ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ސީގެ މެޗުގައި ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބު އެއްވަރުވެއްޖެއެވެ.
އިއްޔެ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޕޮލިހުން މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައި އޮތް އިރު، އެ ގްރޫޕްގައި ދެން ހަތަރު ޕޮއިންޓާއެކު އޮތީ އެމްއެސް މޭޓްސްއެވެ. ގްރޫޕް ސީން ތިން ޓީމު ކުއާޓާއަށް ދަތުރުކުރާ އިރު، ގަދަ ތިނެއްގައި ހިމެނުމުގެ ޔަގީންކަން އެ ދެޓީމަށްވެސް މިހާރު ވަނީ ލިބިފައެވެ. އެއީ ދެން އެ ގްރޫޕްގައި އޮންނާނީ ޕޮލިހާއި އެމްއެސް މޭޓްސް ވާދަކުރާ މެޗުގެ އިތުރުން ހުއްރިއްޔާއިން ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ވާދަކުރާ މެޗުތައް ކަމަށްވާތީއެވެ.
ހުއްރިއްޔާއަށް ގްރީން ކައިރިން އެއްވަރު ކޮށްލައިގެންވެސް ކުއާޓާ ޔަގީންވާން އޮތް އިރު، ފުރަތަމަ ދެމެޗުންވެސް ބަލިވެފައި އޮތް ގްރީންއަށް ކުއާޓާއަށް ދެވެން އޮތީ ހުއްރިއްޔާ ބަލިކޮށްގެންނެވެ. ހުއްރިއްޔާ މިހާތަނަށް ކުޅުނު ދެމެޗުވެސް އޮތީ އެއްވަރުވެފައެވެ.
އިއްޔެގެ މެޗު ރަނގަޅަށް ފެށީ ހުއްރިއްޔާއިންނެވެ. އެޓީމުގެ މެޗުގެ ހަތްވަނަ މިނެޓުގައި ގޯލު ޖަހައި ލީޑުވެސް ނެގިއެވެ. އަރިމަތިން ހުރަސްވި ބޯޅައެއް އޭރިއާ ތެރެއިން ރަނގަޅަށް ސާފު ނުކޮށްލެވިގެން އުޅުމުގެ ތެރޭގައި ހުއްރިއްޔާއަށް ގޯލު ޖަހައިދިނީ އިއްޔެގެ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހުމަދު ސަމާއު (ސަމަރު) އެވެ.
އެ ގޯލަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔަ ހުއްރިއްޔާއަށް އެޓޭކްތައް އުފެއްދުމަށް މެޗުގައި އުނދަގޫތަކާ ކުރިމަތިވީ ކެޕްޓަން މައުސޫމް އަބްދުލްޣަފޫރު (މާސޭ) އަށް އަނިޔާވެ ބާލަން ޖެހުނު ހިސާބުންނެވެ. އެ ހިސާބުން ޕޮލިހުން މަޑުމަޑުން މެޗަށް ވަދެ، ހާފު ނިންމާލީ އެއްވަރު ކޮށްގެންނެވެ. އެ ގޯލު ޖެހީ އަބްދުﷲ އިބްރާހީމް މަނެކެވެ.
ދެވަނަ ހާފުގެ ވަކި ހިސާބަކުން ހުރާގެ އަބްދުﷲ އިބްރާހީމް (ހުރާ އަބްޅޯ) ވެސް މެޗަށް ނުކުމެ ހުއްރިއްޔާއަށް މޮޅެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާ އިރު، ދެވަނަ ހާފުގައި އެޓީމަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ. އެގޮތުން އަލީ ނަޒްމީނަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އިއްޔެގެ މެޗު ނިމުނުފަހުން ރެފްރީއަށް ޝަކުވާ ކުރުމުން ހުރާގެ ހަސަން ނަދީމަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ.
ރަމަޟާން ވެޓެރަންސް ލީގުގައި މިއަދު ހަވީރު 4:30ގައި އޮންނަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ކްލަބު އީގަލްސް އާއި ބުރު ސްޕޯޓްސް ކްލަބެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް