އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު، އެމްޑީޕީގެ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ، "ބަޣާވާތަކުން" ރާއްޖޭގެ ވެރިކަމުން ދުރުކުރުމުން، އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅާ އަދި އެއިރު އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެގެންދިޔައީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަޝީދު އިސްތިއުފާ ދެއްވުމާއެކު އެއިރު އެމެރިކާގައި ހުންނެވި ޑރ. ވަހީދު ވަނީ ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ ހުވާ ކުރެއްވިއެވެ.
އެއާއެކު "ބަޣާވާތަކުން" ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހުންނެވީ ވަހީދު ކަމަށް އެއިރު އެމްޑީޕީގެ ގިނަ ފަރާތަތްކަކުން ތުހުމަތު ކުރިއެވެ. އޭގެ ފަހުން ވަހީދު ވެގެންދިޔައީ އެމްޑީޕީ އަދި ނަޝީދުގެ ވެސް އެންމެ ބޮޑު ސިޔާސީ ހަތުރަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން "ބަޣާވާތަކުން" ވައްޓާލިކަމަށް ބުނެ، އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން އެދުވަސްވަރު މާލޭގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެ މުޒާހަރާތައް ވަނީ އައްޑޫ ސިޓީ އަދި އެ ނޫންވެސް ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ.
ނަޝީދުވެސް ތަކުރާރުކޮށް އެތަކެއް ޕޯޑިއަމެއްގައި ވަހީދަށް ނިސްބަތްކުރައްވައި ވިދާޅުވެފައިވަނީ، އެމަނިކުފާނު ވެރިކަމުން "ވައްޓާލީ" ވަހީދު އިސްވެހުންނަވައިގެން ކަމަށެވެ. އަދި ވަހީދާ ދެކޮޅަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މުޒާހަރާކޮށްފައިވާ އިރު، ނަޝީދު ވަނީ، ޑރ. ވަހީދާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ދޭހަވާ މޭރުމަކުންވެސް ވާހަކަދައްކަވައިފައެވެ. އަދި އޭގެ ފަހުން ދެ ބޭފުޅުން އެކުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.
"ޑރ. ވަހީދާ ވާހަކަ ދައްކައިގެން ރާއްޖޭގެ އެއްވެސް ކަމެއް ހައްލު ކުރެވިދާނެ ކަމަށް އަޅުގަނޑު ނުދެކެން،" ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ސިޔާސީ މަސްރަހަށް ފަހުން މި އައި ބަދަލާއެކު، ނަޝީދުގެ "ރާޒުވާ ކުޅިބައި" ވަނީ އެއްކޮށް ބަދަލުވެފައެވެ. އެއްކޮށް މަސައްކަތް ނުކުރާނެ ކަމަށް ކުރިން ވިދާޅުވެފައިވާ އެތައް ބޭފުޅުންނަކާ އެކު، ނަޝީދު ހުންނެވީ މަސައްކަތް ކުރަން ތައްޔާރަށެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ނުކުރައްވަން ނިންމަވައި، ކޯލިޝަނަކާ އެކު ހުންނެވީ ކުރިއަށް ވަޑައިގެންނެވުމަށް ތައްޔާރަށެވެ. އަދި ކޯލިޝަން ނުހައްދަވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް އަނބުރާ ގެންދެވުމަށްފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ކުރިއަށް ވަޑައިގަންނަވަން ވަނީ ނިންމަވައިފައެވެ.
އޭގެ ފަހުން އަނެއްކާވެސް ފެނިގެން މިދިޔައީ ނަޝީދުގެ ފަރާތްޕުޅުން ތަފާތު މަންޒަރެކެވެ. ދުވަހަކުވެސް އެއް މޭޒަކުން ފެނިގެން ނުދާނެ ކަމަށް ގިނަ ބަޔަކު ހީއްކޮށްފައިވާ ދެ ބޭފުޅުން މިއަދު ވަނީ ރޯދަވީއްލުމަކުން ފެނިގެން ގޮސްފައެވެ. ސައުދީގެ އެއްބަސީން ދިން ރޯދަވީއްލުމަކުން ފެނިގެންދިޔައީ ސިޔާސީ އެންމެ ބޮޑު ދެ ހަތުރުން ކަމަށްވާ ޑރ. ވަހީދާއި ނަޝީދު ރޯދަވީއްލަން އެއް މޭޒަކުންނެވެ. މަޖިލީހުން އާންމުކުރި އެ ފޮޓޯއިން ފެނިގެން ދިޔައީ ދެބޭފުޅުން އެކުގައި، ހެވިފައި އިން މަންޒަރެވެ.
އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން ދެ ބޭފުޅުން އެކުގައި ފެންނާނެ ކަމަށް އެއްވެސް ފަރާތަކުން ގަބޫލު ނުކުރާ ކަމަށާއި ނަޝީދަކީ ހިތްތިރި ބޭފުޅެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
"ހިތްތިރިކަމުގެ ނަމޫނާއެއް ރައީސް ނަޝީދުއަކީ. އެ މީހަކު ކުރި ނުބައިކަމެއް އެ މީހަކަށް" އެކަކު ފޭސްބުކުގައި ފޮޓޯއާ ގުޅިގެން ކުރި ޕޯސްޓެއްގައިވެއެވެ.
ބައެއް މީހުން ވަނީ ރޯދަ މަހަށް އެ ދެބޭފުޅުން ގުޅުން ބަދަހިކޮށްލީ ކަމަށްވެސް ބުނެފައެވެ. ބައެއް މީހުން ވަނީ ނަޝީދަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން ޑރ. ވަހީދަކީ "ބަޣީއެއް" ކަމަށް ނަޝީދު މިހާރު ގަބޫލުނުކުރައްވާ ކަމަށާއި ޑރ. ވަހީދަކީ ހުދު "ކާފޫރުކޮޅެއް" ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން ފަހަކަށް އައިސް ބޮޑު ބަދަލުތަކެއް ފެނިގެންދާ އިރު، މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަށް ވުމުން، ސިޔާސީ މައިދާން އަދިވެސް ބަދަލުވެގެންދާނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން ހަތުރުން މިތުރުންނަށް ވުމާއި އިތުރު މަންޒަރުތަކާއި "ރާޒުވާގެ ކުޅިބައި" އިތުރަށް ބަދަލުވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.