ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގައި ޕޮލިސް ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.
އިއްޔެ ހަވީރު އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗުން ޕޮލިސް މޮޅުވީ 1-0ގެ ނަތީޖާ އަކުންނެވެ.
އިއްޔެގެ މޮޅާއެކު ޕޮލިސް މި ވަގުތު އޮތީވެސް ގްރޫޕްގެ އެއްވަނައިގައެވެ. އެއީ އެ ގްރޫޕްގެ ފުރަތަމަ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބު ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުންނެވެ.
އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ޕޮލިހުން ކުރިއަށް ޖެހި ގޯލު ޖަހާނެ ފުރުސަތުތައް ހޯދި އިރު، ފުރަތަމަ ހާފުގެ ފަހުކޮޅުގައި މެޗު އެއްކޮށްހެން ކޮންޓްރޯލް ކުރީ ގްރީން ސްޓްރީޓްސް އިންނެވެ.
އެ ޓީމުގެ ކުރިއަށް ކުޅެމުންދިޔަ ޒުބޭރަށް ހުސް ދެ ފުރުސަތެއް ލިބި ގޯލެއް ޖެހޭ ގޮތް ވެފައި ނުވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، ދެވަނަ ހާފުގެ ފަހުކޮޅުގައި ޕޮލިހަށް ޖަހައި ދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަބްދުﷲ އިބްރާހިމް މަނިކެވެ. އޭނާ ގޯލު ޖެހީ ޕޮލިހަށް ލިބުނު ކޯނަރަކަށް ކުރިއަށް އަރައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުޓުބޯޅައިގެ ލެޖެންޑުން ފެނިގެންދާ ވެޓެރަންސް މުބާރާތުގެ މެޗެއް މިއަދު ހަވީރު 4:30 ގައި އޮންނާނެއެވެ. މިއަދު އޮންނަ މެޗުގައި ވާދަކުރަނީ ބުރު ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ދަ ގްރާންޑޭ ވަނީ ކުޅުނު ފުރަތަމަ މެޗުން 3-1 އިން އީގަލްސް އަތުން ބަލިވެފައެވެ. މިއަދުގެ މެޗަކީ ބުރުން ކުޅޭ ފުރަތަމަ މެޗެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް