މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީ ދެމަފިރިއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި، އަނބި މީހާގެ ގަޔަށް ވަޅި ހަރައި، ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާއަށް ކުރާ ދައުވާގައި، އޭނާގެ ގަޔަށް ވަޅި ހެރުނީ ނިދާފައި އޮވެގެން ފުރޮޅުމުގެ ތެރޭގައި ކަމަށް އަންހެން މީހާ ބުނެފައިވާތީ، އެ މައްސަލައިގައި ވަޅިހެރިކަމަށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފިއެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ދެމަފިރިންގެ ދޭތެރޭގައި ހިނގި ކަމަށް ބުނާ މި މާރާމާރީގެ މައްސަލައިގައި ފިރިމީހާ، ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ ހުސްވި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
އެދުވަހު މި މައްސަލައިގެ ހުލާސާބަޔާން ހުށަހަޅަމުން ދައުލަތުން ބުނެފައި ވަނީ، ފިރިމީހާ އަނބިމީހާއަށް ހަމަލާދީފައިވަނީ ގަސްތުގައި ކަމަށާއި ހަމަލާދިނީ ވެސް ނިދާފައި އޮއްވައި ކަމަށެވެ.
އެމައްސަލައާ ގުޅިގެން އަންހެންމީހާ ފުލުހުނަށް ދިން ބަޔާނުގައިވެސް ބުނެފައި ވަނީ ފިރިމީހާ އޭނާއަށް ހަމަލާދީ ވަޅި ހެރި ކަމަށެވެ.
މިހާދިސާގެ ވީޑިއޯއެއް އޭރު އާއްމު ވެފައިވާއިރު، އެ ވީޑިއޯއިން ވެސް ފެންނަނީ ފޫކޮޅު މަސްގަނޑާ ދިމާލުން ފަލަމަސްގަނޑަށް ހަރާފައިވާ ވަޅިއާއެކު ފުލުހުންގެ އެހީގައި ހަނި ސިޑިއަކުން އެ އަންހެންމީހާ ބޭރަށް ނެރެގެން ގެންދާ މަންޒަރެވެ. އަދި އޭރު އަންހެން މީހާގެ މުޅި ހެދުމުގެ ފަސްބައި ލެއިން ތަތްތެޅިފައިވާ އިރު، އަންހެންމީހާގެ ގިސްލުމުގެ އަޑު އިވެއެވެ.
ނަމަވެސް ފުލުހުންނަށް ދިން ބަޔާނާ ހިލާފަށް، ހުލާސާ ބަޔާން ހުށަހެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަންހެން މީހާ ބުނެފައި ވަނީ، އޭނާ ނިދަން އޮތީ ތަރުކާރީ ކޮށާތަނާ ދިމާލު، ސިޓިން ރޫމުގައި ކަމަށެވެ. އެއީ އާއްމުކޮށް ވަޅި ފަދަ ތަކެތި ހުންނަތަނެއް ކަމަށާއި އޭނާގެ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅުމުން ކަމަށް ވެސް ބުނެފައިވެއެވެ. ފިރިމީހާވެސް ވަނީ ވަޅިހެރި ކަމަށް އިންކާރުކޮށްފައެވެ.
އިތުރު އެއްވެސް ފަރާތަކަށް އެ ހާދިސާ ފެނިފައިނުވާތީ މި މައްސަލައިގެ ހުކުމް އިއްވަން ޖެހެނީ ދެފަރާތުން ހުށަހެޅި ހެކިންގެ މައްޗަށެވެ.
އެހެންކަމުން މިއަދު މި މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ދައުވާގައި ބަޔާންކޮށްފައިވާ ފަދައިން އޭނާ އަނބިމީހާއަށް ހަމަލާ ދިންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު