އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގު ބޮޑުކުރުމާ ގުޅިގެން މޯލްޑިވިއަންގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް ހާޒިރުކުރަން އެކޮމިޓީން ފާސްކޮށްފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ ނާއިބު ބުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މޯލްޑިވިިއަންގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފައިވާތީ، އެކި ކަންކަމުގައި ދަތުރު ފަތުރުކުރާ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

އެހެންކަމުން ޓިކެތްގެ އަގުބޮޑުކުރި ސަބަބުން އޮޅުން ފިލުއްވަން ބޭނުންވާތީ، މޯލްޑިވިއަންގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން އޭނާ ހުށަހެޅުއްވިއެވެ.

މުސްތަގުބަލުގައި މޯލްޑިވިއަންގެ އަގުތަަކަށް އަންނާނެ ހެޔޮ ބަދަލުތަކަކީ ކޮބައިތޯ އާއި އިތުރު ބޯޓުތައް ގެނެސް ބިޒްނަސް ފުޅާކުރަމުންދާ އިރު، ކުންފުނީގެ ކުރިއަށް އޮތް ބިޒްނަސްޕްލޭނަކީ ކޮބައިތޯ ބެލުމާއި ކުރިމަގަށް އޮތް ޕްލޭންތައް އޮޅުން ފޮލުއްވުމަށް ވެސް މެމްބަރު ހުށަހެޅުއްވިއެވެ.

ހުސެއިން މުހައްމަދު ދީދީގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.

އެއާޕޯޓުތަކުން ނަގާ ފީ ބޮޑުކުރުމާ ގުޅިގެން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގުތަކަށް ބަދަލު ގެނަސްފައި ވަނީ ހުސްވި މާޗު މަހުން ފެށިގެންނެވެ.

މޯލްޑިވިއަނުން އަގުތައް ބޮޑު ކޮށްފައިވަނީ، ކާޑެއްދޫގެ ޓިކެޓުގެ އަގަށް 180 ރުފިޔާއެވެ. އެހެން މަންޒިލްތަކުން 70 ރުފިޔާއެވެ.

އެކަމަކު އެހެން އެއާޕޯޓުތަކުން 70 ރުފިޔާ ބޮޑުކުރި ކަމަށް މޯލްޑިވިއަނުން ބުނެފައިވާ އިރު، ކައްދޫ އެއާޕޯޓުގެ ޓިކެޓުގެ އަގުން ވަނީ 100 ރުފިޔާ ބޮޑުވެފައެވެ. އަދި އައްޑޫ ސިޓީން ވަނީ 76 ރުފިޔާ ބޮޑުކޮށްފައެވެ.