ޚަބަރު

އުތުރުގެ ވިއަވަތި ކޮންފަރެންސް މެއި 12 އިން 14އަށް ހަނިމާދުއާއި ކުޅުދުއްފުށީގައި

ތިން ވަނަ "ވިއަވަތި ރާއްޖެ" މަހާސިންތާ އަންނަ މަހު ހދ. ހަނިމާދުއާއި ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ވިއަަވަތި މަހާސިންތާ ބާއްވާނީ އަންނަ މަހުގެ 12 އިން 14 އަށް ކަމަށެވެ.

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހާއްސަކޮށްގެން ވިއަވަތި ރާއްޖޭގެ ފުރަތަމަ ކޮންފަރެންސް މިދިޔަ އަހަރުގެ މެއި މަހު ބޭއްވީ އއ. އުކުޅަހުގައެވެ. ދެވަނަ ކޮންފަރެސް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވީ ލ. އަތޮޅު ގަމުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ފެއްޓެވި ވިއަވަތި ރާއްޖެ މަހާސިންތާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.

މީގެ އިތުރުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބެލުމާއި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރައީސް އާއި ކަމާބެހޭ ވަޒީރުންނާއެކު މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދައިދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.