ހިލްޓަންގެ މައްސަލައިގައި ލިޔެފައިވާ ރިޕޯޓުގައި "ދައުރު" ނޫހުން މަސައްކަތް ކޮށްފައި ވަނީ ކަމުގެ ހަގީގަތް އޮޅުވައިލަން ކަމަށް ސަން ޓްރަވެލްސް ގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ މި މައްސަލައިގައި އިއްޔެ ހަވީރު ނެރުއްވި ބަޔާނެއްގައެވެ.

މި ބަޔާނުގައި ވަނީ މައްސަލައާ ގުޅޭ ގޮތުން، ރިޕޯޓުގައިވާ ނުކުތާތަކަށް ރައްދު ދެއްވައިފައެވެ. ތިރީގައި ހިމަނައިފައި އެވަނީ އެ ބަޔާނަށް އެއްވެސް އުނިއިތުރެއް ނުގެނެހެވެ.

ދިވެހިރާއްޖޭގެ ނޫހެއްކަމަށްވާ " ދައުރު" ނޫހުގައި "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މިސުރުޚީދަށުން ލިޔެފައިވާ ލިއުމާއި ގުޅިގެން ސަންޓްރެވަލްސް އެންޑް ޓުއާރސް ގެފަރާތުން ނުވަތަ ސަންކުފުނީގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު އެނޫސްވެރިޔާއަށް ގުޅާ އިންޒާރު ދިންކަމަށް ބުނެ ޝާއިޢުކޮށްފައިވާ ލިއުމާއި ގުޅިގެން ޙަގީގަތާއި ޚިލާފަށް ލިއުއްވާފައިވާ ލިއުމާއި ގުޅިގެން ދަންނަވަމެވެ.

1. ސަންޓްރެވެލްސްގެ ފަރާތުން ނުވަތަ އަޙްމަދު ސިޔާމްގެ ފަރާތުން ދައުރު ނޫހުގައި އެވިދާޅުވާފަދަ އިންޒާރެއް އެލިއުން ލިއުނު ލިއުންތެރިއާއަށް ނުވަތަ ނޫހަށް އަދި އެއްވެސް ފަރާތަކަށް ދީފައިނުވާނެއެވެ. ސަން ގްރޫޕްގެ ފަރާތުން އަދި އަހްމަދު ސިޔާމް ގަބޫލްކުރާގޮތުގައި މިނިވަން ނޫސްވެރިކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. މިޙައްގުގެ ބޭނުންކުރުމުގައި ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ޙުދޫދުގެތެރެއިން މިނިވަން ޑިމްރާތީ މުޖްތަމަޢުތަކުގައި އެފަދަ ޙައްގުދީފައިވާ މިންވަރަށާއި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފުނުވާގޮތެއްގެ މަތިން ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ގަބޫލްކޮށް ޚުދު ނޫސްވެރިކަމާއި ޚަބަރާއި މަޢްލޫމާތު ދިވެހިރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ކުރިއެރުވުމަށް ޢަޙްމަދު ސިޔާމަކީ ބުރަމަސައްކަތްކުރައްވާ ބޭފުޅެކެވެ.

2. މިމަހު ހަވަނަ ދުވަހު ދައުރުނޫހުގައި ލިއެފައިވާ ލިއުމުގައި ނޫސްވެރިޔާ މުޅި އާޓިކަލް ލިއެ ނިންމިއިރު ތިލަފަތް ހަމަކޮށް ނުވަތަ ކަންހިނގާފައިވާގޮތުގެ ސައްޙަ މަޢްލޫމާތު ގެނެސްދިނުމުގެ ބަދަލުގައި މަސައްކަތްކޮށްފައިވަނީ ސަން ފުރޫޕްގެ ކުންފުނިތަކާއި އަހްމަދު ސިޔާމުގެ ނަން ހުތުރުކޮށް ގެއްލުންދިނުމަށެވެ. އަދި ގާނޫނީގޮތުންބަލާއިރު ގާނޫނުނަންބަރ 96/10 ދިވެހިރާއްޖޭގެ ކުންފުޏާއިބެހޭ ގާނޫނުގެ ދަށުން ކުންފުންޏަކީ އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމާއި ދައުވާކުރުމާއި ދައުވާލިބިގަތުމުގައި ވަކިޝަޚުސެއްކަމަށްވާއިރުވެސް އަޙްމަދު ސިޔާމްގެ ނަން ގެނެސް މިއީ އަހްމަދު ސިޔާމާއިއެކު ހިނގާފައިވާ މުއާމަލާތެއްކަމަށް ދަލީލުކުރުމަށެވެ. ދައުރުގެ ލިއުމުގައި ވަރަށް މައްލޫމާތު ލިބިފައިވާކަމަށް ދޭހަވާގޮތަށް ޓައިމްލައިނެއް ލިޔެ ދައްކާފައިވާއިރު، މި ލިޔުމުގައި ލިޔުންތެރިޔާ ހިލްޓަންގެ ފަރާތުން ވަކާލާތުކޮށް ފާޅުކަންބޮޑުކޮށް ތަޢައްސަބާއި، ނަފުރަތާއި، ޙަގީގަތެއްނެތް އެތަކެއް އިޙްތިމާލުތަކެއް ގެނައުމުގެ އިތުރުން ލިއުމުގައި، ފާޅުކަންބޮޑުކޮށް ސަންގެ އެމްޑީ އަހްމަދު ސިޔާމުގެ ސިޔާސީވިސްނުމާއި ފިކުރަށް މިލިއުމުގައި ޙަމަލާދީފައިވެއެވެ. އަދި މިލިއުމުގައި ތަކުރާރުކޮށް ސިޔާމުގެ ސިޔާސީ ވިސްނުމާއި މަސައްކަތަށް ޙަމަލާދީފައިވާއިރު، ލިއުންތެރިޔާގެ ރުޅިގަނޑު ބާލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން 2 އޭޕްރީލްގައި ނެރެފައިވާ ވަގުތީ އަމުރާއިގުޅޭގޮތުންނެވެ. މިގޮތުން ނޫސްވެރިޔާ ލިއުއްވަނީ " މިމައްސަލަ މިހާ ދިގުލައިގެން ދިއުމުން ޔަގީންވާ އެއްކަމެއް އެބައޮތެވެ. ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އިންވެސްޓްކޮށްފައިވާ ދުނިޔޭގެ ބޮޑުވިޔަފާރިއަކަށް މި ރާއްޖޭގައި އިންސާފު ނުލިބިގެން މި އުޅެނީ އެ މައްސަލައިގައި ވަށައިގެންވާ ބާރުގަދަ ސިޔާސީ ނުފޫޒުތަކާ ހުރެއެވެ." މިހެން ބަޔާންކޮށްފައިވުމުން ދޭހަވަނީ ދުނިޔޭގެ ބޮޑު ވިޔަފާރިކުންފުންޏަކަށްވުމީ އެކުންފުނިން ކުރާ ދައުވާއެއް ނިސްބަތްވާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި، ނުވަތަ އެނޫންވެސް ވިޔަފާރިތަކުގެ ޙައްގުތަކަކީ އާދައިގެ ޙައްގެއްކަމަށެވެ. ނުވަތަ އެހެންވިޔަފާރިތަކަށް ލިބެންޖެހޭ ހައްގެއް އޮވެގެންނުވާނެކަމަށެވެ.

3. އަދި މީގެ އިތުރުން މިއީ ނޫސްވެރިޔާގެ ފާޅުކަން ބޮޑު ތަޢައްސަބެއް ސަންކުންފުންޏާއި އަދި އަހްމަދު ސިޔާމާއިދެމެދު އޮތްކަމެއްކަން ދަލީލުކޮށްދޭކަމެކެވެ. މީގެ އިތުރުންވެސް މިލިއުމުން ސިޔާސީ ނުފޫޒުގެ ވިސްނުން އެސްޓަބްލިޝްކުރުމުގެ ގޮތުން ނަންނުޖަހާ ވަކީލުންތަކެއް ބުނިކަމަށް ބުނެ (އެއްފަރާތަކަށް އޮއްސިފައިވާ) ވަންސައިޑެޑް ރައުޔުތަކެއް ލިއެފައިވާއިރު، މިއީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި ސަންކުންފުންޏާއި އަހްމަދު ސިޔާމުގެ އަބުރަށާއި ކުންފުނީގެ ވިޔަފާރިއަށްގެއްލުން ދިނުމުގެ ގޮތުން ވަކިބަޔަކު އަޑީގައިތިބެ ސޮޕްންސަރކޮށްގެން ލިއެފައިވާ ލިއުމެއްކަން އެނގެއެވެ. ޝަރުޢީ ކޯޓަކުން ނިންމާ ނިންމުންތަކާއި އެނިންމުންތައް ނިންމުމުގެ ބާރު ލިބގެންވަނީ ކޯޓްތަކަށްކަން ގާނޫނު ނަންބަރު 2010/10 ގެ 2 ވަނަ މާއްދާއާއި އަތި 3 ވަނަ މާއްދާގައި ޞަރީޙަކޮށްފައިވާއިރު، ކޯޓްތަކުން ނިންމާ ނިންމުންތަކާއިމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފުކުރުމުގެ އަސާސްހިމެނިފައިވާގޮތް މިގާނޫނުގެ 16 އަދި 12 ވަނަ މާއްދާ ހިމެނޭގޮތަށް ބަޔާންކޮށްފައިވާއިރު، ދައުރު ނޫހުގައި ތަކުރާރުކޮށް ޝަރުޢީ ކޯޓްގެ ނިންމުމާއި ސަންކުންފުންޏާއި އަހްމަދު ސިޔާމުގެ ސިޔާސީ މަސައްކަތާއި އަދި ނުފޫޒު ހިމެނޭކަމެއް ބުނެފައިވުމަކީ ޝަރުޢީ ނިޒާމްގެ އިތުބާރު ގެއްލުވާލާ، ކޯޓުތަކުގެ ޙުރުމަތްކެނޑޭގޮތަށް ލިއެފައިވާލިއުމެއްކަމަށާއި އަދި އެއީ ގާނޫނު އަސާސީގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ކުރިއަރާފައިވާ ގައުމުތަކުގައި މިނިވަން ނޫސްވެރިކަމުގެ އެތިކަލް މިންގަޑު އެއްކިބާކޮށް ކަނޑައެޅިގެން އަހްމަދު ސިޔާމުގެ ސިޔާސީ ފިކުރާއިގުޅުވައި ނަފްރަތާއި، ރުޅިވެރިކަން އާންމުންގެ ތެރޭގައި އުފެއްދުމުގެ ގޮތުން ލިއެފައިވާ މިނިވަން ދިމުގުރާތީ މުޖްތަމައުގައި ނޫސްވެރިން ހިފަހައްޓާ މިންގަޑާއި ކަނޑައެޅިގެން ފުށުއަރާގޮތަށް ލިއެފައިވާ ލިއުމެއްކަން ތިރީގައި މިޙަވާލާދޭ International Federation of Journalists ގެ ފަރާތުން ޝާއިޢުކޮށްފައިވާ Global Charter of Ethics for Journalists 9 ވަނަ މާއްދާއިން ކަނޑައަޅާފައިވާ މިންގަނޑަށް ބެލުމުންވެސް އެނގެއެވެ. އެމާއްދާގައިވަނީ :

Journalists shall ensure that the dissemination of information or opinion does not contribute to hatred or prejudice and shall do their utmost to avoid facilitating the spread of discrimination on grounds such as geographical, social or ethnic origin, race, gender, sexual orientation, language, religion, disability, political and other opinion.

އެހެންކަމުން މިއީ ނޫސްވެރިކަމުގެ ތާކިހަލުގެ ނިވަލުގައި ވިޔަފާރި ކުންފުންޏެއްކަމަށްވާ ސަންޓްރެވަލްސް އަށާއި އަދި އެކުންފުނީގެ އެމްޑީއަށް ގެއްލުންދިނުމުގެ މަގްސަދުގައި ބަޔަކު އަޑީގައިތިބެ ލިއެފައިވާ ލިއުމެކެވެ. މިލިއުމުގައިބޭނުންކޮށްފައިވާ ނަންހާމަނުކުރާ ވަކީލުންގެ ވާހަކަތަކާއި ހިލްޓަންގެ ފަރާތުން ކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ވާހަކަތަކާއި ވަރަށްއެއްގޮތެވެ. އަދި މިއީ މަތީގައި ބަޔާންކޮށްފައިވާ ގްލޯބަލް ޗާޓަރ އޮފް އެތިކްސް ފޯ ޖާނަރލިސްޓުންގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ނޫސްވެރިކަމުގައި serious professional misconduct ގެތެރޭގައި distortion of facts, slander, libel, defamation, unfounded accusations ދައުރު ނޫހުގެ ޙަވާލާދީފައިވާ ލިއުމުން ފާޅުވާންއޮތީ ނަފްރަތު އުފައްދުމާއި އަބުރުކަތިލުމާއި، ހަގީގަތް އޮޅުވާލުމުގެ މަސައްކަތެވެ. މިގޮތުން ލިއުންތެރިޔާ ސީދާ ކުންފުންޏާއި ސިޔާމުގެ ކެރެކްޓާ އެސެސިނޭޓް ކުރުމުގެ ގޮތުން ލިޔަމުން ބުނެފައިވަނީ'... ސަންޓްރެވަލްސްގެ ވެރިޔާގެ ނުފޫޒާއި ބާރުގައި ބޮޑު އިންވެސްޓަރަކު ރާއްޖޭގައި ގޮތްހުސްވެފައިވާކަމެވެ.'

4. މިގޮތަށް ލިއުންތެރިޔާ ބަޔާންކުރިއިރު އަސާސީ މައްލޫމާތުވެސް އޮޅުވާލާފައިވާމިންވަރެވެ. ސަންއާއި ހިލްޓަންއާއި ދެމެދުވެފައިވަނީ Management Agreement އެކެވެ. އެއީ ހަމައެކަނި ސަންއިން އިންވެސްޓްކޮށް ނިންމާފައިވާތަނެއް ހިލްޓަންއިން މެނޭޖްކުރާވާހަކައެކެވެ. ހިލްޓަންއިން އިންވެސްޓްކުރި އެންމެ ސެންޓެއްވެސް މިއެއްބަސްވުމުގެތެރޭގައި ހިމެނޭ ޕްރޮޕަޓީއަކަށް ޚަރަދުކޮށްފައި ނުވާހިނދު، ދިވެހިރާއްޖޭގައި ގާނޫނު ނަންބަރ 2013/10 އާރބިޓްރޭޝަންގެ ގާނޫނުގެ 74 ވަނަ މާއްދާގައި އޮޅުވާލައިގެން މަކަރާއި ހީލަތުންވާ އެއްބަސްވުންތަކާއިމެދު ނިންމާ އާބިޓްރޭޝަންގެ ނިންމުންތައް ދިވެހި ދައުލަތުގެ އާންމު ސިޔާސަތާއި ޚިލާފުވާނަމަ ބެލުމުގެ ބާރު ދީފައިވެއެވެ. އެއީ އާބިޓްރޭޝަން އެވޯޑް ތަންފީޒުކުރުމާއި ގުޅޭގޮތުންނިއުޔޯކް ކޮންވެންޝަންގެ 5 ވަނަ މާއްދާއިން ގައުމުތަކަށް ދީއަދި ތަފާތު ގައުމުތަކުން އާބިޓްރޭޝަންގެ ނިންމުންތައް އެގްރައުންޑަށް ބިނާކޮށް ބާތިލްކުރަމުންދާ ގާނޫނީ އަސާސެއްކަމަށްވީއިރު، ނޫސްވެރިޔާގެ މުޅިލިއުމުގައި ހިލްޓަންގެ ފަރާތުން ބޮޑުބިޔަ އިންވެސްޓެއްކުރިކަމަށް ބަޔާންކޮށްފައިވާއިރު އެއީ މުތްލަގުކޮށް އޮޅުވާލައިގެން ލިއެފައިވާ ދޮގުވާހަކައެކެވެ.

5. ސަންގެ ފަރާތުން ހުށަހަޅާފައިވަނީ ގާނޫނީ ބަޙުސެއްއޮތް އެކަމުގައިއޮތްވާހަކައެކެވެ. އެއީ ނޫސްވެރިޔެއްގެ ހިތަށްފެންނަގޮތަށް ލިޔާލިއުމެއްގެތެރެއިން ސަންކުންފުންޏާއި ކުންފުނީގެ އެމްޑީގެ މައްޗަށް ޙުކުމެއް ނެރޭވަރަށްވުރެ ޓެކްނިކަލް ގާނޫނީވާހަކަތައް ހިމެނޭ ލީގަލް ޑިސްޕިއުޓެއްއޮތްކަމެއްކަމަށްވާއިރު، ލިއުންތެރިއާގެ ލިއުމުގައި ސަންގެ ބަހެއްނުވަތަ ސަންގެ ވަކީލުންގެ ބަހެއް ހޯދުމެއްނެތި، ކަނޑައެޅިގެން ކަންހިނގާފައިވާގޮތް އޮޅުވާލާއ ހިލްޓަންގެ ފަރާތުން ބޮޑުއިންވެސްޓްމަންޓެއްކޮށްފައިވާކަމަށް ބަޔާންކޮށްފައިވުމީ މިއީ ސަން ކުންފުންޏާއި އެކުންފުނީގެ އެމްޑީ އަހްމަދު ސިޔާމްގެ ސިޔާސީވިސްނުމާއި ގުޅުވައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ނިޔަތުގައި ލިޔެފައިވާ ލިއުމެއްކަމަށެވެ.

6. މިލިއުމުގެ ސަބަބުން ކުންފުނީގެ މައްޗަށް އޮތް އިތުބާރާއި، ވިޔަފާރިއަށާއި، އަދި ކުންފުނީގެ އެމްޑީ އަހަމްދު ސިޔާމުގެ ސިޔާސީ ވިސްނުމާއި ގުޅުވައިގެން ޖުޑިޝަރީގެ މިނިވަންކަން ގެއްލޭގޮތަށް ލިއުންތެރިޔާވަނީ ކަލްކިއުލޭޓެޑް ތިއޮރީ އެއްއުފައްދާފައި ފޫނުބެއްދޭ ގެއްލުން ކުންފުންޏަށްދީފައެވެ. އެހެންކަމުން މިބަޔާނަކީ ކަމުގެ ހަގީގަތް ހާމަކޮށް މިފަދަ malicious އަދި ކަލްކިއުލޭޓެޑް ލިއުންތަކުގެ ތެރެއިން ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ދައުރު ނޫހުގައި ލިއެފައިވާ ލިއުމުގެ ސަބަބުން މިކުންފުންޏަށާއި އަހްމަދު ސިޔާމަށް ގެއްލުންލިބިފައިވާގެއްލުން ސަމާލުކަމަށް ގެނައުމާއިއެކު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސަމާލުކަމަށް މިފަދަ ލިއުންތަރިންގެ އަމަލުތައް ގެނައުމުގެ ގޮތުން ނެރޭބަޔާނެކެވެ. ސަންކުންފުންޏާއި އަހްމަދު ސިޔާމުގެ ފަރާތުން ނޫސްވެރިޔާގެ ލިއުމާއިގުޅިގެން އަޅަންޖެހޭ ގާނޫނީފިޔަވަޅު އެޅުމާއިމެދު ދިރާސާކުރަމުންދާއިރު، ލިއުންތެރިޔާގެ ޒިއްމާދާރުކަން ކުޑަ މިލިއުމާއިމެދު ކުންފުނިން ހިތާމަކުރާވާހަކަ ދަންނަވަމެވެ. އަދި މިނިވަން ނޫސްވެރިކަމުގެ އިންތަކުގެ ތެރޭގައި ފަރުދުންގެ ޢަބުރަށް ހުތުރުނުވާގޮތަށް އިންސާފުވެރިކަމާއެކު ނޫހުގައި ޚަބަރާއި ރިޕޯރޓު ޝާއިޢުކުރުމަށް ނޫސްވެރިޔާއަށް ނަސޭޙަތްތެރިވާކަމުގައި ދަންނަވަމެވެ.