ނޫސްވެރިން ލިޔާ ވާހަކަތަކާ ކިތަންމެ ދެބަސްވިނަމަވެސް ވެރިންގެ ޒިންމާއަކީ ނޫސްވެރިންގެ މިނިވަކަން ހިމާޔަތްކޮށްދިނުން ކަމަަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ދައުރު ނޫހުގެ ދެ ނޫސްވެރިއަކަށް މަރުގެ އިންޒާރުދިން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހެދުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އެފަދަ އިންޒާރުތަކަށް ބަލާއިރު ނޫސްވެރިންނަށް ރާއްޖޭގައި މިހާރު އޮތް ބިރުވެރިކަން ދޭހަވާ ކަމަށެވެ.
ދައުރު ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފް އާއި އެ ނޫހުގެ ސީނިއާ އެޑިރަކަށް އިންޒާރު ދީފައި ވަނީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާ ގުޅުން އޮތް ނ. އިރުފުށި ރިސޯޓު ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުމުގެ މައްސަލައާ ގުޅޭގޮތުން ލިޔުނު އާޓިކަލެއްގެ މައްސަލައިގައެވެ. އެއީ މިހާރުވެސް ކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ.
އެ މައްސަލައިގެ އިސްތިއުނާފުގައި ގޮތެއް ނިންމަންދެން، ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، ތަންފީޒުކުރުން ފަސްކުރުމަށް މިމަހު ދެވަނަ ދުވަހު ހައިކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
އެކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ، "ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ނުވަތަ ވިޔަފާރިވެރިއަކު އިއްތިހާދު ވުމާއެކު އެތައް އަހަރެއްވަންދެން ޝަރީއަތުގައި އޮތް އެ ސިޔާސީ ޕާޓީގެ ލީޑަރުގެ ވިޔަފާރީގެ މައްސަލައެއް ކޯޓުން އެ ވިޔަފާރިވެރިޔާ، ކޯލީޝަން ޕާޓްނަރާ އެއްކޮޅަށް ނިމުނީ،" ކަމަށެވެ. އެއަށްފަހު އެ މައްސަލަ ލިޔުނު ނޫސްވެރިޔާއަށް އައީ މަރުގެ އިންޒާރު ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އެއީ އިއްތިފާގަކުން ހިނގައި ދިޔަ ކަންތައްތަކެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަނާއި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުން އޮތް ކަމެއް ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގެ ސަބަބުން އެމްޑީޕީ ވެރިކަމެއްގައި، ބައިނަލް އަގުވާމީ އިންޑެކްސްގައި ކޮރަޕްޝަނާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ ދަށަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ދެ ކަމުގައިވެސް ބައިނަލްއަގުވާމީ މިންގަނޑަށް ބަލާއިރު ރާއްޖެ ދަނީ ދަށަށް، ބައިނަލް އަގުވާމީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަކަށް ކުރިއެރުމެއް ނުލިބުނު، އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރިޕޯޓާސް ފްރަންޓިއާޒްގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ފަހަތަށް ހިނގައްޖެ. މިއީކީ އެމްޑިޕީގެ ނަމުގައި ކުރާ ވެރިކަމެއްގައި ބަލއިގަނެވޭނެ ވަރުގެ ކަންކަމެއް ނޫން،"
އީވާ ވިދާޅުވީ، ނޫސްވެރިކަން ހިމާޔަތް ކުރުމަކީ ހަމައެކަނި ނޫސްވެރިން ޖަލަށް ނުލުން ނޫން ކަމަށެވެ. އަދި ނޫސްވެވިޔާ ރިލްވާން ރަޝީދު އާއި ބްލޮގާ ޔާމީން ރަޝީދު މަރައިލި ހާދިސާއަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ނޫސްވެރިނަށް އަންނަ އިންޒާރުތައް ނުބެލުމުން ދިމާވާ ބިރުވެރި ހިސާބު ގާތް މާޒީންވެސް ފެންނަން އެބައޮތް ކަމަށެވެ.
އެގޮތުން ވިދާޅުވީ، "ނޫސްވެރިންނަށް މިހާރު އަންނަ މަރުގެ އިންޒާރު ނުބަލައިފިއްޔާ ގޮސް ލިބޭނެ ހިތި ނަތީޖާއާމެދު ހުޝިޔާރުވާން ޖެހޭނެ،" ކަމަށެވެ.
އެމްޑީޕީ 18 އަހަރުވަންދެން މަސައްކަތް ކުރީ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ނޫން ކަމަށާއި 18 އަހަރުވަންދެން އެމްޑީޕީން މަސައްކަތްކުރި އަސާސީ އެއްކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު