ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މަގާމަކަށް މިއަދު އައްޔަންކޮށްފިއެވެ.
އޭޝިއާ ފުޓުބޯޅައިގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ މުހިއްމު މަސައްކަތްތަކުގެ ޒިންމާ އެޅިފައިވާ ކޮމިޓީއަށް ޖަވާ މިއަދު އައްޔަންކޮށްފައިވާ އިރު، އޭނާގެ މަގާމު ދެމިގެންދާނީ މިއަހަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށެވެ. ޖަވާ ވެގެންދާނީ އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގައި މަސައްކަތް ކުރާ ފުރަތަމަ ދިވެހި ފަރާތަށެވެ. މިހާރު ހިނގަމުންދާ އޭއެފްސީގެ ހިންގާ ކޮމިޓީގެ ދައުރަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ހޮވިވަޑައިގެންފައިވާ އިރު، އޭއެފްސީ އެސޯސިއޭޝަން ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކީވެސް އޭނާއެވެ.
އޭއެފްސީ ޑިވެލޮޕްމަންޓް ކޮމިޓީގެ މަގާމަށް ދިޔުމާ ގުޅިގެން "ވަން"އަށް ވާހަކަ ދައްކަވަމުން ޖަވާ ވިދާޅުވީ މުހިއްމު ކޮމިޓީއަކުން ފުރުސަތު ލިބިގެން ދިޔުމަކީ ރާއްޖެއަށް ލިބިގެންދާނެ އުންމީދެއް ކަމަށެވެ.
"އޭއެފްސީގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާ ބެހޭ ކޮމިޓީގައި ހިމެނުމަކީ ވަރަށް ބޮޑު ޝަރަފެއް. އަދި މުހިއްމު ކޮމިޓީއަކުން ފުރުސަތު ލިބުމަކީ ރާއްޖެއަށް ލިބިގެންދާނެ އުންމީދެއް،" ޖަވާ ވިދާޅުވިއެވެ.
އޭއެފްސީ ޑިވެލޮޕްމަންޓް ކޮމިޓީގެ މަސްއޫލިއްޔަތަކީ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާ ގުޅޭ ގޮތުން އޭއެފްސީގެ ހިންގާ ކޮމިޓީއަށް ލަފާ އެރުވުމެވެ. އޭގެ ތެރޭގައި އޭއެފްސީގެ ޖެނެރަލް ޑިވެލޮޕްމަންޓް ޕްލޭނަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއި، އެ ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން އޭއެފްސީގެ ހިންގާ ކޮމިޓީއަށް ލަފާ ދިނުންވެސް ހިމެނެއެވެ.
އޭގެ އިތުރުން، އޭއެފްސީގެ ހިންގާ ކޮމިޓީއަށް ޑިވެލޮޕްމަންޓް ކަންކަން ޕްރޮޕޯސް ކުރުމުގެ އިތުރުން، އޭއެފްސީގެ ހިންގާ ކޮމިޓީގެ ޑިވެލޮޕްމަންޓް ޕްލޭންތަކަށް އާނބަސް ބުނުމާއި އެކަންކަމަށް ނޫނެކޭ ބުނުމުގެ ބާރުވެސް އޮންނަނީ ޑިވެލޮޕްމަންޓް ކޮމިޓީގައެވެ. އެ ކޮމިޓީން އޭއެފްސީގެ ޕްލޭންތަކަށް ގޮތް ނިންމާނީ ގިނަ ކަންތައްތަކެއްގެ މައްޗަށް މަޝްވަރާކޮށް، ވިލަރެސް ކުރުމަށްފަހުގައެވެ. އެއާއެކު އޭޝިއާ ފުޓުބޯޅައިގެ ޑިވެލޮޕްމަންޓް ކަންތައްތަކުގެ ގައިޑްލައިންތަކާއި ޕޮލިސީތައް އެކުލަވާލުމާއި، ޑިވެލޮޕްމަންޓް ކަންތައްތަކުގައި ސްޓޭކްހޯލްޑަރުންނާ ގުޅިގެން ދުނިޔޭގެ އެންމެ ޒަމާނީ ގޮތްތައް އިހުތިޔާރުކޮށް، އެކަންކަން ބެސްޓް ޕްރެކްޓިސްގެ ތެރެއިން ކުރިއަށް ގެންދިޔުމަކީވެސް ޑިވެލޮޕްމަންޓް ކޮމިޓީގެ ޒިންމާއެކެވެ.
ކުރިން ފުޓްބޯޅަ ކުޅުއްވި، ޖަވާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި މަސައްކަތްކުރައްވަމުންނެވެ. އެފްއޭއެމް ސްޓާފެއްގެ ގޮތުގައި ފެށި މަސައްކަތުގައި ޖަވާ ވަނީ އެކި ރައީސުންގެ ދައުރުގައިވެސް ފުޓުބޯޅައިގައި ބުރަކޮށް މަސައްކަތް ކުރައްވައިފައެވެ. އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިހާބުވެވަޑައިގަތުމަށް ފަހު 2016 ވަނަ އަހަރު ޖަވާ ޖެނެރަލް ސެކްރެޓަރީއަކަށް އައްޔަނުކޮށްފައިވާ އިރު، މިހާރު އޭނާ ފުރުއްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ. ބައްސާމްގެ ދައުރުގެ ކުރިން 2014 ވަނަ އަހަރު ވެސް ޖަވާ ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް