އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުންދާ މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑުން ރޭ ލީގުގައި ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
މި ވަގުތު ހަތަރު ވަނައިގައި އޮތް ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މި ވަގުތު ޔުނައިޓެޑްގެ ކުރިން ތިންވަނައިގައި ތާވަލުގައި އޮތް ނިއުކާސަލްއިން ރޭ ވަނީ ވެސްޓް ހަމް ކައިރިން 5-1 އިން މޮޅުވެފައެވެ.
ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ހޯދި މޮޅާއެކު އެ ޓީމު ޓޮޓެންހަމްގެ ކުރިއަށް ހަތަރު ވަނައަށް ޖެހިލީ މިހާތަނަށް ކުޅުނު 28 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އެންމެފަހުން ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅެ އެއްވަރުވި ޓޮޓެންހަމް ތާވަލުގެ ފަސްވަނައިގައި މިވަގުތު އޮތީ 29 މެޗުން 50 ޕޮއިންޓާ އެކުގައެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް ނިއުކާސަލްއިން ރޭ ހޯދީ އަވޭ މޮޅާއެކު އެ ޓީމަށް ވަނީ 28 މެޗުން 53 ޕޮއިންޓް ލިބިފައެވެ. ނިއުކާސަލް ތާވަލުގައި ޔުނައިޓެޑްގެ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.
ޔުނައިޓެޑުން ރޭގެ މެޗު ރަނގަޅަށް ފަށައި، ހަމަލާތައް އުފައްދާފައިވާ އިރު، ކުރީކޮޅުގައި ސްކޮޓް މެކްޓޮމިނޭއާއި އެންޓޮނީ ވަނީ ގޯލަކާ ގާތަށް ޖެހިލައިފައެވެ. ބްރެންޓްފޯޑުގެ ފަހަތަށް ބާރު ބޮޑުކުރަމުންދިޔަ ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ 27 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ އެހީގައެވެ.
ޔުނައިޓެޑުން ނެގި ކޯނަރު ބްރެންޓްފޯޑަށް ރަނގަޅަށް ޑިފެންސް ނުކުރެވިގެން ގޮސް، މާސެލް ސަބިޓްޒާ ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު މިހާތަނަށް ލީގުގައި 15 ގޯލު ޖަހައިދީފައިވާ އިރު، މި ސީޒަނުގައި އޭނާ ވަނީ 28 ގޯލު ކާމިޔާބު ކޮށްފައެވެ.
ރަޝްފޯޑަށް ވުރެ ގިނައިން ޔޫރަޕްގައި މި ސީޒަނުގައި ގޯލު ޖަހައިފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ނަޕޯލީގެ ވިކްޓޯ އޮސީމެންއެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރެންޓްފޯޑުން ކުޅުން ރަނގަޅުކޮށް މެޗަށް އަނބުރާ ވަން ނަމަވެސް، ޔުނައިޓެޑުން ވަނީ ލީޑުގައި ތިން ޕޮއިންޓް ޔަގީންކޮށްފައެވެ. ދެވަނަ ހާފުގައި ކުޅެން ނުކުތް ބްރެންޓްފޯޑުގެ ކެވިން ޝޭޑަށް ނަތީޖާ ހަމަހަމަ ކުރުމަށް ފަހުކޮޅުގައި ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ.
ރޭ ނިއުކާސަލްއިން ކުޅުނު މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ކަލުމް ވިލްސަންއާއި ޖޮއެލިންޓޮން އަދި އެލެކްސެންޑްރާ އިސާކެވެ. ވިލްސަންއާއި ޖޮއެލިންޓޮން ވަނީ ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖަހައިފައެވެ. ވެސްޓް ހަމްގެ ހަމައެކަނި ގޯލު ޖަހައިދިނީ ކާޓް ޒޫމާއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު