މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި ދައުވަތާ ގުޅިގެން އެ ޕާޓީއާ އެކު މަޝްވަރާ ކުރުމަށް، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ނިންމައިފިއެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް ވަނީ އެމްއާރްއެމް ހިމެނޭ ގޮތަށް ފަސް ފަރާތަކަށް ރިޔާސީ އިންތިހާބުގައި އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ދައުވަތު ދެއްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްޑީޕީގެ ކުރީގެ ރައީސް، އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި އެމްއެންޕީގެ އިތުރުން ޕީޕިއެމް ހިމެނެއެވެ. ނަމަވެސް އެމްއާރްއެމް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ވަނީ ގާސިމްގެ ދައުވަތު ގަބޫލުކޮށްފައެއް ނުވެއެވެ.
އެމްއާރުއެމްގެ ނައިބު ރައީސާ އާމިނަތު ނާދިރާ "ވަން" އަށް މިއަދު ވިދާޅުވީ، ގާސިމްގެ ދައުވަތާ ގުޅިގެން އެ ޕާޓީއާއެކު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ.
ނާދިރާ ވިދާޅުވި ގޮތުގައި، އިންތިހާބާ ގުޅޭ ގޮތުން އެމްއާރުއެމް ގޮތެއް ނިންމާނީ މަޝްވަރާތަކަށް ފަހު ޕާޓީގެ ހިންގާ ކޮމިޓީންނެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އެ މަނިކުފާނާއެކު ކޯލިޝަން ހެދުމަށް އެމްއާރުއެމްއަށް ދައުވަތު ދެއްވިއެވެ. އެ ދައުވަތާ ގުޅުގެން އެމްއާރުއެމްގެ ޒައީމް، ރައީސް މައުމޫން ރައީސް ސޯލިހާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވެވިއެވެ.
ގާސިމްވެސް މީގެ ކުރިން ރައީސް މައުމޫން އަދި އެމްއާރުއެމްގެ ރައީސް ރައީސް ފާރިޝް މައުމޫނުއާއެކުގައި މައުމޫން ފައުންޑޭޝަން ހުންނަ ހ. ފުލިދޫގައި މީގެ ކުރިން ބައްދަލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު