ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާއިން ޓީސީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ.
މިރޭގެ މެޗަކީ ފުރަތަމަ ޝެޑިއުލް ކުރެވިފައި އޮތް ގޮތުން ޕްރެސިޑެންޓްސް ކަޕްގައި ދެވަނައަށް ކުޅެން އޮތް މެޗެވެ. ދިމާވި ހާލަތެއްގެ ސަބަބުން ރޭ ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާއިން ކުޅެން އޮތް މެޗު ވަނީ ފަސްކުރަން ޖެހިފައެވެ.
ރަނގަޅު ޕްރީ ސީޒަނަކާއެކު ސީޒަނަށް ތައްޔާރުވެ، ވަރުގަދަ ސްކޮޑަކާއެކު ލީގަށް ނުކުތް މާޒިޔާއިން މި އަހަރު ޗެރިޓީ ޝީލްޑް ހޯދި މެޗުގައި ކްލަބު އީގަލްސް ބަލިކޮށްފައި އޮތްއިރު، އެ ޓީމާ ދެކޮޅަށް މިރޭ ނުކުތް ޓީސީ ސްޕޯޓްސް ކްލަބު އޮތީ ރަނގަޅަށް ސީޒަނަށް ތައްޔާރު ނުވެވިއެވެ. ޓީސީން މިރޭގެ މެޗަށް ފަރިތަކުރުންތައް ފެށީ މިދިޔަ ހަފުތާވެސް ނިމުނުފަހުންނެވެ.
މިފަހަރު ރާއްޖޭގެ ލީގުގައި ކުޅޭ ގިނަ ކްލަބުތަކަށް ފައިސާގެ މައްސަލަތައް ދިމާވެ އަދިވެސް ބިދޭސީ ކުޅުންތެރިންގެ ޓްރާންސްފާތައްވެސް ނުނިމި އޮތްއިރު، ޓީސީ ޓީމުން މިރޭ ފެނުނު ހަމައެކަނި ބިދޭސީ ކުޅުންތެރިޔަކީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ. ދެން ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައިވެއެވެ.
ޕްރެސިޑެންޓްސް ކަޕުން ކްލަބު ފުޓުބޯޅަ މި އަހަރަށް ފެށިގެން ގޮސްފައިވާ އިރު، މި ފަހަރު ޕްރެސިޑެންޓްސް ކަޕްގައި ވާދަކުރަނީ ފުރަތަމަ ޑިވޝަނުގެ ހަ ކްލަބެކެވެ. ތައްޔާރީތަކަށް ނުނިކުމެވޭތީ ކްލަބު ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މިފަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި ނުކުޅޭނެއެވެ. އެފްއޭއެމުން ރާވާފައި ވަނީ ޕްރެސިޑެންޓްސް ކަޕްގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށެވެ.
މާޒިޔާއާއި ޓީސީގެ އިތުރުން ގްރޫޕް އޭގައި ދެން ހިމެނެނީ ބުރު ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ވެލެންސިއާއާއި އީގަލްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ފައިނަލަށް ޓީމުތައް ދާނީ ސެމީގެ ދެ މެޗަށްފަހުއެވެ.
މިރޭގެ މެޗު ރަނގަޅަށް ފަށައިގެން މާޒިޔާއިން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް، އެ ޓީމަށް އެޓޭކްތައް އުފެއްދުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ. ހާއްސަކޮށް ޓީސީން ގިނަ ކުޅުންތެރިން ތަކަކާއެކު ޑިފެންސް ކުރަމުން ދިޔުމާއެކު، މާޒިޔާއަށް ވަނީ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ސަޕްލައި ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައެވެ.
މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހަސަން ނަޒީމް (ޗޯޓު)ގެ ހުރަސްތައް އޭރިއާ ތެރެއަށް ޖެހި ނަމަވެސް، ޓީސީގެ ސެންޓަ ޑިފެންޑަރުން ވަނީ ރަނގަޅަށް ބޯޅަތައް ސާފުކޮށްފައެވެ. މާޒިޔާއިން ހާފުގެ ފަހުކޮޅުގައި ރަނގަޅު ހަމަލާތަކެއް އުފައްދަން ފެށިއެވެ. ހަމްޕުގެ ދެ ހަމަލާއެއް ނުރައްކާކޮށް ފެނުނު އިރު، ފުރަތަމަ ހަމަލާ މަތަކުރީ ސުޖަންއެވެ. އަނެއް ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޓީސީގެ ފަރާތުން ބައެއް ގޯސްތައް ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ފަހު މިނެޓު ކޮޅުގައި މާޒިޔާއިން ދެ ގޯލު ޖެހިއެވެ.
މެޗުގެ ފުރަތަމަ ގޯލު 45 ވަނަ މިނެޓުގައި މާޒިޔާއިން ޖެހީ ކޯނަރަކުންނެވެ. ހަންޕުގެ ކޯނަރު ބޮލުން ގޯލަށް ވައްދާލީ އިބްރާހީމް އައިސަމްއެވެ. މާޒިޔާގެ ދެވަނަ ގޯލު، ހާފުގައި ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖެހީވެސް އައިސަމްއެވެ. އައިސަމް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލީ ހަމްޕު ދިން ބޯޅައިގައެވެ.
ދެވަނަ ހާފުވެސް މާޒިޔާއިން ރަނގަޅަށް ފަށައި ހަމަލާތަކަށް މަސައްކަތް ކުރިއެވެ. ބިދޭސީ ފޯވަޑް ސްޓެފަން މިހަލޮވިޗަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، އައިސަމް އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ 66 ވަނަ މިނެޓުގައި އަނެއްކާވެސް ހަމްޕުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިވެއެވެ. އޭރިއާ ބޭރުން ކުޅުންތެރިޔަކު ނައްޓާލުމަށްފަހު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އޭގެ ފަހުން ބަދަލަކަށް ކުޅެން ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަވެސް އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ފަހުކޮޅުގައިވެސް މާޒިޔާއިން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް އެ ޓީމަށް މާބޮޑަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އަރިމަތިން ހުރަސްތައް ޖަހަން މަސައްކަތް ކުރި ނަމަވެސް ޓީސީގެ ގޯލްކީޕަރު ސުޖަން ވަނީ ރަނގަޅު ބޯޅަތަކެއް ނަގައިފައެވެ.
ޕްރެސިޑެންޓްސް ކަޕް ދެން އޮތް މެޗުގައި ހުކުރު ދުވަހުގެ ރޭ 10:00 ގައި ވާދަކުރާނީ ވެލެންސިއާއާއި ސަސްއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު