މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ރޭ ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ފެނުނީ ފުޓުބޯޅަ ނޫން ކަމަށާއި، އެފަދަ ހާލަތްތަކަށް ސަމާލުވާން ޖެހޭ ކަމަށް ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން މާޒިޔާ ވަނީ ޓީސީ އަތުން 2-0 އިން މޮޅުވެފައެވެ. މެޗުގައި މާޒިޔާގެ ދެ ގޯލުވެސް ފުރަތަމަ ހާފުގައި އިބްރާހީމް އައިސަމް ޖެހި އިރު، އެޓީމަށް ލިބުނު ގިނަ ފުރުސަތުތަކެއްގައި ގޯލު ނުޖެހި ބޭކާރު ވެގެން ދިޔައެވެ. ހާއްސަކޮށް މެޗުގެ ދެވަނަ ހާފު ވެގެންދަނީ އުނދަގޫ ހާފަކަށެވެ. ޓީސީގެ ގިނަ ކުޅުންތެރިންތަކެއްގެ ފިޓްނަސް މައްސަލަ ކުރިމަތިވެ، ފަރުވާ ދިނުމަށްވެސް ވަގުތުތަކެއް ހޭދަވެގެން ދިޔައެވެ. ކޯޗު އިވާން ބުނީ އެ ވަގުތުތަކުގެ ސަބަބުން މެޗުގެ ރިދަމް ގެއްލުނު ކަމަށާއި، އެއީ ފުޓުބޯޅަ ނޫން ކަމަށެވެ.

"މި މެޗަށް ކޮމެންޓެއް ކުރަން އުނދަގޫ. ފުރަތަމަ ހާފުގައި ރަނގަޅަށް ޑޮމިނޭޓްކޮށް، މާޒިޔާއަށްވެސް ކުޅެވުނު. ދެވަނަ ހާފުގައި ކުޅުނީ ފުޓުބޯޅައެއް ނޫން. 15 މިނެޓް ކުޅެވުނީ. އަނެއް 30 އަކަށް މިނެޓް މި ދިޔައީ އަނިޔާވި ކުޅުންތެރިންނަށް ފަރުވާ ދިނުމުގައި، ދެން ކުޅުންތެރިންނަށް ދަނޑުމަތީގައި ވެއްޓި ވަގުތުތައް ދިޔަ. މިއީ ފުޓުބޯޅައެއް ނޫން. ދެވަނަ ހާފަށް ކޮމެންޓެއް ދޭން ބޭނުމެއް ނޫން،" އިވާން ބުންޏެވެ.

ރޭގެ މެޗަށް ޓީސީ ނުކުތީ ދެތިން ޕްރެކްޓިހަކަށް ފަހުއެވެ. މާޒިޔާއިން ރަނގަޅު ޕްރި ސީޒަނެއް ފުރިހަމަކޮށް، ރަނގަޅު ކުޅުންތެރިން ގެން ގޮސްފައިވާ އިރު، ކޯޗު ބުނީ ރޭގެ ދެވަނަ ހާފުގެ ޓެކްޓިކްސްއަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

"އަހަރެމެން އެބަޖެހޭ މި ކަހަލަ ހާލަތްތަކުގައި ހަދާނެ ގޮތްތައްވެސް ވިސްނާފަ ބާއްވަން. އަހަންނަށް އެމީހުންގެ ފިލޯސަފީ ވިސްނޭ، އެމީހުން މި ޓެކްޓިކްސް ބޭނުންކުރަނީ ވަކި ބޭނުމެއްގައިކަން އެނގޭ. އަހަރެން ދެކޭ ގޮތުގައި މިކަމަށް އަހަރެމެންނަށް ކުރެވޭނެ ކަމަކީ މިހާރަށް ވުރެ އެގްރެސިވްކޮށް ކުޅުން. އެ މީހުންގެ ހާފުގައި ވެސް އެގޮތަށް ކުޅެންވީ، މާ ގިނަ ވަގުތު ބޯޅަ ނުހިފަހައްޓައިވެސް ޑައިރެކްޓްކޮށް ކުޅެގެން ގޯލު ޖެހޭ ވަރު އިތުރުކުރަންވީ،" އިވާން ބުންޏެވެ.

ރޭގެ މެޗުގައިވެސް މާޒިޔާއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަކެއްގައި ގޯލު ޖެހުމަށް އުނދަގޫތަކެއް ދިމާވިއެވެ. ކޯޗު އިވާން ބުނީ މާޒިޔާގެ ސާބިއާ ފޯވާޑް، ސްޓެފަން މިހަލޮވިޗް މިދޭތެރެއިން އަމިއްލަ ގައުމަށް ދާން ޖެހުމުން ބައެއް ފަރިތަކުރުންތައް ގެއްލުނު ކަމަށާއި، ދެން އޮންނަ މެޗަކަށް އެކަންކަން ރަނގަޅު ކުރުމަށް ވިސްނާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ޓީމަށް އިތުރަށް ގެނެސްފައިވާ ބިދޭސީ ދެކުޅުންތެރިންގެ ބޭނުންވެސް ރަނގަޅަށް ކުރަން ކުރިއަށް އޮތް ތަނުގައި ވިސްނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ފަހަރު ޕްރެސިޑެންޓްސް ކަޕްގައި ވާދަކުރަނީ ފުރަތަމަ ޑިވޝަނުގެ ހަ ކްލަބެކެވެ. އެފްއޭއެމުން ރާވާފައި ވަނީ ޕްރެސިޑެންޓްސް ކަޕްގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށެވެ.

މާޒިޔާއާއި ޓީސީގެ އިތުރުން ގްރޫޕް ބީގައި ދެން ހިމެނެނީ ބުރު ސްޕޯޓްސް ކްލަބެވެ. ގްރޫޕް އޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ވެލެންސިއާއާއި އީގަލްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ފައިނަލަށް ޓީމުތައް ދާނީ ސެމީގެ ދެ މެޗަށްފަހުއެވެ.

ޕްރެސިޑެންޓްސް ކަޕް ދެން އޮތް މެޗުގައި ހުކުރު ދުވަހުގެ ރޭ 10:00 ގައި ވާދަކުރާނީ ވެލެންސިއާއާއި ސަސްއެވެ.