ނ. މަނަދޫން ޢަލީ ޔާމީން (ވަން އޮންލައިން)
ކުށް މަދު އަމާން، މި މަނަދޫ ސިއްސުވާލީ، އެކަނިވެރި ދިރިއުޅުމެއްގައި، ދަރީންނާއި ވަކީން ދިރިއުޅެމުން އައި ނައީމާ މޫސާ 62އ، ގެ މަރާއެކުގައެވެ. މިރަށުން މައުލޫމާތު ލިބުނު ގޮތުގައި ނައީމާގެ ހަށިގަނޑުގެ އެތަން މިތަނަށް ހުރީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. ކަރު ބުރިކޮށްލަން ކުރި މަސައްކަތުގައި، ކަރުގެ ފަހަތުގައި ވަޅި ކާތައިފައި ހުރި ފަދަ ޒަޚަމްތަކެއް ހުރިކަމަށް މައުލޫމާތު ލިބޭ ކަމަށް ބައެއް މީހުން ބުންޏެވެ. އެކަމަކު މަންޒަރު ފެނުނު މީހަކާ ދިމާ ނުވާތީ އެކަން ޔަގީނެއް ނުކުރެވެއެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ވަނީ ފެނިފައެވެ. ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ އިރު، އޭނާގެ ކަރުން ވެސް ފުން ޒަހަމެއް ފެންނާން ހުއްޓެވެ.
މައުލޫމާތު އެނގޭ ބައެއް މީހުންނާ ވާހަކަދައްކާލުމުން އެނގުނު ގޮތުގައި ނައީމާއަށް ލިބިފައިވާ ޒަހަމްތަކަކީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން އިއްޔެގެ މެންދުރު ކުރިއާ ހަމަޔަށް ލިބިފައި ހުރި ޒަހަމްތަކެއް ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ވަރަށް ފުން ޒަހަމްތަކެއް ވެސް އެބަހުއްޓެވެ.
ނައީމާގެ ހަށިގަނޑު އިއްޔެ އިރުއިއޮއްސުނު އިރު ފެނުނަސް އޭނާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވަނީ ވެފައެވެ.
އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެސް ވެފައެވެ. މޫނުގެ އެއް ފަޅި ކަޅުވެ މީހާ އެއްކޮށް ފުފިފައިވާކަން ފާހަގަވެއެވެ. ލޯ ކައިރީން ޒަހަމެއްވެސް ފެންނާން ހުއްޓެވެ. ފެންނަ ފެނުމަށް އެއީ އެހާ ތާޒާ ޒަހަމެކެވެ. ނައީމާ އެންމެ ފަހުން ފެނިފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖޯއްޔެއްގައި އިންދާ ކަމަށް މިރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ނައީމާ މަރުވިއިރު، އޭނާގެ ތިން ދަރީން ދުނިޔޭގައި އެބަ ތިއްބެވެ. ފުރަތަމަ ކައިވެންޏަށް ލިބިފައިވަނީ އެންމެ ދޮށީ، ފިރިހެން ދަރިފުޅެވެ. އޭނާ މަސައްކަތްކުރަނީ ރިސޯޓެއްގައެވެ. ދެ ވަނަ ކައިވެންޏަށް ލިބުނީ އަންހެން ދެ ކުދީންނެވެ. ކައިވެނި ކުރި ދެ ފިރިންވެސް މަރުވެ ހުވަފަތް ވެފައިވާ ނައީމާ ދިރުއުޅެމުން އައީ ވާރުތައިން ލިބިފައިވާ މިރަށު އަންނާރުމާގޭގައި އެކަނިމާއެކަންޏެވެ. ނައީމާގެ ދަރިން ބޮޑެތިވެފައިވާއިރު، އެމީހުންވެސް ދިރިއުޅެނީ ވަކީންނެވެ. ނައީމާގެ އެއްބަނޑު އެއްބަފާ މީހުން މިރަށުގައި ތިބި ނަމަވެސް އެމީހުންނާވެސް ނައީމާއާ މާ ބޮޑު ގުޅުމެއް ނޯވެއެވެ. ރަށުގެ ގިނަ މީހުންނާވެސް ނައީމާއާ ގުޅުން ކުޑައެވެ.
ނައީމާގެ މަރާ ގުޅިގެން މިރަށުގެ ތެރޭގައި އެކި ގޮތް ގޮތަށް ވާހަކަ ދެކެވޭކަން ފާހަގަ ވިއެވެ. ބައެއް މީހުން ބުނާ ގޮތުގައި ނައީމާއަކީ ސިހުރު ހަދާ މީހެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ނައީމާ ރޭޕްކުރުމަށް ފަހު މަރާލީއެވެ. ހަރުކަށި ފިކުރުގެ ބައެއްގެ އަތެއް މިކަމުގައި ވާ ކަމަށް ބުނާ ބައެއް މީހުނާވެސް ބައްދަލުވިއެވެ. ނަމަވެސް މިއީ ހުސް ޔޯލަ ޔޯލަ ވާހަކައެވެ. ނައީމާގެ މަރަށް 24 ގަޑިއިރުވީއިރު، ފުލުހުންގެ ފަރާތުން މާ ބޮޑު ތަފުސީލެއް ނުލިބެއެވެ. އެންމެ ކުޑަމިނުން ލިބިފައިވާ ޒަހަމެއްގެ ތަފްސީލެއްވެސް ނުދެއެވެ. ހާދިސާގެ ތަހުގީގުގައި މި ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާ ވާހަކަދައްކަން އެތައް ފަހަރަކު މަސައްކަތްކުރި ނަމަވެސް އެމީހުން ވާހަކައެއް ނުދައްކައެވެ. ބުނަނީ މާލޭ ކޮޅަށް ގުޅުމަށެވެ. ފުލުހުންގެ މީޑިއާއާ ސުވާލު ކުރިޔަސް އިތުރު މައުލޫމާތެއް ނުދެއެވެ.
މި ރަށުން ވާހަކަ ދެއްކި ބައެއް ބުނި ގޮތުގައި ނައީމާ މާލޭގައި އުޅުމަށްފަހު މި ރަށަށް އައީ މީގެ ހަތަރު އަހަރު ކުރީންނެވެ. އެއިރުއްސުރެ އޭނާ އުޅެމުން އަންނަނީ އެކަނިވެރި ދިރިއުޅުމެވެ. ރަށުގެ މެދުގައި އާދައިގެ ގޮތަކަށް ހަދައި ސިމެންތިޓިނުން ހިޔާކޮށްފައި ހުރި ގެއެއްގައެވެ. ކައްކަނީ އަމިއްލައަށެވެ. ހުރިހާ ކަމެއްގައިވެސް އުޅެނީވެސް ވަކީންނެވެ.
ނައީމާއަކީ ރަށް ސާފުކުރުމަށް، ދުވަހު މުސާރައަށް، ކައުންސިލުން ނަގާފައިވާ ގުރޫޕުގައި އުޅޭ މީހެއްކަމުން އެ ތަނަށް ދިއުން ފިޔަވައި އޭނާގެ އިތުރު ހަރަކާތްތައް ކުޑައެވެ. ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ.
"ނައީމާއްތައޭ ބުންޏަސް ގިނަ މީހުން ބަލާނީ އަޅައިނުލައި ވޭތޯ. އެއް މަގުން ނުހިނގާ މީހުންވެސް އުޅޭނެ. އިސްވެ ވާހަކައެއްވެސް ނުދައްކާނެ. ގިނަ ބަޔަކަށް އޭނާ ފާހަގަވެފައި ހުރީ ސިހުރު ހަދާ މީހެއް ގޮތަށް" މިރަށުގެ ދުވަސްވީ މީހަކު "ވަން" އަށް ކިޔައިދިނެވެ.
