މާރާމާރީއެއްގެ މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ ސ. މަރަދޫ ފޭދޫ/ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމް، ފުލުހުންނާ އަމިއްލައަށް ހަވާލުވުމުން އޭނާ ފޮރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ކޯޓުން ދޫކޮށްލައިފިއެވެ.
ފައިހް ފުލުހުންނާ އަމިއްލައަށް ހަވާލުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖެހިއެވެ.
ފައިހް ފޮރުވި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރިއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ދެ މީހަކު ދޫކޮށްލައިފައެވެ. އަދި އަނެއް ތިން މީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ.
އެ މުއްދަތު ހަމަވެ، މި މަހުގެ ހަތަރު ވަނަ ދުވަހު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުންވަނީ އެ ތިން މީހުންވެސް ދޫކޮށްލާފައެވެ.
މި ތިން މީހުން ދޫކޮށްލުމަށް ކުރި އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެހެން ބަޔަކު ދޫކޮށްލާފައިވާއިރު، އެ އަމުރު ފުލުހުންގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވާ ކަމަށެވެ. އަދި މިއީ ޖިނާއީ ކުޑަކުށެއް ކަމަށާއި އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާނެ ހާލަތެއް ނެތް ކަމަށް ބުނެފައިވެއެވެ.