މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އިސްވެ ހުންނަވައިގެން އުފައްދާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އަށް ދައުވަތު ފޮނުވައިފިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ފާސްކޮށްފައިވަނީ އެ ޕާޓީން ބޭއްވި ގައުމީ ކޮންފަރެސްގައެވެ. އަދި ވަނީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ.

އެ ޕާޓީން ވަނީ އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންނަށް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވައިފައެވެ. އޭގެ ތެރެއިން އެމްއާރްއެމް ފިޔަވައި ހުރިހާ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން ވަނީ ކޯލިޝަން ހެދުމަށް ދެކޮޅު ހައްދަވައިފައެވެ.

ގާސިމް އިބްރާހީމް ވަނީ އިއްޔެ އެމްޓީޑީއަށް ވެސް ކޯލިޝަން ހެދުމުގެ ދައުވަތުގެ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ގާސިމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސިޔާސީ ޕާޓީތަކާއި ވަކިވަކި ފަރާތްތަކާ އެކު މަޝްވަރާކޮށް، ގިނަ ބައެއްގެ ބައިވެރިވުން އޮންނަ ގޮތެއްގެ މަތިން ގައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެންދިޔުމަށް މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރަސްމީ ގޮތުން އެ ޕާޓީން ދައުވަތުތައް ފޮނުވާފައިވާ އިރު، ގާސިމްގެ މަންދޫބުންގެ ގޮތުގައި އެ ޕާޓީގެ ބޭފުޅުން ވަނީ އަދާލަތު ޕާޓީ އަދި އެމްއާރްއެމާ އެކު މީގެ ކުރިން ބައްދަލުވުމެއް ބާއްވައިފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ދެ ފެކްޝަން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭފުޅުންވެސް ވަނީ ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.