އެހެން މީހަކު ބުނި ގޮތުގައި ނައީމާ ސިހުރު ހަދާކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރުނު ދުވަސްވަރެއްވެސް ދިޔައެވެ. އެއީ ދަންވަރުގެ ގަޑިތަކުގައި އެކަނި ތަންތަނުން ފެނުމާއި ސިހުރު ހަދާ މީހުންގެ އަމަލުތައް ހުންނަ ގޮތާއި ނައީމާގެ އަމަލުތައް އެއްގޮތްވުމުން ކަމަށްވެސް އޭނާ ބުންޏެވެ.
"އެއް ދުވަހަކު އައިސް އަޅުގަނޑު ކައިރީވެސް ބުނި ތިމަންނާއަކީ ސިހުރު ހަދާ މީހެއް ގޮތަށޭ މިރަށު މީހުން ދެކެނީ. އިސްވެ ވާހަކަ ދައްކާނެ މީހެއްވެސް ނުވެއޭ" ބަނދަރުމަތީގައި ހުރި ޖޯއްޔެއްގައި އޮވެ "ވަން"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ނައީމާގެ އާއިލާގެ މީހަކު "ވަން" އަށް ބުނި ގޮތުގައި އާއިލާގެ މީހުންނާ ނައީމާއާ ގުޅުން ގޯސްވީ އޭނާއަށް ކުރެވޭ ސިހުރުގެ ތުހުމަތުތަކުގެ ސަބަބުންނެވެ. އެ އާއިލާގެ ތެރޭގައި މައްސަލަތަކެއް އުޅޭކަން ނައީމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަބްދުﷲ މޫސާވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާ ބުނިގޮތުގައި ނައީމާއްތަ މަރާލަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. ބަޔަކާ ހަމަނުޖެހުމެއް ހިނގާފައި އޮތްކަމެއްވެސް އެނގިފައި ނުވާކަމަށް އޭނާ ބުންޏެވެ.
ނައީމާއަކީ މާ ތަނަވަސް ދިރިއުޅުމެއް އުޅޭ މީހެއް ނޫނެވެ. މި ރަށު މީހުން ބުނާ ގޮތުގައި ނައީމާގެ އަތުގައި ފޮރުވައިފައިވެސް މާ ބައިވަރު ފައިސާތަކެއް ނުހުންނާނެއެވެ. މި ރަށުގައި މަސްތުވާތަކެތީގެ މައްސަލަ ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް އެފަދަ މީހަކުވެސް ނައީމާއަށް ހަމަލާދީ މަރާލަފާނެ ކަމަކަށް މިރަށު މީހުން ގަބޫލެއް ނުކުރެއެވެ.
"އެއީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް. މިރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ، އެކަމަކު އެއިން މީހަކުވެސް މިފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަޅުގަނޑު ހިތެއް ހަމަ ނުބުނޭ. ފޭރުމުގެ ބޮޑު އަމަލެއްވެސް މީގެ ކުރިން މިރަށުގަ ފާހަގަވެފައެއް ނުވޭ. މިއީ މިހާ އަނިޔާވެރިކޮށް މީހަކު މަރާލި ފުރަތަމަ ފަހަރު." ކައުންސިލުގެ ރައީސް އަބްދުއްރަހުމާނު ސަބީހު "ވަން" އަށް ވިދާޅުވިއެވެ.
ސަބީހު ވިދާޅުވި ގޮތުގައި ރަށުގައި ބިދޭސީންގެ އާބާދީ ބޮޑެވެ. އިންޑިއާ މީހުންނާއި ބަންގްލަދޭޝް މީހުން ގިނަ އަދަދަކަށް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނައީމާ އުޅޭ ގެ ކައިރީގައިވެސް ބިދޭސީން މަސައްކަތް ކުރާ ސައިޓެއް ހުރެއެވެ.
"އެދުންވެރިކަން ފުއްދަން ވެއްޖެއްޔާ ބައެއް މީހުން ވަކި އުމުރެއް ނުބަލާ. ވެދާނެ އެކަހަލަ ކަމަކަށްވެސް. އެކަމަކު ތިޔައީ އެކަކު އެކަނި ކުރެވޭނެ ކަމެއް ނޫން." ނައީމާގެ މަރާ ގުޅޭ ގޮތުން މިރަށުގެ ކަމުވޮށިގެންވާ މީހަކު އޭނާގެ ހިޔާލު ހިއްސާ ކުރިއެވެ.
