ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގެ ގްރޫޕް އޭގެ ފަހު މެޗުގައި ފަހަތުން އަރައި ކްލަބު އީގަލްސް ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.
އިއްޔެ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި ބުރުން އީގަލްސް ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ތިން ޓީމު ވާދަކުރާ ގްރޫޕް އޭގެ މެޗުތައް ނިމުނު އިރު، ކޮންމެ ޓީމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެގޮތުން އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލު އޮތް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ދެވަނައަށް ދިޔަ ބުރަށް ތިން ޕޮއިންޓާއެކު، ފައިދާވެސް ގެއްލުން ވެސް ގޯލެއް ނެތް އިރު، ފުލަށް ދިޔަ އީގަލްސް ތިން ޕޮއިންޓާ އެކު ލިބިފައި އޮތީ ގެއްލުން އެއް ގޯލެވެ.
އިއްޔެގެ މެޗު ރަނގަޅަށް ފަށައި، މެޗުގެ އަށްވަނަ މިނިޓުގައި އީގަލްސްއިން ލީޑު ނެގިއެވެ. އެޓީމުން ލީޑު ނެގީ އޭރިއާތެރެއިން އަބްދުﷲ ނަސީރު ޖެހި ގޯލަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން، މުހައްމަދު މައުސޫމު ބުރަށް އެއްވަރު ކޮށްދިން ނަމަވެސް، އީގަލްސްއިން އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. އީގަލްސްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މުހައްމަދު ފަޒީން ޖެހި ގޯލުންނެވެ.
އެ ގޯލާއެކު އީގަލްސްއިން ލީޑުގައި ހާފު ނިންމާލަން ދަނިކޮށް، ބުރުގެ އިބްރާހިމް ހަލީލް ވަނީ ހިތްގައިމު ގޯލަކާއެކު އަނެއްކާވެސް ބުރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ހަލީލް ޖެހި އެ ގޯލަކީ މަތިމަތިން ދިޔަ ބޯޅައެއް އީގަލްސްގެ ގޯލްކީޕަރު ބޯމަތިން ގޯލަށް ވައްޓާލައިގެން ޖެހި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން އީގަލްސް ފަހަތުން ގޯސްތައް ފެނިގެން ދިޔަ އިރު، ބުރުން ހާފުގެ ކުރީކޮޅުގައި ފުރަތަމަ ލީޑު ނެގީ އީގަލްސްގެ އިސްމާއިލް ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ގޯލަކީ ޝަރީފް ބޮލުން ފަހަތަށް ޖައްސާލި ބޯޅައެއް ގޯލްކީޕަރަށް ނުލިބިގެން ގޮސް ވަން ގޯލެކެވެ.
މެޗުން ބުރުން ބޭނުންވާ ބޮޑު ފަރަގުގެ ނަތީޖާ ނެރުމަށް ދެން އަނެއް ދެ ގޯލު ޖަހައިދިނީ ހުސެއިން ހަބީބް (ހަބީ) އެވެ. ހަބީގެ ފުރަތަމަ ގޯލަކީ ހަލީލަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން، މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. ހަބީ ޖެހި ފަހު ގޯލަކީ އީގަލްސް ޑިފެންސް ފަހަތުން ހަލީލަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަބީއަށް ދިނުމުން އޭނާ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓަރަންސްއާއެވެ. މެޗު ފަށާނީ 4:30 ގައެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް