ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ދަށުން ހުވަދު އަތޮޅު ގުޅާލަން ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ފުރަތަމަ ފެރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އާރްޓީއެލް ނިޒާމަށް ބޭނުމަށް ފެރީތައް ބަނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ޝާލީ މެރިންއާއެވެ. އަލް ޝާލީ މެރިންއިން އެ ފެރީތައް ބަންނަނީ ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓު ޔާޑުގައެވެ. އެ ކުންފުނިން މިއަދު ވަނީ ހުވަދު އަތޮޅުގައި އާރްޓީއެލް ހިދުމަތް ދިނުމަށް ބޭނުންވާ ފެރީ އެމްޓީސީސީއާ ހަވާލުކޮށް އެ ފެރީ މޫދަށް ބާލައިފައެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށެވެ. ހުވަދު އަތޮޅުގެ ރަށްތަކަށް އާރްޓީއެލް ހިދުމަތް ދިނުމަށް ހަ ފެރީ ބޭނުންވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިއަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރޭގި ހިދުމަށް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީން އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ހދ. ހއ. އަދި ށ. އަތޮޅުގައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ވެސް ވަނީ ފަށައިފައެވެ. އަދި އެމްޓީސީސީން ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ވެސް ފަށައިފައެވެ.