މި ރަށުގައި ހަރުކަށި ފިކުރުގެ ހައެއްކަ މީހުން އުޅޭ ކަމަށް ރަށުގެ ގިނަ ބަޔަކު އެއްބަސްވެއެވެ. ނަމަވެސް އެ މީހުންގެ ފަރާތުން ކުރިން ފެނުނު ކަހަލަގެ ކަންކަން މިހާރު ނުފެންނަ ކަމަށް މިރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ. ފަހަރުގައި ނައީމާގެ މަރާ އެމީހުންނާވެސް ގުޅުމެއް އޮވެދާނެއެވެ. ނައީމާއަކީ ސިހުރުވެރިއެއް ނަމަ ހަރުކަށި ފިކުރުގެ މީހުންގެ ނަޒަރުގައި އޭނާގެ ލޭ ހުއްދަވީއެވެ. މިއީ ވެސް މި ރަށުން ވާހަކަދެއްކި ބައެއް މީހުން ދައްކާ ވާހަކައެކެވެ.
"މީގެ ކުރިން އެމީހުން އެބަހުރި ދީނީ ގޮތުން ބައެއް ފަރާތްތަކާ ހިޔާލުތަފާތުވެގެން ޒުވާބުކޮށް ކަންކަން ކޮށްފަ. އެކަމަކު އެހެންނޭ ކިޔާފަ ދުވަހަކުވެސް މީހަކަށް އަނިޔާއެއް ދިންކަމެއް އެނގިފައެއް ނެތް" މިރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މި ރަށުގައި މީގެ ކުރިން ހަނގުރާމައަށް ދާން މަސައްކަތްކޮށް ތުރުކީ ބޯޑަރުން އަތުލައިގަތް ދެ މީހަކު މިހާރުވެސް އެބަ އުޅެއެވެ. ނަމަވެސް އެ މީހުންނަކީ މިހާރު އަދަބުން ސަލާމަތްވެ، މިނިވަންކަންމަތީ އުޅޭ މީހުންނެވެ. އެ މީހުންވެސް މިހާރު އުޅެނީ މުޖުތަމައުގެ މީހުންނާ ގުޅިގެންނެވެ. އެގޮތުން ޖަމާއަތަށް ނަމާދަށް ގޮސް ކުރިން އުޅުނު އުޅުން ބަދަލުވެފައިވާ ކަމަށް މި ރަށުން ވާހަކަދެއްކި ގިނަ މީހުން ބުނެއެވެ.
ނައިމާ ދިރިއުޅޭ ގެ ހުރި ސަރަހައްދު ބަލައި، ދިރާސާކޮށްލުމުން ގިނަ ކަންތައްތަކެއް ފާހަގަކުރެވެއެވެ. މި ގެ ހުންނަނީ މިރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ދެމިފައި އޮންނަ އެންމެ ބޮޑު އެއް މަގު ކަމަށްވާ ސޯސަން މަގުގެ މެދެއްހައި ހިސާބުގައި ހުރި ގެއެކެވެ. އެ ގޭގެ ކުރިމައްޗަށްވާ ގޮތަށް ހުރީ ޕޮލިސް ސްޓޭޝަނެވެ. އެ ސްޓޭޝަނުގެ ވަލު ދޮރާށި ހުންނަނީ ނައީމާ މަރުވެފައި އޮއްވައި ފެނުނު ގޭގެ ކުރިމައްޗަށްވާ ކަހަލަ ގޮތަކަށެވެ. ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްވެސް ހުރީ ނައީމާގެ ގޭގެ އުތުރުން އެއްގެ ދޫކޮށްފައެވެ. އެހެންވެ، އެ ސަރަހައްދަކީ އަބަދުހެންމެ، ފުލުހުންވެސް އައިސް ގޮސްވާ ސަރަހައްދެކެވެ. ނަމަވެސް ފުލުސް ސްޓޭޝަންގެ މައި ދޮރާށި ކައިރީގައި ހުންނަ ކެމެރާ ފިޔަވައި އެހެން ކެމެރާއެއް އެ ސަރަހައްދުގައިވެސް ނެތްކަން ފާހަގަވެއެވެ.
