ނ. މަނަދޫއިން ޢަލީ ޔާމީން (ވަން އޮންލައިން)
މި ރަށުގައި މިދިޔަ ހުކުރު ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ، 62އ، ގެ މަރުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާތީ، މަނަދޫ ކައުންސިލުން މި ރަށުގައި ހުންނަ އަތޮޅު ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
ނައީމާގެ މަރާ ގުޅޭ ގޮތުން މި ރަށުގައި ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވެމުންދާއިރު، ނައީމާގެ ގާތިލަކީ ކާކުކަން މިހާތަނަށް ދެނެގަވިފައެއް ނުވެއެވެ.
ނައީމާގެ މަރަކީ މި ރަށުގެ ތާރީހުގައިވެސް ހިނގާދިޔަ އެންމެ އަނިޔާވެރި މަރެވެ. އެ މަރާ ގުޅިގެން މި ރަށުގެ ބައެއް މީހުންނަށް ނަފުސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު ރަށުތެރެވެސް ފެންނަނީ ހަމަހިމޭންކަމެވެ.
މި ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހު "ވަން" އަށް މިރޭ ވިދާޅުވީ، މިރޭގެ ބައްދަލުވުމުގައި ނައީމާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާއި ރަށް އިތުރަށް ބެލެހެއްޓޭނެ ގޮތްތަކާމެދު ފުލުހުންނާ ވާހަކަދެއްކި ކަމަށެވެ.
"ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ވިދާޅުވީ،" ސަަބީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ނައީމާގެ މަރުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ފޮރެންސިކްގެ އިތުރު ޓީމެއް މި ރަށަށް މިއަދު ވަނީ އައިސްފައެވެ. އަދި ތަހުގީގުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ސަބީހު ވިދާޅުވިއެވެ.
ނައީމާގެ މަރާ ގުޅިގެން ފުލުހުން ވަނީ އާންމު ގެތަކަށް ގޮސް ބައެއް ފަރާތްތަކާ ސުވާލުކޮށްފައެވެ. އަދި ފަޅު ގޯއްޗެއް ބަލައި ފާސްކޮށްފައިވެއެވެ. ނައީމާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ފުލުހުންގެ ޓީމަކުން ވަނީ ނައީމާގެ އާއިލާއަށްވެސް މައުލޫމާތު ހިއްސާކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ނައީމާ މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސް ވުމުން އޭނާ ދިރިއުޅޭ އަންނާރުމާގެއަށް ފުލުހުން ގޮސް އޭނާގެ ކޮޓަރީ ދޮރު ހަލާކުކޮށްލައިގެން ވަދުމުންނެވެ. އެއިރު ނައީމާ އޮތީ ޒަހަމްތަކާއެކު ބިންމަތީގައެވެ.
ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު ނައީމާގެ ހަށިގަނޑު މިދިޔަ ހޮނިހިރު ދުވަހު ހަވީރު ވަނީ މި ރަށު ސަހަރާގައި ވަޅުލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު