ޚަބަރު

ކުނި އުކައިދޭ އަގު ބޮޑުކުރި މައްސަލައިގައި ވެމްކޯ މަޖިލިސް ކޮމިޓީއަށް

އިބްރާހިމް ޒަކީ

ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި އުކައިދިނުމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގާ ފީ ބޮޑުކުރި މައްސަލައިގައި އެ ކުންފުނީގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ވެމްކޯއިން ކުނިއުކައިދޭ އަގު ބޮޑުކުރި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން ނާޒިމު ވިދާޅުވީ، ވެމްކޯއިން ކުނިއުކާލުމުގެ އަގުތަކަށް ގެނައި ބަދަލަކީ މުޅި ރާއްޖެއަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެކަމަކީ ހާއްސަކޮށް އާއްމު ރައްޔިތުންނާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި ހޮޓާ ހިންގާ ފަރާތްތަކަށްވެސް އޮތް ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މައުލުމާތުސާފުކުރާ އިރު ގާތްގަނޑަކަށް ތިންގުނަ 130 ޕަސެންޓް ބޮޑުކޮށްލައިފި ކުނި އުކުމުގެ އަގު. މިސާލަކަށް ކުރީގަ 750 ރުފިޔާއަށް ކުރިކަމެއް، މިހާރު 4000 5000 ރުފިޔާއަށް ބޮޑުކޮށްފަ ވަނީ، އެހެންވީމަ އެއީ ރައްޔިތުންނަށް އޮތް ވަރަށްބޮޑު ކަންބޮޑުވުމެއް. އެހެންވީމަ އަޅުގަނޑުމެން މި ކޮމިޓީގެ ފަރާތުން އިސްނެގުމުގެމަތިން، އެބޭފުޅުން މިކޮޅަށް ހާޒިރުކަށް މީ ކިހިނެއްވީ ކަމެއްތޯ އާއި އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ހާމަކުރަން ޖެހެ، އަދި އެކަމުގައި ރައްޔިތުންނަށް ލުޔެއް ލިބޭނީ ކިހިނެއްތޯ ބަލަން،"

ނާޒިމްގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުން، އެ ކޮމިޓީގައި ހިމެނިވަޑައިގންނަވާ އިދިކޮޅު ޕީއެންސީގެ މެމްބަރު، ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ 400 ރުފިޔާއަށް އުކައިދެމުން އައި ކުނި މިހާރު އުކައިދެނީ، 1000 ރިފިޔާއަށް، 800 އަށް ކަމަށެވެ.

"އިއްޔެ އަކީ ރަސްމީކޮށް އަޅުގަނޑުގޭގެ ކުނި އުކާލި ދުވަހެއް އެއީ، 2900 ރުފިޔާއަށް، ހުސްއެކަނި މިއެއް ނޫން، ވިޔަފާރިތަކަށް މިއަށްވުރެން ބޮޑު، ވިޔަފާރިތަކަށް އާއްމުންނަށް ވަކި ރޭޓްތަކެއް މި ހުންނަނީ، އެހެންވީމަ މިކަން އެބަޖެހޭ ވަރަށް ރަނގަޅަށް ބަލަން،" މިދިޔަ ބުރާސްފަތި ދިވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ފަޒުލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ވެމްކޯގެ އިސްވެރިން އެ ކޮމިޓީއަށް ހާޒިރުކުރަން ފާސްކުރީ ކޮމިޓީގައި އެވަގުތު ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި އުކައިދިނުމަށް ވެމްކޯ އިން ނަގާ ފީ ބޮޑުކޮށްފައި ވަނީ ހުސްވި މާޗު މަހުން ފެށިގެންނެވެ.

ވެމްކޯއިން ސަރުކާރު ކުންފުނިތަކުން އުކައިދޭ ކުނީގެ ކޮންމެ ޓަނަކަށް ނަގަނީ 424 ރުފިޔާގެ ފީއެކެވެ. އަދި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ޓަނަކަށް ނަގަނީ 212 ރުފިޔާގެ ފީއެކެވެ.

ނަމަވެސް ހުސްވި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ދެ ހިދުމަތުގެ ފީއެއްގެ ގޮތުގައި ޓަނަކަށް 2،660 ރުފިޔާ ނެގުމަށް ވަނީ ހަމަޖައްސައިފައެވެ.

ހުސްވިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގައިދޭ އަގުތައް:

  • ގޭބީސީތަކުން މަހަކު - 150 ރުފިޔާ
  • ވިޔަފާރިތަކަށާއި ކޮމާޝަލް ތަންތަން - ލީޓަރަކަށް 27 ރުފިޔާ
  • ކޯލް އެންޑް ޕިކަޕް ސާވިސް - ޓަނަކަށް 330 ރުފިޔާ
  • ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް - ޓަނަކަށް 1060
  • ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް - ޓަނަކަށް 2،660
  • ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްއަށް - ޓަނަކަށް 2،260

ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހާ އެއްގޮތަށް ވަކިނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު އިތުރަށް 1،000 ރުފިޔާ ނަގާނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.