އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާގޮތުން ރައްޔިތުންގެ ކަންބޮޑުވުން ލިބެމުންދާ ކަމަށާއި އަމީނީ މަގު ހެދުމާބެހޭގޮތުން ސިޓީ ކައުންސިލްގެ އަޑުއެހުމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ތާރު އަޅައިގެން، އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީން ފެށީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

އެކި ސެގްމެންޓުތަކަށް ބަހާލައިގެން އެމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ކޮންމެ ސެގްމެންޓެއްގެ މަސައްކަތް ނިމުމުން އެ ސެގްމެންޓު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައެވެ.

އެގޮތުން އާރްޑީސީން އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަގުގެ ފުރަތަމަ ތިން ސެގެމެންޓުގައި ތާރުއަޅައި މިހާރު ވަނީ ހުޅުވާލައިފައެވެ. އެއީ އަމީނީ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށްވާ ސަރަހައްދެވެ. އަދި ހަތަރުވަނަ ސެގްމެންޓުގެ މަސައްކަތްވެސް އާރުޑީސީން އަންނަނީ ކުރަމުންނެވެ.

ނަމަވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާލެއް ލަސްވުމާއި ވިއްސާރަ ވެހުމުން މަގުގައި އިންތިހާއަަށް ފެންބޮޑުވެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑެތި ތަކްލީފު އުފުލަމުންދާ ކަމަށެވެ. އަދި ނަފުސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ގެއްލުމެއްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލަތައް ރައްޔިތުން ސިޓީ ކައުންސިލާ ހިއްސާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން "އަޅުގަނޑު އެދެނީ ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް. އެންމެ ފަހަރަކު ނަމަވެސް،" މުއިއްޒު ވިދާޅުވިއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. 210 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެ ކަމަށް އާރުޑީސީން ބުނެފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެ ކަމަށް ބުނެފައިވެއެވެ.