ނައީމާގެ ގޭގެ ބިއްދޮށް ފަރާތުގައިއެކި ޒާތުގެ ގަސް ހައްދާފައި ހުންނައިރު، ފަނޑު އަލިކަމެއް ފިޔަވައި އިތުރު އަލިކަމެއް ނެތްކަން ނެތެވެ. ނައީމާގެ ގޭގެ ގޯތި ތެރެޔަށް ދެތިން ފޫޓުގެ ފާރު ބުރިއެއް މަތިން އެރެން ހުރިއިރު، އެ ސަރަހައްދުގައި ހައްދާފައި ހުރި ގަސްތަކުގެ ނިވަލުގައި މީހަކު ފިލައި ހުއްޓަސް ފާހަގައެއް ނުވާނެއެވެ. ދެކުނު ފަރާތުން ނަމަ އެގެއަށް ވަދެވޭނީ އެހެން ގޯއްޗެއްގެ ތެރެއިންނެވެ. އުތުރު ފަރާތުން ޕްރީ ސްކޫލާ ދިމާއަށް ސީދާ މަގަށް ނުކުމެވެން އެބަހުއްޓެވެ. ހުޅަނގު ފަރާތް ބެދިފައި ހުންނަނީ ޖެހިގެން ހުންނަ ގޭގެ އަރިމަތީ ފާރުންނެވެ. އަޑު ފެތުރިފައިވާ ގޮތުގައި ނައީމާގެ ގާތިލު ނުވަތަ ގާތިލުން ވަނުމުގެ ފުރުސަތު ބޮޑީ އެ ގޭގެ ވަލު ދޮރާށި ހަލާކުކޮށްލައިގެންނެވެ.
ނައީމާ މަރުވެފައި އޮއްވައި ފެނުނުތާ 24 ގަޑިއިރު ފަހުން އޭނާގެ ހަށިގަނޑު މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ މި ރަށު ސަހަރާގައި ވަޅުލައިފައެވެ. ފުރަތަމަ ބެލެވުނީ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު މާލެ ގެންދާނެ ކަމަށެވެ. ނަމަވެސް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް ފަހު، ސާމްޕަލް ނަގައި އާއިލާއާ ހަށިގަނޑު ހަވާލުކުރީ އެވެ.
ނައީމާގެ ޖަނާޒާގެ ކަންކަން ނިންމާލައިފައިވާއިރު ފުލުހުން އަދިވެސް އަންނަނީ ނައީމާ މަރުވެފައި އޮއްވައި ފެނުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްގެން ފޯރި މަރަމުންނެވެ. ފުލުހުންގެ ހާއްސަ ޓީމަކުން މިރަށުގައި ހަރަކާތްތެރިވަމުން އަންނައިރު، ރަށަށް އަރައި ފައިބާ މީހުންގެ މައުލޫމާތު އަންނަނީ ނަގަމުންނެވެ. ނައީމާގެ މަރުގެ ތަހުގީގަށް ކުރިއެރުމެއް ލިބިފައިވާކަމެއް ނުވަތަ ނުވާކަމެއްވެސް އަދި ސާފެއް ނޫނެވެ. ޔަގީންވާ ކަމަކީ މި މައްސަލައިގެ ތުހުމަތުގައި މީހަކު އަދި ހައްޔަރު ނުކުރާ ކަމެވެ. ތުހުމަތުވާ އިތުރު ތަނެއް މިހާތަނަށް ބަލައިފާސްކޮށްފައެއްވެސް ނެތެވެ. ޝައްކު ކުރެވޭ މީހަކު ހުރިކަމެއްވެސް އަދި ނޭނގެ އެވެ. ރަށުން ވާހަކަދެއްކި އެއްވެސް މީހެއްގެ ފަރާތުންވެސް އެފަދަ ކަމެއް އެނގިފައެއް ނެތެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް