ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ލީގުގައި ކުޅުނު މެޗުގައި ޖިރޯނާ ކައިރިން އެއްވަރުވެއްޖެއެވެ.

ބާސާ ދަނޑުގައި ރޭ ކުޅުނު މެޗު ގޯލެއް ނުޖެހި 0-0 އިން އެއްވަރުވެފައިވާ އިރު، ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކުވެސް ބާސާ އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އެހެން ނަމަވެސް ރޭގެ މެޗުން ގެއްލުނު ދެ ޕޮއިންޓާއެކު ބާސާއަށް ވަނީ ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ގެއްލިފައެވެ.

އެޓީމާ ދެވަނައިގައި ވާދަކުރަމުން އަންނަ ރެއާލް މެޑްރިޑުން މި ހަފުތާގައި ކުޅުނު މެޗުގައި ވިލަރެއާލް ކައިރިން ބަލިވެފައި އޮތް އިރު، އެޓީމަށް މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައި ވަނީ 59 ޕޮއިންޓެވެ. ބާސާއަށް 28 މެޗުން ލިބިފައި ވަނީ 72 ޕޮއިންޓެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައިވެސް ބާސާއަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ރޮބާޓް ލެވަންޑޯސްކީއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ. ރޭގެ މެޗުގައި ޖިރޯނާގެ ގޯލްކީޕަރު ޕައުލޯ ގަޒަނީގާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ރަފީނިއާ ކައިރި ކަނަށް ޖެހި ބާރު ހަމަލާއެއްވެސް އޭނާ މަތަކޮށް ބޭރުކޮށްލިއެވެ.

އަނެއްކޮޅުން ބާސާ ގޯލަށް އެންމެ ނުރައްކާ ކުރީ ޓަޓީ ކަސްޓެލާނޯސްއެވެ. އޭނާ ކުރިއަށް ޖެހި ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.