ކުޅުދުއްފުށީ ސިޓީގައި ފުށް ފެކްޓްރީ ނޭޅުމަށް ސަރުކާރުން ނިންމާފައިނުވާނެ ކަމަށާއި އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކާނާގެ ޔަގީންކަން، ފުޑް ސެކިއުރެޓީ ޔަގީންކުރަން އޭނާ އެސްޓީއޯއާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ. ފުޑް ސެކިއުރެޓީއަށް ރާއްޖޭގައި ފުށް ފެކްޓްރީއެއް އެޅުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ އޭނާގެ ޕްލޭނެއް ކަމަށް އަމްރު ވިދާޅުވިއެވެ.
"އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގައި އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން،" އަމްރު ވިދާޅުވިއެވެ.
އަމްރުގެ އެ ވާހަކަތައް ދޮގުކުރައްވައިފަ، މިއުވާން "ވަން" އަށް ރޭ ވިދާޅުވީ ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ހުއްޓާލާފައިނުވާނެ ކަމަށާއި އަދި އެ މަސައްކަތާ ގުޅޭ ކަންކަން އެސްޓީއޯއިން މިހާރުވެސް ކުރަމުންދާ ކަމަށެވެ.
"ކުޅުދުއްފުށީގަ އެކަން ނުކުރަން އެއްވެސް އިރެއްގެ ރައީސް އޮފީހުން ނިންމާފައެއް ނުވާނެ. އަދި އެފަދަ އިޝާރާތެއްވެސް ކޮށްފައެއްނުވާނެ. ފުށް ފެކްޓްރީ އެޅުމަށް ކުރަންޖެހޭ ކަންކަން އެސްޓީއޯއިން މިހާރުވެސް ދަނީ ކުރަމުން. އެ މަސައްކަތް ކުރިއަށްދާނެ،" މިއުވާން ވިދާޅުވިއެވެ.
އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ވާހަކަދައްކަވަމުން އަމްރު ވިދާޅުވެފައިވަނީ ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުޑް ސެކިއުރިޓީ ބެލެހެއްޓުން ކަމަށެވެ. ހާއްސަކޮށް ގޮދަން ފުށަކީ ގިނަ ދުވަހު ރައްކާކުރެވޭ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކައުންޓެއް ނުކުރަން ގޮދަން ފުށަކީ ފުޑް ސެކިއުރިޓީއެއްގެ ގޮތުގައެއް. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް ގޮދަން އެތެރެކޮށްގެން އޭގެ ފުށް ހަދާ ފެކްޓަރީއެއް ރާއްޖޭގައި ގާއިމު ކުރުން. އޭރަށް ތަންކޮޅެއް ގިނަ ދުވަހު ދެމި ހުންނާނެ،" އަމްރު ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އަޅަން ނިންމައި، މިދިޔަ އަހަރު ވަނީ ފުށް ފެކްޓްރީ އަޅާނެ ބިންވެސް ކަނޑައަޅައިފައެވެ. އެގޮތުން އެ ކުންފުނީގެ ފުށް ފެކްޓްރީ އަޅަން ނިންމީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުޅުދުއްފުށީ ޕޯޓް ހިންގާ ސަރަހައްދުގައެވެ.
އެސްޓީއޯ އިން ކުރިން މަސައްކަތް ކުރީ މާލެ ސަރަހައްދުގައި ފުށް ފެކްޓަރީ އެޅުމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ބައެއް ބިންތައް ވެސް އެސްޓީއޯއިން ބެލިއެވެ.