިގެން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ.