ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) މުހައްމަދު ފައްޔާޒް ގިލާނީ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިއްޔެ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ޕާކިސްތާން ސަފީރު ވިދާޅުވީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި ދެ ގައުމުން ގެންގުޅޭ އެއްކަހަލަ ގަބޫލުކުރުންތަކާއި އުސޫލުތަކުގެ މައްޗަށް ކަމަށެވެ.
ޕާކިސްތާނުގެ ސަފީރު ވަނީ ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް މަޝްވަރާކުރައްވައިފައެވެ. އެގޮތުން ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުން ގުޅުން ގާއިމް ކުރުމާއި ފާތުރުވެރިކަމާއި ސަގާފީ ދާއިރާގެ އިތުރުން ކުޅިވަރު އަދި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޕާކިސްތާން ސަފީރު ވަނީ ނައިބު ރައީސްއާ މަޝްވަރާކުރައްވައިފައެވެ.
އަދި ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމްއޯޔޫތައް އަވަހަށް ނިންމުމަށްވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މިދިޔަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތު އޮޅުންފިލުއްވައިފައެވެ. އަދި ބައްދަލުވުން ނިންމަވައިލައްވަމުން ނައިބު ރައީސް އާއި ޕާކިސްތާނުގެ ސަފީރު ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
ރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު