ފްރައިބާގު އަތުން ބަލިވެ، ބަޔާން މިއުނިކް ޖަރުމަނު ކަޕުން ކަޓައިފިއެވެ.
ރޭ ކުޅުނު ޖަރުމަން ކަޕްގެ ކުއާޓާ ފައިނަލް މެޗުގައި ބަޔާން އިން ފްރައިބާގު ކައިރިން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ބަޔާން ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ ފްރައިބާގު ފަހު މިނެޓުގައި ކާމިޔާބުކުރި ޕެނަލްޓީއަކާ އެކުގައެވެ. 11 ވަނަ ފަހަރަށް ލީގު ނެގުމާ ދިމަލަށް މިސްރާބު ހިފާފައި ހުރި ބަޔާން މި އަހަރުވެސް ކަޕުގެ ގަދަ ހަތަރެއްގައި ނުހިމެނި ކަޓައިގެން ގޮސްފައިވާ އިރު، މިއީ އެ ޓީމުން ޖަރުމަނު ކަޕުގެ ކުއާޓާ އިން ކެޓި ތިންވަނަ އަހަރެވެ.
ބަޔާން އިން ރޭގެ މެޗަށް ނުކުތީ އަލަށް ޓީމާ ހަވާލުވި ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި 4-2 އިން ބްރޫޝިއާ ޑޯޓުމަންޑް ބަލިކޮށްފައި އޮވެގެންނެވެ.
ރޭގެ މެޗުގެ ބޮޑުބައެއްގައިވެސް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބަޔާން ނަމަވެސް، އެ ޓީމަށް އެކަށީގެންވާ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ހާއްސަކޮށް ނުރައްކާތެރި ހަމަލާތައް ބަޔާންގެ ފަރާތުންވެސް ފެނުނީ މަދުންނެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ޖެހި ގޯލުން އެ ޓީމު ލީޑު ނެގި ނަމަވެސް، އޭގެ އަށް މިނެޓް ފަހުން ނިކޮލަސް ހޮއެފްލާ ވަނީ ފްރައިބާގަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ރޭގެ މެޗުން ފްރައިބާގު މޮޅުވި ގޯލު އެ ޓީމަށް ޖަހައިދިނީ ލޫކަސް ހޮއިލާއެވެ. އޭނާ ފަހު މިނެޓު ޖެހި ގޯލަކީ ޕެނަލްޓީގައި ޖެހި ގޯލެކެވެ.
ފްރައިބާގުން މިދިޔަ އަހަރު ޖަރުމަނު ކަޕުގެ ފައިނަލުގައި ކުޅުނު މެޗުގައި އާރްބީ ލެއިޕްޒިގް ކައިރިން ބަލިވެފައިވާ އިރު، ފްރައިބާގަށް މިހާތަނަށް ޖަރުމުގެ ފުރަތަމަ ޑިވިޝަންގެ ތައްޓެއް ހޯދިފައެއް ނުވެއެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް